ފިނިޕޭޖް

ސައީދާއި އަޒޫގެ ކައިވެނި: ކުރަން ނުކެރުނު ސުވާލާއި އޭގެ ޖަވާބު

  • އަޒޫ ފިލްމީ ދާއިރާއާ ދުރަކަށް ނުދާނެ
  • އަލަތު ކައިވެނިން ދޮންމަންމައަކަށް ވިޔަސް އަޒޫގެ އޯކޭ
  • އުމުރުގެ އަސަރެއް ލޯތްބަކަށް ނެތް

އުއްމީދީ ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) އާއި ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު އަހުމަދު ސައީދު ކައިވެނީގެ ގޮށްޖަހައި ބާރުކޮށްލި ޚަބަރާއެކު ބައެއްގެ ހިތަށް ފަހަރެއްގައި އަސަރެއްކޮށްފާނެ އެވެ. ނުވަތަ މިއީ ދިވެހި ފިލްމީ ދާއިރާގެ "ސެލެބްރިޓީ ޖޯޑުން" ގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ނުވަތަ ހައިރާންކޮށްލި ދެބައިވެރިންނެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު ހަވީރު ފުޑް ބޭންކް ރެސްޓޯރެންޓްގައި ބޭއްވި ކުޑަ އަދި ކުރު ހަފުލާއަކުން ދެމަފިރިންނަށް ބަދަލުވެގެން ދިޔަ މި ބަތަލާ އާއި ބަތަލްގެ ލޯބީގެ ވާހަކަ، އަހަރެމެން އެންމެން ހީކުރާ ވަރަށް ވުރެން ރޮމޭންޓިކްވެފައި، ސާފު ތެދުވެރި އެވެ. ދެ މީހުންގެެ ލޯތްބަށް އަހަރުތަކެއްވެއްޖެ އެވެ. ދެ މީހުންނަކީ މާ ކުރިން ވެސް ގާތް ދެ ރަހުމަތްތެރިންނެވެ.

"ހިތަށް އެރީ ދެން ލައިފް ޕާޓްނަރެއް ޗޫޒް ކުރަންޏާމު ޗޫޒްކުރާނީ އަހަރެންގެ ގޮތް ވެސް ރަނގަޅަށް އެނގޭ މީހެކޭ. އެގޮތަށް ވިސްނާފައި އަޒޫ ޗޫޒްކުރީ،" އަވަސް އަށް ދިން އިންޓަވިއުއެއްގައި ސައީދު ބުންޏެވެ.

މިއީ އޭނާގެ ދެ ވަނަ ކައިވެންޏެވެ. ކުރީގެ ކައިވެނިން ސައީދަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ. މިއީ އަޒޫގެ އަލަތު ކައިވެންޏެވެ. ރަންކީ "786" ރުފިޔާ އަށެވެ.

ކައިވެނިކޮށްގެން ފިލްމީ ދާއިރާ އަށް ގެއްލިދާނެތަ؟

އާންމުކޮށް ރާއްޖޭގައި ނުވަތަ ދިވެހިންނާ ރައްޓެހި ބޮލީވުޑްގައި ވެސް ސެލެބްރިޓީން ހިތާވެ، ކައިވެނިކުރުމަކީ އޭގެ ތެރެއިން ބައެއް މޫނުތައް ފިލްމީ ދާއިރާ އިން ގެއްލެން މެދުވެރިވާ ސަބަބެކެވެ. ނަމަވެސް ސައީދު ބުނީ ފިލްމީ ދާއިރާއާ ދުރަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި ޔަގީނަށް ވެސް ފިލްމު ކުޅުން ހުއްޓާލުމަކަށް އަޒޫ އަށް އޭނާ ބާރެއް ނާޅާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާހިތް އޮތީ [ފިލްމު ކުޅުން އެއީ] އޭނަގެ ފަންއޭ. އެހެންވީމަ އޭނަ ކުރިއަށް ދާން ބޭނުމިއްޔާ ކުރިއަށް ދާން ވީއޭ. މިހާރު ވެސް އަޅުގަނޑު އޭނައެއް ނުހުއްޓުވަން. މިހާރު ވެސް އަޕްކަމިން ދެ ޕްރޮޖެކްޓެއް އެބަ އުޅޭ. މިހާރު ކުޅެމުންދާ ފިލްމު ވެސް ކުރިއަށް ދާނީ،" ސައީދު ބުންޏެވެ.

"އެކަމަކު ފިލްމު ކުޅުން ހުއްޓާލަން އޭނަ ނިންމައިފި ނަމަ އޭނަ ހުއްޓާލަންވީ. އެކަމަކު އެކަމަކަށް އަޅުގަނޑުގެ ފަރާތުން [އެއްވެސް ޕްރެޝަރެއް ނޯންނާނެ] ދެން ބައެއް މީހުން ބުނެފާނެ އެއީ ކީއްވެގެން ހެއްޔެވޭ، ސައީދުގެ އަނބިމީހާ ވއކއގނ އަނެކައްޗެކޭ އެކަމަކު އެއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއް ނޫން."

ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު "ބައިވެރިޔާ" އާއި "ނޭދެން ވަކިވާކަށް"، މި ދެ ފިލްމުން މި ދެ ތަރިން ފެނިގެންދާނެ އެވެ.

އަލަތު ކައިވެނިން ދޮންމަންމައަކަށް ވިޔަސް އަޒޫގެ ޝަކުވާއެއް ނެތް!

ފިލްމު "ލޫދިފާ" އިން ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދި ބަތަލާ ބުނަނީ މިހެންނެވެ. އޭނާ ބުނީ ސައީދުގެ ދެ ކުދިން ބަލަން ޖެހިއްޖެ ނަމަ އެކަން ވެސް އުފަލާއެކު ގަބޫލުކުރާނެ ކަމަށާއި ދޮންމަންމައަކަށް ވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

"އެއީކީ އެއްވެސް މައްސަލައެއް ނޫން. ކުދިން ބަލަން ޖެހިއްޖެ ނަމަ ކުދިން ވެސް ބަލާނަން. އެކަމަކާ ނުވިސްނަން އެއްވެސް ވަރަކަށް،" އަވަސް އަށް ދިން އިންޓަވިއުގައި އަޒޫ ބުންޏެވެ.

"ސައީދަކީ އަޅުގަނޑުގެ ހުރިހާ ވެސް މީހަކީ. ވަރަށް ރަނގަޅު މީހެއް ސައީދަކީ. އަޅުގަނޑުގެ ބެސްޓް ފްރެންޑަކީ ވެސް އެއީ. ސައީދުގެ ކުދިން ތިބުމަކީ އަޅުގަނޑުގެ އެއްވެސް ކަމެއް އުނިވާނެ ކަމެއް ނޫން އިރާދަ ކުރެއްވިއްޔާ،"

އުމުރުގެ އަސަރެއް ލޯތްބަކަށް ނެތް!

ސައީދު އާއި އަޒޫ ކައިވެނިކޮށްފިއޭ ބުނީމަ ނުވަތަ މި ޚަބަރެއް އަޑުއިވޭ އިރަށް ވަރަށް ގިނަ މީހުން ދައްކާ ވާހަކައަކަށް ވެފައިއޮތީ ދެ މީހުންގެ އޭޖު ގެޕެވެ. ދެ މީހުންގެ އުމުރުގައި 13 އަހަރުގެ ތަފާތެއް ހުއްޓަސް މި ލޯތްބަކަށް އެޅިފައިވާ ހިޔަންޏެއް ނެތެވެ.

"އޭޖަކީ މައްސަލައެއް ނޫން. ދެ މީހުންގެ ކެމިސްޓްރީ ދިމާވީމަ އެ ނިމުނީ،" 28 އަހަރުގެ ބަތަލާ ބުނީ މިހެންނެވެ.

"ލޯތްބަކީ ފަގީރެއް މުއްސަންޖެއް، އެފަދަ ކަމެއް އޮންނަ އެއްޗެއް ނޫން ދޯ ވެން އިޓް ކަމްސް ޓު ލަވް. މިހާރު އޭނަ ވެސް ގަބޫލުކުރޭ އޭނާ އަށް އެންމެ އުފަލުގައި ހިތްހަމަޖެހިގެން އުޅެވޭނީ އަހަންނާ އެކުގައި ކަމަށް. އަހަރެން ވެސް ގަބޫލުކުރީ އެގޮތް. އަޅުގަނޑުގެ ލައިފް ޕާޓްނަރަކަށްވުމުގެ އަންޑަސްޓޭންޑިން ވެސް ހުރި ކަމަށް،" ސައީދު ބުނީ މިހެންނެވެ.