ހަބަރު

ނާޒިމްގެ އެޕާޓްމެންޓް ފާސްކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރަން ނެރުނު އަމުރު ނާޒިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދެ ފަރާތަށް ވެސް ފުރުސަތު ދިނުމަށް ފަހު ވަނީ އަޑުއެހުންތައް ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރުން ވަނީ އިއުލާންކޮށްފަ އެވެ.

ނާޒިމްގެ އެޕާޓްމެންޓް ފާސްކުރަން ނެރުނު އަމުރުގެ ދަށުން އެތަން ބަލައި ފާސްކުރަނިކޮށް ހަނގުރާމަވެރި ހަތިޔާރު އެތަނުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލައިގައި ނާޒިމާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް ދައުލަތުން ވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލައިފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް މާދަމާ ހަވީރު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާއިރު ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމުން ވެސް މާދަމާ އޮންނާނެ އެވެ.

އެ މައްސަލައިގައި ނާޒިމްގެ ބަންދަށް ކޯޓުން ކުރިން ދިން 15 ދުވަހުގެ މުއްދަތުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރި ނަމަވެސް ހައި ކޯޓުން ވަނީ ދަށު ކޯޓުގެ އަމުރަށް ތާއީދުކޮށްފަ އެވެ.