ބޭރު ކުޅިވަރު

ފުރުސަތު ނެތް ސްވައިންސްޓައިގާ ޔުނައިޓެޑުގެ ޓީމުގައި ހިމަނައިފި

މެންޗެސްޓާ ޔުނައިޓެޑް ދެން ކުޅެން ފުރުސަތު ނުލިބޭނެ ކަމަށާއި އެހެން ކުލަބެއް ހޯދަން ކޯޗު ހޯސޭ މޮރީނިއޯ އެދިފައިވާ މިޑްފީލްޑަރު ބަސްޓިއަން ސްވައިންސްޓައިގާ އެންމެ ފަހުން ޓީމުގައި ހިމަނައިފި އެވެ.

ހުސްވި ހަފުތާގައި ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ސްވައިންސްޓައިގާ ޕްރެމިއާ ލީގުގައި ވާދަކުރާ ޔުނައިޓެޑުގެ 25 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނީ ޓީމުގައި 21 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭތީ އެވެ. މާކަސް ރަޝްފޯޑާއި ލޫކް ޝޯ އަދި އެންތަނީ މާޝިއަލް އަކީ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށްވުމުން މި ކުޅުންތެރިންނަށް ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ނަމަވެސް 121 މެޗުން 24 ގޯލު ޖަހާދީފައިވާ ޖަރުމަނުގެ ކުރީގެ ކެޕްޓަނަށް މެޗެއް ކުޅެން ފުރުސަތު ލިބުން ވަރަށް ދުރު ކަމަށް ކޯޗު މޮރީނިއޯ ބުނެ އެވެ.

"އެންމެ ދެ މަގާމަށް އަހަރެންގެ އެބަތިބި ފަސް ކުޅުންތެރިން އޭނާ އަށްވުރެ ކުރީގައި. މިހެންވެ ފުރުސަތު ލިބުމަކީ ވަރަށް ދުރުކަމެއް،" މޮރީނިއޯ ބުންޏެވެ.

އެކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާ އާއި މަރައުނޭ ފެލައިނީ އާއި އެންޑާ ހެރޭރާ އާއި މޯގަން ސްނައިޑާލިން އަދި މައިކަލް ކަރިކެވެ.

ނަމަވެސް 32 އަހަރުގެ ސްވައިންސްޓައިގާ ބުނީ ޓީމުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ކުޅެން ތައްޔާރަށް އޭނާ ހުންނާނެ ކަމަށެވެ.