މާލޭގެ މޭޔަރު

މަގުތަކުން ބާ ސައިކަލުތައް ނަގަން ފަށަނީ

ބާވެ ބޭނުން ނުކޮށް، މާލޭގެ މަގުމަތީގައި ހުންނަ ސައިކަލުތައް ނަގަން ހާއްސަ އޮޕަރޭޝަނެއް ފަށަން މާލެ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު، ގުޅުންހުރި ފަރާތްތަކާ ބައްދަލު ކުރައްވައިފި އެވެ.

އިއްޔެ އޮތް އެ ބައްދަލުވުމުގައި ވަނީ މާލޭ ސިޓީގެ މަގުތައް ބަލަހައްޓާ މުއައްސަސާތަކާއި ކުންފުނިތައް ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ފުލުހާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ ހިމެނެ އެވެ.

ބާވެފައިވާ ސައިކަލާއި ބައިސްކަލުތައް މާލޭ ސިޓީގެ މަގުތަކުން ނަގަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި އެ މަސައްކަތް ވީހާވެސް އަވަހާ ފަށާނެ އެވެ. ތާރީހެއް ނުދެ އެވެ.

މާލޭގައި ސައިކަލުގެ އަދަަދު އިންތިހާއަށް ގިނަ އެވެ. އޭގެ ސަބަބުން ގިނަފަހަރު ޕާކް ކުރާނެ ޖާގައެއް ނުރެ އެވެ. އެހެން އޮންނަ އިރު ބޭނުން ނުކުރާ ބާ ސައިކަލަކާއި ބައިސްކަލްތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިވެ އެވެ.