މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލްގެ ބެވަރޭޖް ޕާޓްނަރަކަށް އެކްސްއެލް

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ ވެސް ބެވަރޭޖް ޕާޓްނަރަކަށް އެކްސްއެލް ހަމަޖައްސައިފި އެވެ.

މިއަދު ޓީވީއެމް ސްޓޫޑިއޯގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެކްސްއެލް ފަރާތުން ސޮއި ކުރީވީ އެކުންފުނީގެ ސޭލްސް އެގްޒެކެޓިވް މާސިން ޑިކްސާ އެވެ. އަދި ޕީއެސްއެމް ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދު އެވެ.

ޝާޔަން ވިދާޅުވީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި ވެސް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކޮށް ސްޕޮންސާޝިޕް ގަބޫލު ކުރި ކުންފުންޏަކީ އެކްސްއެލް ކަމަށާއި މިފަހަރުވެސް ބެވަރޭޖް ޕާޓްނަރަކަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅު ކުރީ އެކްސްއެލްއިން ކަމަށެވެ.

"އަޅުގަނޑުމެން ދިން ދައުވަތަކަށް ގްރޭޑް ފިނާލޭ އެކްސްއެލް ފަރާތުން މާސިން ވަޑައިގެން އެ ޝޯ ތެރޭގައި ވިދާޅުވީ ދެވަނަ ސީޒަންގެވެސް ޕާޓްނަރަކަށްވުމަށް ޝައުގުވެރިކަން ހުރިކަން. އެހާ ހިސާބުން އަޅުގަނޑުމެން ދެންނެވިން އެ ފުރުސަތު އޮތީއާ އެކަން ކުރެވޭނެ ކަމަށް،" ޝާޔަން ވިދާޅުވި އެވެ.

ޕީއެސްއެމްއިން ހިންގާ މި ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލް ސީޒަން ދޭއް ފަށަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީގައެވެ. ޝާޔަން ވިދާޅުވީ ގޮތުގައި ދެވަނަ ސީޒަން ވެގެން ދާނީ ފުރަތަމަ ސީޒަންއަށް ވުރެއް ޕްރޮޑަކްޝަން އަދި ކޮލަޓީގެ ގޮތުންވެސް ރަނގަޅު ޝޯއަކަށެވެ.