ކ. ހިންމަފުށީގައި ސަރުކާރުން ތަރައްގީކޮށް ހިންގަމުން އަންނަ ރިހެބުގައި ފަރުވާ ހޯދައި، އަލުން މުޖުތަމައުއަށް ނުކުންނަ ފަރާތްތަކަށް ސަރުކާރުން ވަޒީފާ ހަމަޖައްސައިދިނުމަށް ނިންމާފައިވާކަން ސޯޝަލް ކައުންސިލުން މިއަދު ބުނެފި އެވެ.
ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހިންގަނީ ނޭޝަނަލް ޑްރަގު އެޖެންސީނެވެ.
އެ ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކައުންސިލްގެ ޗެއާ އަދި ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ، ރީހެބުގައި ފަރުވާ ހޯދާ ފަރާތްތަކާ ވަރަށް ފަހުން ބައްދަލުކުރެއްވި ކަމަށާއި އެ ހުރިހާ ފަރާތްތަކުކުން ވެސް ބޭނުން ވަނީ ވަޒީފާއެއް ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށްފަހު ރައީސް ނިންމެވީ ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، މަޓީ އާއި ވިޔަފާރިވެރިންގެ ޖަމިއްޔާ އަދި ސަރުކާރު ކުންފުނިތަކާއެކު އެކަމަށް ވާހަކަ ދައްކާފައިވާ ކަމަށާއި އެ ހުރިހާ ކުންފުނިތަކުން ވެސް އެކަމަށް އެއްބަސްވާ ކަމަށެވެ.
އެ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ނޭޝަނަލް ޑްރަގު އެޖެންސީއިން އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، ބޮޑަށް ބަލާނީ ޝަރުތައް ފުރިހަމަވާ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ކަމަށެވެ. އަދި ފުރަތަމަ ވަޒީފާ ހަމަޖައްސައިދޭނީ ވަޒީފާ އަދާކުރާ ގަޑިއަށް އުޖޫރަ ދޭ ގޮތަށް ކަމަށާއި މަސައްކަތަށް ރަނގަޅުނަމަ ދާއިމީ ވެސް ކޮށްދޭނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.
ރީހެބުގައި ފަރުވާ ދިނުމުގެ އިތުރުން އެ ފަރާތްތައް އަލުން މުޖުތަމައުއަށް ނެރެ، ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދިނުމަކީ ވެސް ސަރުކާރުން އިސްކަންދޭ ކަމެއް ނައިބު ރައީސް ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުގެ ހުނަރުތައް ކުރިއަރުވަން ވެސް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.
އެއް ފުރާޅެއްގެ ދަށުން ރީހެބުގެ ހުރިހާ ހިދުމަތްތަކެއް ދިނުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ޖިހާދު ވިދާޅުވި އެވެ.