ރިޕޯޓް

މާލޭގެ މަގުތައް ހެދުން: މި އަށްވުރެ ބޮޑު އުފަލަކީ ކޮބާ؟

Sep 3, 2016
2
  • ފުރަތަމަ ފަށާނީ މަޖީދީ މަގު
  • ޖުމްލަ 11 މަގެއް ހަދާނެ
  • މަގުތައް ކޮނުން ނިމުމަކަށް އަންނާނެ

މާލޭގެ މަގުތައް ސިފަކުރާނަމަ އެންމެ ފަސޭހައިން ގެނެވޭނެ މިސާލަކީ އޮއްވަޅު ގޮނޑި އެވެ. މަގުތައް ހަލާކުވެ، ވަޅުގަނޑުތައް ހެދިފައިވުމުން މިހާރު ސިފަކުރެވެނީ އެގޮތަށެވެ. މިކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ އެއްގަމު އުޅަނދުގައި ދުއްވާ މީހުންނެވެ. ނަމަވެސް މި އަޑި ގުޑަން ބޮޑު މަގުތައް އެއްވަރުކޮށް، މަގުތައް ހެދުމުގެ ބޮޑު މަސައްކަތް ފަށަން ހައުސިން މިނިސްޓްރީން މި ވަނީ ތައްޔާރުވެފަ އެވެ. މި މަސައްކަތް ފެށޭއިރު، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއަށްވުރެ ބޮޑު އުފަލަކީ ކޮބައި ހެއްޔެވެ؟

"މިހާރު ކާރުގައި އުޅެވޭ ވަރެއް ނޫން. ދެ ތިން ގަޑިއިރު ދުއްވާލާއިރަށް އުނަގަނޑު ހުންނަނީ ކުޑާލާވަރުވެފަ. މަގުތަކުގެ އަޑި ގުޑަން ބޮޑުކަމުން ދުއްވޭ ވަރެއް ނޫން،" ޓެކްސީ ޑްރައިވަރެއްގެ ޝުއޫރަކީ މިއީ އެވެ.

މި ޝުއޫރު އުތުރި އަރަނީ ހަމައެކަނި ޓެކްސީ ދުއްވާ މީހުން އެކަންޏެއް ވެސް ނޫނެވެ. ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް ޖަމާވެފައިވާ ވެރިރަށް މާލޭގައި އުޅޭ ކޮންމެ ރައްޔިތެއްގެ ވެސް ޝުއޫރު މިއީ އެވެ. މާލޭގެ މަގުތަކަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގު ތަކެވެ. އޭރު މުޅި މާލޭގައި ގައު އަތުރައި އެ ޒަމާނާ އެކަށީގެންވާ ފެންވަރަކަށް މަގުތައް ވަނީ ހަދާފަ އެވެ. ނަމަވެސް މާލޭގެ އާބާދީ އިތުރުވެ، ބަރު އުޅަނދުތައް ގިނަވެ، މަގުތައް މަރާމާތުނުކޮށް "ދޫކޮށްލާފައި" ވުމުން މާލޭގެ ބޮޑެތި މަގުތައް ވަނީ ކުދި ކުދި ވެފަ އެވެ.

11 މަގެއް ހަދާނެ

މާލޭގެ 11 މަގެއް ރަނގަޅު ފެންވަރަށް ހަދަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މިގޮތުން މަޖީދީ މަގުގެ މަސައްކަތް އީދުގެ ފަހުން މި މަހުގެ 18 ވަނަ ދުވަހު ފަށާނެ އެވެ. މާލޭގައި ރަނގަޅު ފެންވަރަކަށް ހަދާނެ މަގުތައް:

  • މަޖީދީ މަގު
  • އަމީނީ މަގު
  • އިއްޒުއްދީން މަގު
  • ކަނބާ އައިސާރަނި ހިނގުން
  • އޯކިޑް މަގު
  • ޗާންދަނީ މަގު
  • ބުރުޒު މަގު
  • ހަވީރީ ހަނގުން
  • ހަނދުވަރީ މަގު
  • ލޮނު ޒިޔާރަތް މަގު

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ފަށާ، ބޮޑު މަސައްކަތުގެ ދަށުން މަގުތަކުގެ ގާތައް ނަގައި، ފެން ހިންދާ ނިޒާމާއި ދުވާރުމަތި ރަނގަޅު ފެން ވަރަކަށް ހަދާނެ އެވެ. މި މަސައްކަތުގައި އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ މަސައްކަތް ނިމުމުން ކޭބަލް ވަޅުލަން މިހާރު ތާއަބަދު ކޮންނަން ޖެހުން ނިމުމަކަށް އައުމެވެ. މިއީ މަގުތައް ހަލާކުވެގެން ދިއުމުގެ މައިގަނޑު ސަބަބެވެ. މި މަސައްކަތް ކުރަން ކުންފުނިތަކަށް ހަވާލުކޮށް، އެކަށީގެންވާ ގޮތެއްގައި މޮނީޓާ ނުކުރުމުގެ ނަތީޖާއަކީ ނަގާ ގައުތައް ރަނގަޅަށް އަތުރާފައި ނުހުރުމެވެ.

ނަމަވެސް، ހައުސިން މިނިސްޓަރު ވިދާޅުވީ މަގުތައް ރީ-ސާފޭސްކޮށް ނިމޭއިރު، ކޭބަލް ވަޅުލާ ގޮތަށް ވެސް ބަދަލު އަންނާނެ ކަމަށެވެ.

"މިހާރު ކޭބަލް ޖަންގްޝަންތައް މި ހުންނަނީ ޕޭވްމަންޓުގެ އަޑީގައި. މިހެން ހުރުން މިހާރު އެއްވެސް ކަހަލަ ކޭބަލާ ގުޅުންހުރި ކަމެއް ކުރާނަމަ މިޖެހެނީ ކޮންނަން. ކޮނެގެން ކާތައް ނަގަން. މި ގާތައް އަތުރާއިރު ރަނގަޅަކަށް ނުހުހޭ. ނަމަވެސް މިހާރު މި ކުރާކަމަކީ ޕޭވްމަންޓުގެ ލެވަލްއާ ހަމައަށް ކޭބަލްތައް ފުންކޮށްލަނީ. ނޫނީ އުސްކޮށްލަނީ. މިހެން ހެދުމުން ކޭބަލް ޖަންގްޝަންގެ މަތިގަނޑު ހުންނާނީ ޕޭވްމަންޓް ލެވަލްގައި،" މުއިއްޒު ވިދާޅުވި އެވެ.

"މަސައްކަތް ކުރާއިރު ކެތްތެރިވާން ޖެހޭނެ"

މާލޭގެ މަގެއް ބަންދުކޮށްލުމުން މުޅި މާލެއަށް އަންނަ ލޮޅުން އެނގޭނެ އެވެ. މިއީ ގާތްގަނޑަކަށް ދެ ލައްކަ އެއްހާ މީހުން ދިރިއުޅޭ މާލޭގެ ހާލަތެވެ. ނަމަވެސް މާލޭގެ މަގުތައް ރީސާފޭސް ކުރުމުގެ މަސައްކަތް ކުރާއިރު، މަގު ބަންދު ކުރަން ޖެހޭނެ އެވެ. އެހެންކަމުން މި މަސައްކަތް ކުރިއަށްދާއިރު، މަގުތަކުގެ ބޭނުން ހިފާ މީހުން ކެތްތެރިކަން އިސްކުރަން ޖެހޭނެ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ މި މަސައްކަތް ހިނގާއިރު، މި ސަރަހައްދުގައި ހުރި ޕާކް ކުރުން އެހެން ސަރަހައްދަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

"ހުރިހާ ބޭފުޅުންގެ ވެސް އެއްބާރުލުން މި ކަމަށް ބޭނުންވާނެ. މިކަމަކީ ރައްޔިތުންނަށްޓަކައި ކުރާ ބޮޑު ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

"20 ގަޑިިއިރު މަސައްކަތް ކުރާނެ"

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ހަދަން ފަށާ މަޖީދީމަގުގެ މަސައްކަތް ކުރާނީ ނުވަ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން ކޮންމެ ބައެއް ނިންމުމަށް ދެ ހަފުތާ ހޭދަވާއިރު، ހުއްޓުމެއް ނެތި 20 ގަޑިއިރު މަސައްކަތް ކުރާނެ އެވެ.

މަޖީދީ މަގު ބަންދުކުރާނެ ގޮތް

  • ރަސްފަންނު- އިއްޒުއްދީން މަގަށް (ސެޕްޓެން ބަރު 18 އޮކްޓޫބަރު 1 އަށް)
  • އިއްޒުންދީން މަގު-ފަރީދީމަގު ޖަންގުޝަންއަށް (2-15 އޮކްޓޫބަރަށް)
  • ފަރީދީމަގު ޖަންގްޝަން-މާވެޔޮމަގު ޖަންގްޝަންއަށް ( އޮކްޓޫބަރު 16-29 އަށް )
  • މާވެޔޮ މަގު-ޗާންދަނީ މަގަށް (30 އޮކްޓޫބަރުން ނޮވެމްބަރު 12 އަށް
  • ޗާންދަނީ މަގު-ނީލޯފަރު ހިނގުން (ނޮވެމްބަރު 13-26 އަށް)
  • ބަނަފްސާ މަގު-ސޯސަން މަގު (ޑިސެމްބަރު 11- 24 އަށް)
  • ސޯސަން މަގު- ޖަނަވަރީ މަގަށް (25 ޑިސެމްބަރު-7 ޖެނުއަރީއަށް)
  • ޖަނަވަރީ މަގު- ބޮޑު ތަކުރުފާނު މަގަށް (8-22 ޖެނުއަރީއަށް)

މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި މަގުތަކުގެ މަސައްކަތް ނިމޭއިރު، އަންނަ މަގުތައް ހުންނާނީ ނުކުޅެދޭ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ޕޭވްމަންޓަށްވެސް ބަދަލު ގެނެވިފަ އެވެ. އަދި މި މަސައްކަތާއެކު ފެން ހިންދުމުގެ ނިޒާމު ވަރުގަދަ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެން ހިންދުން ރަނގަޅު ވެގެންދާނެ. މި ގެންނަ ބަދަލުތަކާއެކު އާ ޑްރެނޭޖް- ކާނުތައް ހޮޅި އަޅައިގެން ވަޅު ލެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަކީ މިތަނުގައި ދިރިއުޅޭ މުޅިރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެދުމެކެވެ. މި މަސައްކަތް ފެށުމަށް ހައުސިން މިނިސްޓްރީން މިވަނީ ތައްޔާރުވެފަ އެވެ. މިއީ ލިބިގެންދާނެ އެންމެ ބޮޑު އުފަލެވެ.