ހަބަރު

އަދީބާއި ގާސިމާ ދެމެދު ނުތަނަވަސްކަމެއް ނެތް: ޖޭޕީ

Feb 24, 2015
5

ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ނިސްބަތް ކުރައްވާ ގާސިމް ސިޔާސީ ޕޯޑިއަމްތަކުގައި ފާޑު ވިދާޅުވި ނަމަވެސް އެ ދެ ބޭފުޅުންގެ މެދުގައި ނުތަނަވަސްކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ އިން މިއަދު ބުނެފި އެވެ.

އެ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު މިއަދު ވިދާޅުވީ، ރައީސް ނަޝީދު ޝަރީއަތަށް ހާޒިރު ކުރުމާ ދެކޮޅަށް އެފްޑީއައި ކައިރީ އިއްޔެ ކުރި މުޒާހަރާއަށް ފަހު ގާސިމް ގެއަށް ވަޑައިގަންނަވަނިކޮށް މަގުމަތިން މަގުމަތިން އަދީބު ފެނިވަޑައިގަތް ކަމަށެވެ. އަދި އެއާއެކު އަދީބު ކައިރިއަށް ވަޑައިގަތް، އިހުތިރާމާ އެކު ސަލާމް ކުރައްވައި، "މި ސަރުކާރުން ކަންކުރާ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރެއްވި" ކަމަށެވެ. އަދި އަދީބާއި ގާސިމް އެވަގުތު ވާހަކަ ދެއްކެވީ، ރަހުމަތްތެރި ކަމުގެ ގޮތުން އިހުތިރާމާ އެކުގައި ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި ގާސިމް ކިތަންމެ ވަރަކަށް ވާހަކަ ދެއްކެވި ނަމަވެސް، އަދީބަށް ގާސިމް އިހުތިރާމް ކުރައްވާ ކަމަށެވެ.

"ގާސިމް އެއްވެސް ވަރަކަށް އަދީބާ ދިމާލަށް ހަޅޭއްލަވައި ދިމާކޮށްލައި ނުހައްދަވާ. ހަމައެކަނި ސަރުކާރުން މި ހެއްދެވީ ކީއްތޯ އެއްސެވީ. އެއީ ރައްޓެއްސަކާ ދިމާވީމާ އަހާލާ ގޮތަށް. ގާސިމް އަދީބަށް އިހުތިރާމް ކުރައްވައި އަދި އެމަނިކުފާނާއި އަދީބާ މެދު އެއްވެސް ނުތަނަވަސްކަމެއް ނެތް،" އަލީ ސޯލިހު ވިދާޅުވި އެވެ. "ސިޔާސީ ޕޯޑިއަމް އާއި ރަހުމަތްތެރި އަދި ޕްރޮފެޝަނަލް ގުޅުން އެއީ ތަފާތު އެއްޗެއް. ރަހުމަތްތެރިކަން ހަމަ އެ އޮންނަ ގޮތުގައި އޮންނާނެ،"

އެ ޕާޓީން އެހެން ބުނި ނަމަވެސް، މަންޒަރު ދުށް މީހުން ބުނި ގޮތުގައި ގާސިމަށް އަދީބު ފެނިވަޑައިގަތުމުން އަދީބު ކައިރިއަށް ގޮސް، ޑިމޮކްރަސީއަށް ތި ހަދަނީ ކިހިނެތްހޭ ކިޔާ އަތްއުއްކަވައި ހެއްދެވި އެވެ. ނަމަވެސް ރައްދުގައި އަދީބު ހަމައެކަނި ވިދާޅުވީ، "މިއީ މަނިކުފާނު ވެސް ގެންނެވި ޑިމޮކްރަސީ" ކަމަށެވެ. އަދި އެއަށް ފަހު އެތަނުގައި ތިބި އެހެން މީހުން ވެސް އަދީބާ ދިމާލަށް ކީ އެއްޗިހި އަޑުއެއްސެވުމަށް ފަހު ހިނިތުންވެފައި އެތެރެއަށް ވަޑައިގެންނެވީ ކަމަށް ވެސް މަންޒަރު ދުށްމީހުން ބުނެފައިވެ އެވެ.