ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި ދެމީހުންގެ ތެރެއިން އަންހެން މީހާ މަރުވެ، ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު އެ ދެމީހުން ދުއްވި ސައިކަލްގެ ފަހަތުން ބާރު ސްޕީޑްގައި ދުއްވަނިކޮށް ސައިކަލްގައި ޖެހުނު ކާރު ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިން އުމުރުން 22 އަހަރުގެ މީހާ މިރޭ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެ މީހާގެ އެއްވެސް މައުލޫމާތެއް ނުދެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރި އިރުވެސް އިނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ރޭގެ އެކްސިޑެންޓްގައި އޭނާއަށް އަނިޔާވެފައެއް ވެސް ނުވެއެވެ.
ހުޅުމާލޭގައި ނިރޮޅު މަގުން އެޗްޑީސީ ކައިރިން ރޭ ގާތްގަނޑަކަށް 11:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި ފަހަތުން ގޮސް ކާރު ޖެހިފައި ވަނީ އިސްލާމިކް ޔުނިވާ ސިޓީގެ ލެކްޗަރާއެއް ކަމަށްވާ މުހައްމަދު ޝާހިދު 35، އާއި ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ 28، ދުންވަމުން ދިޔަ ސައިކަލްގަ އެވެ. އެ ހާދިސާގައި އެ ދެ މީހުން ދުރަށް ވިއްސައިގެން ގޮސް ޖެހުނު ކަމަށް ވެއެވެ.
އެ ދެ މީހުންނަށް ރޭ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ރޭ މެންދަމު އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް ޝިއުނާ މަރުވީ މިއަދު ހެނދުނު އެވެ. އޭނާ މަރުވި އިރު ހަށިގަނޑަށް ބޮޑެތި ޒަހަމްތައް ލިބި ތަންތަން ބިނދިފައި ވެއެވެ. ޝާހިދުގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު މެންދުރު ބުންޏެވެ.
ފުލުހުން ބުނީ ރޭގެ އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހޯދަން ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަތުން ދުއްވަމުން އައި ކާރެއް ޖެހިގެންކަން އެކަނި ކަމަށެވެ. މި އެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.