ބޭރު ކުޅިވަރު

ގަތަރުގައި ވޯލްޑް ކަޕް ބޭއްވޭނީ ނޮވެމްބަރު / ޑިސެމްބަރުގައި: ޓާސްކް ފޯސް

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ބޭއްވޭނީ އެ އަހަރުގެ ނޮވެމްބަރު / ޑިސެމްބަރު މަހުގައި ކަމަށް ވޯލްޑް ކަޕް ބާއްވަން އެންމެ އެކަށީގެންވާ ދުވަހެއް ކަނޑައެޅުމުގެ ޒިންމާ ހަވާލުކޮށްފައިވާ ޓާސްކް ފޯސްގެ ޗެއާމަން ވިދާޅުވެއްޖެ އެވެ.

އާންމު ގޮތެއްގައި ހޫނު މޫސުގައި ވޯލްޑް ކަޕް ބޭއްވި ނަމަވެސް، ހޫނު މޫސުމުގައި ގަތަރުގެ ފިނި ހޫނުމިން މަތިވުމުން ކުޅުންތެރިންނަށް ސިއްހީ ނުރައްކާތަކެއް ކުރިމަތިވެދާނެ ބިރު އެބައޮތެވެ. އެހެންވެ ގަތަރުގެ ވޯލްޑް ކަޕް ފިނި މޫސުމުގައި ބޭއްވުމަށް ދަނީ މަޝްވަރާކުރަމުންނެވެ.

ގަތަރު 2022 ވޯލްޑް ކަޕްގެ އޯގަނައިޒިން ކޮމެޓީގެ ޗެއާމަން ހަސަން އަލް ތަވާދީ ވިދާޅުވީ ކޮންމެ ތާރީހެއްގައި ބާއްވަން ޖެހުނަސް، ގަތަރު އޮތީ ވޯލްޑް ކަޕް ބޭއްވުމަށް ތައްޔާރަށް ކަމަށެވެ.

"ކޮންމެ ގޮތަކަށް ނިންމިޔަސް، ގަތަރު މި އޮތީ ކޮންމެ ތާރީހެއްގައި ވެސް މުބާރާތް ބާއްވަން ތައްޔާރަށް،" ތަވާދީ ވިދާޅުވި އެވެ.

ވޯލްޑް ކަޕް އާންމުކޮށް ބާއްވާ ޖޫން / ޖުލައި މަހުގެ ތެރޭގައި ގަތަރުގެ ފިނި ހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށް އަރާއިރު، ގަތަރުގެ ހޫނު މޫސުމުގައި ވޯލްޑް ކަޕް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފީފާގެ ރައީސް ޖޯސެޕް ބްލެޓާ ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

ފިނި މޫސުމުގައި ވޯލްޑް ކަޕް ބާއްވައިފި ނަމަ، ޔޫރަޕްގެ ފުޓްބޯޅަ ސީޒަނަށް ބުރޫއަރާނެތީ، ޔޫރަޕްގެ ކްލަބް އެސޯސިއޭޝަނާއި އެސޯސިއޭޝަން އޮފް ޔޫރަޕިއަން ޕްރޮފެޝަނަލް ފުޓްބޯލް ލީގްސް އިން ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް މޭ މަހު ނުވަތަ އޭޕްރީލް މަހު ބޭއްވުމަށް ހުށަހަޅައިފަ އެވެ. އެކަމަކު މި ހުށަހެޅުމަށް ފީފާ އިން ސަމާލުކަން ދޭނެ ކަމަށް ނުބެލެވެ އެވެ. -- ބީބީސީ