ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު އެ މައްސަލަ ބެލުމުން ތަނާޒުލްވުމަށް(ދުރުވުމަށް) ނަޝީދުގެ ވަކީލުން އެދިވަޑައިގެންފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލްބާރީ ޔޫސުފްގެ އިތުރުން ގާޒީ ޝުޖާއު އުސްމާނެވެ. ނަޝީދުގެ ވަކީލުންގެ ފަރާތުން އެދިވަޑައިގަތީ ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ ބާރީ އެ މައްސަލަ ބެލުމުން ދުރުވެ ވަޑައިގަތުމަށެވެ.
ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތް މިނިސްޓަރު ހަސަން ލަތީފް ސޮއި ކުރައްވައި ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައިވަނީ އެ ދެ ބޭފުޅުން އެ މައްސަލަ ބެލުމުން ދުރުވާން ނަޝީދުގެ ފަރާތުން އެދެނީ އެ ދެ ބޭފުޅުންނަކީ ނަޝީދުގެ ފަރާތުން ދިފާއުގައި ހުށަހަޅަން ނިންމާފައިވާ ހެކިންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުން ކަމަށް ވާތީ ކަމަށެވެ.
އެއީ އެ ދެ ބޭފުޅުންނަކީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އަބްދުﷲ ގާޒީއާ އެކު ތިއްބެވި ދެ ބޭފުޅުން ކަމަށް ވާތީ އެތަނުގައި ސިފައިންނާއި އަބްދުﷲ ގާޒީއާ ދެމެދު ދެކެވުނު ވާހަކަތަކުގެ އަލީގައި ނަޝީދު އެއްވެސް ބޭފުޅަކު ރަހީނު ނުކުރާކަން ސާބިތުކުރަން ކަމަށް އެ ސިޓީގައިވެ އެވެ.
ނަޝީދުގެ މައްޗަށް ހިންގާ އެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާއިރު އެމްޑީޕީންނާއި އިދިކޮޅު ފަރާތްތަކުން ދަނީ އެ ޝަރީއަތުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަމުންނެވެ. އެގޮތުން އިއްޔެ އެމަނިކުފާނު ބަންދުކުރަން އަމުރު ކުރިއިރު ވެސް އެމަނިކުފާނަށް ވަކީލެއްގެ އެހީތެރިކަން ނުލިބޭކަން އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ.