ފިނިޕޭޖް

ބޮންޑްގެ ރޯލު ކުޅެން ކްރެއިގަށް 150 މިލިއަން ޑޮލަރު ހުށަހަޅައިފި

Sep 6, 2016

އިނގިރޭސި ސިނަމާގެ އެންމެ މަޝްހޫރު ސިއްރު އޭޖެންޓް، ޖޭމްސް ބޮންޑްގެ ރޯލު އިތުރު ފިލްމެއްގައި ކުޅުމަށް ވުރެން އަމިއްލަ އަށް މަރުވުން ވެސް މާ ރަނގަޅު ކަމަށް "ބޮންޑް ސިލްސިލާ" ގެ އެންމެފަހުން ނެރުނު ހަތަރު ފިލްމުގައި މި ރޯލު ކުޅުނު ޑެނިއެލް ކްރެއިގް ބުނެފައި އޮވެދާނެ އެވެ.

އެކަމަކު މި ރޯލެއް ކުޅެން އޭނާ ކިތަންމެ ފޫހިވިޔަސް، ސޮނީ ޕިކްޗާސް އިން އަދިވެސް ޖޭމްސް ބޮންޑްގެ ރޯލަށް ބޭނުންވަނީ ކްރެއިގެވެ. ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ފަސް ވަނަ ފިލްމެއްގައި ޖޭމްސް ބޮންޑްގެ ރޯލު ކުޅެދިނުމަށް އެދި ސޮނީން މިހާރު ވަނީ 150 މިލިއަން ޑޮލަރުގެ ރިކޯޑް ހުށަހެޅުމެއް ކްރެއިގަށް ހުށަހަޅައިފަ އެވެ.

އެއީ މި ރޯލެއް ދެން ނުކުޅޭނެ ކަމަށް ބުނެގެން އޭނާ އަށް ހުށަހެޅި 99 މިލިއަން ޑޮލަރަށް ފުރަގަސްދިނުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ސޮނީން 150 މިލިއަން ޑޮލަރު ހުށަހަޅާފައި ވަނީ އިތުރު ދެ ފިލްމެއްގައި ކްރެއިގް ލައްވައި ބޮންޑްގެ ރޯލު ކުޅުވުމަށެވެ.

ޖޭމްސް ބޮންޑް ސިލްސިލާގައި އެންމެފަހުން ނެރުނު ފިލްމަކީ "ސްޕެކްޓާ" އެވެ. ޑެނިއެލް ކްރެއިގް ޖޭމްސް ބޮންޑްގެ ރޯލު ކުޅެމުން އަންނަނީ 2006 ވަނަ އަހަރު ނެރުނު ފިލްމު "ކެސީނޯ ރޮޔޭލް" އިން ފެށިގެންނެވެ. ކްރެއިގަކީ ބޮޑު ސްކްރީނުގައި ޖޭމްސް ބޮންޑްގެ ރޯލު ކުޅޭ ހަ ވަނަ އެކްޓަރެވެ.

އޭނާ މި ރޯލު ކުޅުނު، "ސްކައިފޯލް" އަކީ މި ސިލްސިލާގެ ތާރީޚުގައި ވެސް މިހާތަނަށް އުފެއްދި އެންމެ މޮޅު އަދި ވިޔަފާރި ރަނގަޅު ފިލްމެވެ.

ޖޭމްސް ބޮންޑްގެ ރޯލު އިތުރު ފިލްމެއްގައި ނުކުޅެން ކްރެއިގް ނިންމާފައިވާއިރު މި ރޯލުން ފެނިދާނެ ކަމަށް ލަފާކުރާ ތަރިންގެ ލިސްޓުގައި ފޭން ފެވަރިޓަކީ، އިދްރިސް އެލްބާ އެވެ. ޓޮމް ހިޑްލްސްޓޮން އާއި މިކައެލް ފަސްބެންޑާ އާއި ޖޭމްސް ނޯޓަން އަކީ ވެސް ލިސްޓްގައި ހިމެނޭ ނަންތަކެވެ.