ވިޔަފާރި

ނޯޓު 7ގެ ޕްރިއޯޑާ ތަކަށް ދިރާގުން ރީފަންޑް ދޭން ފަށައިފި

ސެމްސަންގް އިން އެންމެ ފަހުން ބާޒާރަށް ނެރުނު، "ގެލެގްސީ ނޯޓް 7" ޕްރި އޮޑާކުރި ފަރާތްތަކަށް ރިފަންޑް ކޮށްދޭން ދިރާގުން ފަށައިފި އެވެ. ދިރާގުން ރީފަންޑް ކޮށްދޭން ފަށާފައިމިވަނީ "ނޯޓު 7" ގައި ޗާޖް ކުރުމުން ފޯނުގައި ބެޓެރި ގޮވާ މައްސަލައިގައި އެ ސީރީޒްގެ ފޯނުތައް ވިއްކުން ސެމްސަންގް އިން އިއްޔެއިން ފެށިގެން ހުއްޓާލުމާ ގުޅިގެންނެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ވިދާޅުވީ، ޕްރިއޯޑާކުރި ކަސްޓަމަރުންނަށް ރީފަންޑްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ބައެއް ފަރާތްތަކަށް މިހާރު ވެސް ރީފަންޑްކޮށްދީފައިވާނެ ކަމަށެވެ. ރާއްޖޭގެ ފޯނުގެ ސިޕްމެންޓް އައުން ލަސްވީ ވެސް ފޯނުގައި މައްސަލަތަކެއް އުޅޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. ދިރާގުން ނޯޓް 7 ގެ އެއްވެސް ފޯނެއް ދޫކޮށްފައެއް ނުވެ އެވެ.

މިރުޝާން ވިދާޅުވީ، ނަގުދު ފައިސާ އިންނާއި، ކާޑުން ފޯނަށް އެޑްވާންސްކޮށް ކަސްޓަމަރުން ފައިސާ ދައްކާފައިވާއިރު ރީފަންޑްކޮށްދެނީ އެ ކަސްޓަމަރަކަށް ފަސޭހަ ގޮތަކަށް ކަމަށެވެ.

ފޯނަށް ދެއްކި ފައިސާ، ރީފަންޑްކުރަން ފަށާފައިވާއިރު، ސެމްސަންގް އިން ވަނީ ފޯނު އިތުރަށް ނުވިއްކުމަށް އަންގާފަ އެވެ. އަދި އެ ކުންފުނިން ވަނީ ވިއްކާފައިވާ، 2.5 މިލިއަނެއްހާ ފޯނަށް ވެސް ބަދަލުދޭން ނިންމާފަ އެވެ.

ސެމްސަންގް އިން އިއްޔެ ބުނީ ނޯޓް 7 ވިއްކުން ހުއްޓާލަނީ ފޯނުގެ ބެޓަރީގެ ސީރިއަސް މައްސަލަތަކެއް ފާހަގަ ވެގެން ކަމަށެވެ. ސެމްސަންގް އިން ބުނީ ނޯޓް 7 ޗާޖް ކުރުމުން ފޯނުގެ ބެޓެރި ގޮވައިގެން، 35 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

ވިއްކާފައިވާ ފޯނުތަކަށް ބަދަލު ދޭނީ، އެ ފޯނުގެ ބެޓަރީގައި އުޅޭ މައްސަލަ ހައްލު ކުރުމަށް ފަހު، އަލުން ފޯނުތައް ބާޒާރަށް ނެރުމަށް ފަހުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ނޯޓް 7 އަލުން ވިއްކަން ފަށާނީ މައްސަލަ ހައްލުކޮށް، ފޯނުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްފައި ކަމަށް ވެސް ސެމްސަންގް އިން ބުންޏެވެ.

މިރުޝާން ވެސް ވިދާޅުވީ، ދެން ފޯނު ވިއްކަން ދިރާގުން ފަށާނީ މައްސަލަތައް ހައްލުކޮށް، އަލުން ފޯނުތައް ބާޒަރަށް ނެރުމުން ކަމަށެވެ.