- ރާއްޖެއާ މެދު ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް
- ފައިސާ ހޯދާ ގޮތާމެދު ސުވާލު އުފެއްދެވި
- ޕްރޮމޯޝަން ބަޖެޓަށްވުރެ ބަދުނާމު ބަޖެޓު ބޮޑު
ރާއްޖޭގެ އަގު ވައްޓާލައި ބަދުނާމު ކުރަން، ހިންގާ ކެމްޕޭންތަކަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ) އިން ފައިސާ ހޯދާ ގޮތެއް ނޭނގޭ ކަމަށާއި، ފައިސާ ހޯދާ ގޮތާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އިނދިކޮޅު ފަރާތްތަކުން ރާއްޖޭން ބޭރުގައި ތިބެގެން ބޮޑު ހޭދައެއް ރާއްޖެ ބަދުނާމު ކުރުމަށް ކުރަމުންދާ ކަމަށާ، މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ރާއްޖޭގެ ޕްރޮމޯޝަން ބަޖެޓަށް ވުރެ ރާއްޖެ އަގު ވައްޓާލައި، ބަދުނާމު ކުރަން އިނދިކޮޅު ފަރާތްތަކުން ކުރާ ހޭދަ ބޮޑު،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އަގު ވައްޓާލުމަށް ދައްކާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.
"އެއްވެސް އަސްލެއް ނެތް ވާހަކަ މި ދައްކަނީ. މީގައި ސުވާލު އުފެދޭ ކިހިނެއްތޯ މިހާ ގިނަ ފައިސާ ހޯދަނީ މި ކަންކަމަށް؟،" ސައީދު ވިދާޅުވި އެވެ.
އިނދިކޮޅު ފަރާތްތަކުން ރާއްޖެ ބަދުނާމު ކުރުމަށް ފައިސާ ހޯދާ ގޮތެއް ނޭނގޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއިރު، ބޭރުގެ ނޫސްވެރިންނަށް ފައިސާ ދީގެން ރާއްޖެއާ ދެކޮޅަށް ރިޕޯޓު ހަދާކަމަށް ޕީޕީއެމްގެ މަޖިލިސް މެންބަރުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން އަލްޖަޒީރާ އިންވެސްޓިގޭޓްސް އިން ތައްޔާރު ކުރި، "ސްޓީލިން ޕެރަޑައިޒް" އަކީ ވެސް އެ ޔުނިޓްގައި އުޅޭ ނޫސްވެރިންތަކަކަށް ފައިސާ ދީގެން އިދިކޮޅު ފަރާތްތަކުން ކުރުވާ ކަމެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ތުހުމަތުތައް ކޮށްފައި ވަނިކޮށް، އެ ރިޕޯޓް ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނު އަލްޖަޒީރާގެ އެސިސްޓެންޓް ޕްރޮޑިއުސަރު ވިލްޖޯޑަން އަކީ، މިނިވަން ނޫސް މިހާރު މޯލްޑިވްސް އިންޑިޕެންޑެންޑްގެ ކުރީގެ އެޑިޓަރެއްކަން ވަނީ ހާމަވެފަ އެވެ. އަދި ޓްވިޓާގައި އޭނާ ގެންދަނީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ޓްވީޓްތައް ރިޓްވީޓް ކުރުމާއި ރާއްޖޭގެ އެކި ކަންކަމާ މެދު ސުވާލު އުފައްދާ ޓްވީޓްތައް ކުރަމުންނެވެ. އަދި އެ ރިޕޯޓަށް ރާއްޖެއިން މައުލޫމާތު ފޯރުކޮށް ދިނުމުގައި އެ ނޫހުން އިސްދައުރެއް އަދާކޮށްފައިވާ ކަން ވެސް ހާމަވެފައިވެ އެވެ.