ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.
އަބްދުﷲ ގާޒީ ބަންދު ކުރިއިރު މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި އަދި މިހާރު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރު އިބްރާހިމް ދީދީގެ މައްޗަށް ކުރާ ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިންކާރުކޮށް، ވަކީލަކު އައްޔަން ކުރަން ފުރުސަތު ދިނުމަށް އެދިފަ އެވެ.
ދައުލަތުގެ ދައުވާގައިވަނީ އިބްރާހިމް ދީދީ މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުންނެވިއިރު އަބްދުﷲ ގާޒީ ބަންދުކުރަން އޭރުގެ ސިފައިންގެ އެންމެ މަތީވެރިޔާ ނިންމުމުން އެކަމަށް ހިންގި އޮޕަރޭޝަންގެ ކޮމާންޑަރެއްގެ ގޮތުގައި އޭނާ ހުރެ، އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައިވާތި ޓެރަރިޒަމްގެ ދައުވާކުރާ ކަމަށެވެ.
ވަކީލަކު ހަމަޖެއްސުމަށް އިބްރާހިމް ދީދީއަށް ކޯޓުން ދިނީ އެންމެ ތިން ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި ވަކީލަކު ހޯދުމާއި ލިޔުންތައް ތައްޔާރު ކުރުމުގެ އިތުރުން މައްސަލައަށް ތައްޔާރުވުމަށް ވެސް ފަނޑިޔާރުން އެންގެވި އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ސިފައިންގެ އޭރުގެ އޮޕަރޭޝަންސް ޑައިރެކްޓާ ކާނަލް ޒިޔާދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިރޭ ކުރިއަށް ގެންދާނެ އެވެ.