- ޓާމިނަލް ހަދާ ބިން ހިއްކާ ނިމިފައި
- ޝޯޕްރޮޓެކްޝަންގެ މަސައްކަތް ކުރިޔަށް
- މަޝްރޫއުއަށް ޑިޒައިނެއް ފައިނަލް ކުރަނީ
![](https://images-01.avas.mv/post/big_dbedSoLvV6fLXnd.jpg)
ހުޅުމާލެ ޔޮޓް މެރީނާ އާއި ކްރޫޒްލައިނާ ޓާމިނަލް ހަދާ ބިން ހިއްކާ ނިންމައި، ބަޔަކާ ހަވާލު ކުރަން ތައްޔާރު ވެފައިވާ ކަމަށާއި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސިންގަޕޫރާއި ދުބާއީ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭގައި ތަރައްގީކުރާ ޔޮޓް ބިން ހިއްކާ ނިންމައި މިހާރު ކުރަމުންދަނީ އެ ސަރަހައްދުގެ ގޮންޑޮޅި ރައްކާތެރި ކުރުމަށް ހިލަ ޖެހުމުގެ މަސައްކަތް ކަމަށާއި މެރީނާއާއި ކްރޫޒް ޓާމިނަލް ޑިޒައިން ކުރުމުގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި އެ ތަން ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޔޮޓް މެރީނާ ތަރައްގީ ކުރަނީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް މި ފަދަ މަސައްކަތް ކުރާ ފަރާތަކާ ކަމަށާއި، އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު އެ ކުންފުނިން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރަމުންދާ ފަރާތްތަކުގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ޔޮޓް މެރީނާއާއި ކުރޫޒް ޓާރމިނަލް ތަރައްގީ ކުރުމަކީ ޓެކްނިކަލީ އިންޖިނިއަރިން ޕޮއިންޓް އޮފް ވިއުއިން ވަރަށް ގިނަ ކަންތައް ބަލަން ޖެހޭ ކަމެއް. އެ ސަރަހައްދާ ޖެހިގެން އެ ބައޮތް ބަނާނާ ރީފް. އަނެއްކާ އެއަޕޯޓް ރެސްޓްރިކްޝަން ފުދޭ ވަރަކަށް ބޮޑަށް ހައި،" ސައިމަން ވިދާޅުވި އެވެ.