ބަނގްލަދޭޝް އަތުން މިރޭ ރާއްޖެ 5-0އިން މޮޅުވި މެޗުގައި ކޮނޑުހުޅަށް އަނިޔާވި ހަސަން ނާއިޒް (ދާދު) އަށް ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބު ދެންމެ ބުނީ ފުރަތަމަ ހާފުގައި ލިބުނު އަނިޔާގެ ސަބަބުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކުޅުންތެރިޔާގެ ކޮނޑު މިރޭ އޭޑީކޭ ހޮސްޕިޓަލުގައި އޮޕަރޭޝަންކުރާނެ ކަމަށެވެ.
"ކޮނޑު މަތީގައި އިންނަ ޖޮއިންޓް ނެއްޓިފައިވަނީ. މިރޭ 2:30ގައި އޮޕަރޭޝަން ކުރާނެ،" ޝަކީބު ބުންޏެވެ.
މިއަނިޔާގެ ސަބަބުން ޓީސީގެ ހަލުވި ފޯވަޑަށް ދެން އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ ހަ ނުވަތަ އަށް ހަފުތާފަހުން ކަމަށް ވެސް ޝަކީބު ބުންޏެވެ.
ފަހަކަށް އައިސް ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ދާދު އަކީ މިރޭ ބަނގްލަދޭޝްއާ ދެކޮޅަށް ފުރަތަމަ 11ގައި ކުޅެން ނުކުތް ކުޅުންތެރިއެކެވެ. އޭނާގެ ކޮނޑަށް އަނިޔާވީ ފަހުހާފު ފަށައިގެން މާގިނައިރެއްނުވަނީސް ބޯޅައާއެކު ކުރިއަށްދާން އުޅެނިކޮށް ބަނގްލަދޭޝް ކުޅުންތެރިއަކު ހުރަސް އެޅުމުން ނައްޓާފައިދާން އުޅެނިކޮށެވެ.
މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ދާދު އަކީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ފަހުހާފުގައި ކުޅެން ނުކުމެ ބަނގްލަދޭޝް ކޮޅަށް މުހިންމު ގޯލެއް ޖެހި ކުޅުންތެރިއެކެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމަށް މިރޭ ބުނީ ދާދު ނެތުމަކީ ފޫބައްދަން އުނދަގޫ މައްސަލައަކަށްވާނެ ވާނެ ކަމަށާއި ދާދު އަކީ އޭނާގެ ޓީމުގައި ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.'
"ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ. ފޫބައްދަން ދަތިވާނެ. ވަރަށް މަސައްކަތް ކުރަން ޖެހުނީ އޭނާ ނެތްތަން ފޫބެއްދޭނެ ގޮތެއް ހޯދަަން،" ޓޭބަލުގެ ތިން ވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.