ރާއްޖެ ކުޅިވަރު

މޮޅު ފެތުންތެރިންނަށް ސާޖިނާ އާއި ނިޝްވާން

ހުސްވި އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިންނަށް އައިޝަތު ސާޖިނާ އާއި ނިޝްވާން އިބްރާހީމް ހޮވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސްވިމިން އެސޯސިއޭޝަނުގެ އެވޯޑް ހަފުލާގައި މި ދެ ފެތުންތެރިންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހެވެ.

އެންމެ މޮޅު އަންހެން ފެތުންތެރިޔާ ސާޖިނާ އަކީ މިދިޔަ އަހަރު ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި ފަތައި 200 މީޓަރު ބްރެސްޓްސްޓްރޯކާއި އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕުގެ 50 މީޓަރ ބްރެސްޓްސްޓްރޯކުން ގައުމީ ރެކޯޑްއާކޮށްފައިވާ ފެތުންތެރިޔާ އެވެ.

އެންމެ މޮޅު ފިރިހެން ފެތުންތެރިޔާ ނިޝްވާން އަކީ ސީނިއާ ގްރޫޕުން ވެސް އެއްވަނަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕާއި ކޮމަންވެލްތް ޔޫތު ގޭމްސްގައި ވާދަކޮށް 50 މީޓަރު ބަޓަފްލައި ރޭހާއި ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. ނަމަވެސް ސައުތު އެފްރިކާގައި ތަމްރީންތައް ފުރިހަމަ ކުރަމުންގެންދާތީވެ ނިޝްވާންގެ މިހަފްލާގައި ބައިވެރިނުވެ އެވެ.

ހުސްވި އަހަރުގެ ދެ ވަނަ އަންހެން ފެތުންތެރިއަކީ ސީނިއާ ގްރޫޕުން އެއްވަނަ ހޯދި އާމިނަތު ޝަޖަން އެވެ. ތިން ވަނަ ލިބުނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތްތަކުންނާއި ޖޫނިއާ ގްރޫޕުތަކުގެ ބައިން ވެސް އެއްވަނަ ހޯދި ހަމްނާ އަހުމަދަށެވެ. ފިރިހެން ދެ ވަނަ ފެތުންތެރިއަކީ ޖޫނިއާ ގްރޫޕުން އެއްވަނަ ހޯދި އިސްމާއީލް މުތާސިމް އަދުދާނެވެ. ތިން ވަނަ އަށް ދިޔައީ ސީނިއާ ގްރޫޕުން އެއްވަނަ ހޯދި މުބާލް އައްޒާމް އިބްރާހީމެވެ.

މީގެ ތެރެއިން ޝަޖަން ވަނީ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕުގައި ވާދަކޮށް 400 ފްރީސްޓައިލްގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. މުތާސިމް ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 400 މީޓަރާއި 1500 މީޓަރު ފްރީސްޓައިލް އަދި ހަތަރެއްގުނަ 100 މީޓަރު އިންވިޖުއަލް މިޑްލޭ ރިލޭގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ މުބާރާތްތަކުން 1 ވަނަ ފިރިހެން ފެތުންތެރިއަކީ ހަސަން ޒައިން އެވެ. އަދި ސީނިއާ ގްރޫޕުން އެއްވަނަ ހޯދި މުބާލްއާއެކު އެ މަގާމު ނިޝްވާން އިބްރާހީމް ވެސް ވަނީ ހޯދާފަ އެވެ.