ރާއްޖެ ފަސް ލަނޑު ޖެހުމުން އޭނާ ވަރަށް ބޮޑަށް ލަދުގެންފި ކަމަށް ބަނގްލަދޭޝްގެ ކޯޗު ޓޮމް ސެއިންފެއިޓް މިރޭ ބުނެފި އެވެ.
"މިއީ އަހަރެންގެ ކޯޗިން ކެރިއަރުގައި ފަސް ގޯލުން ބަލިވި ފުރަތަމަ ފަހަރު. އަހަރެން ކޯޗުކޮށްދޭތާ 20 އަހަރުވެއްޖެ. އަދި މިއީ ގައުމީ ޓީމުގައި އަހަރެންގެ 47 ވަނަ މެޗު. މިހާބޮޑު ބައްޔެއްނުވޭ،" މެޗަށް ފަހު ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކޯޗު ބުންޏެވެ.
އޭނާ ބުނީ މި ނަތީޖާގެ ސަބަބުން ބަނގްލަދޭޝްގެ ރައްޔިތުންގެ ކިބައިން އޭނާ މައާފަށް އެދޭކަމަށެވެ. އަދި މިއީ މި ޓީމާއެކު އޭނާގެ ފުރަތަމަ މެޗު ކަމަށާއި މެޗުން ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ ކަމަށެވެ.
"މިތަނުގައި ތިބި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން. އަދި ބަނގްލަދޭޝްގައި ތިބި ސަޕޯޓަރުންގެ ކިބައިން ވެސް މައާފަށް އެދެން. އެމީހުން އުފާކޮށްނުދެވުނީތީވެ. އަހަރެންނަށް މި މެޗުން ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ. ބޫޓާން މެޗަށް ކުރިއަށް އޮތް ދުވަސްތަކުގައި އަހަރުމެން ތައްޔާރުވާނަން،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ހާފުގައި ބަނގްލަދޭޝް ޓީމަށް ތިން ފުރުސަތާއި ފަސް ކޯނަރު ލިބުނު ކަމަށާއި ގޯލެއް ޖެހެންވާނެ ކަމަށް ބުނަން ފުރުސަތު އެބައޮތް ކަމަށްވެ.
"ލަނޑެއް ޖެހުނުނަމަ ތަފާތު މެޗަކަށްވީސް. ފުރަތަމަ ހާފުގައި އަހަރުމެން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ލިބުނު ފުރުސަތެއްގައި ގޯލެއް ނުޖެހުނު. ރާއްޖޭގެ ކީޕަރު ވަރަށް މޮޅު ސޭވްތައް ކުރި. ދެ ވަނަ ހާފުގައި އަހަރުމެން ތިބީ ކުޑަކުދިންތަކެއްހެން. ރާއްޖެ މާރަނގަޅަށް ކުޅުނު. ދެ ވަނަ ހާފުގައި އަހަރުމެން ދެއްކި ކުޅުން ގަބޫލެއް ނުކުރެވޭ. މިމެޗުން ގިނަ ކަންތައްތައް ދަސްވެއްޖެ. ކުރިއަށް އޮތް ދުވަސްތަކުގައި ބޫޓާން މެޗަށް ތައްޔާރުވާނީ. އެއީ ވެސް އުނދަގޫ ޓީމެއް،" އެފްރިކާގެ ގިނަ ގައުމުތަކެއްގެ ގައުމީ ޓީމަށް ކޯޗުކޮށްދީފައިވާ ސެއިންޓްފެއިޓް ބުންޏެވެ.