ހަބަރު

ޖަލީލާއި އިބްރާހިމް ދީދީ އާއި ޒިޔާދުގެ ޝަރީއަތް މިއަދު ފަށަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އަދި ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ފަށަން ހަމަޖައްސައިފި އެވެ.

އަބްދުﷲ ގާޒީ ބަންދު ކުރިއިރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަދި މިހާރު ޑިފެންސް މިނިސްޓަރު ޖަލީލާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް ދީދީ އަދި ސިފައިންގެ އޭރުގެ އޮޕަރޭޝަންސް ޑައިރެކްޓާގެ ޒިޔާދުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

އެ ތިން ބޭފުޅުންގެ ޝަރީއަތް ވެސް މިއަދު ހަވީރު 4:00 އިން ފެށިގެން 6:00 އާ ހަމައަށް ވަކިވަކިން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އެ ތިން ބޭފުޅުންގެ ޝަރީއަތް މިއަދު ކުރިއަށް ގެންދާއިރު އެ މައްސަލައިގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ޝަރީއަތް ނިމެންދެން ނަޝީދު ބަންދުގައި ބަހައްޓަން ވެސް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

ނަޝީދުގެ ޝަރީއަތުގައި ވަކީލަކު އައްޔަން ކުރުމަށާއި މައްސަލަ ދިރާސާ ކުރަން ވެސް ކޯޓުން ދިނީ އެންމެ ތިން ދުވަހެވެ. އަދި އެމަނިކުފާނު ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ވެސް ވަކީލެއް އެހީތެރިކަން ދިނުމަށް އެދިފައި އޮއްވަ އެވެ.