އެގާރަ އަހަރަށްފަހު އިންޑިއާގެ ސުޕްރީމް ކޯޓްގައި މުސްލިމް ފަނޑިޔާރަކު ނެތި ހިނގަމުންދާ މައްސަލަ ފެންމަތިކޮށް ސުވާލު އުފައްދައިފި އެވެ.
މި މައްސަލަ ފެންމަތިކޮށްފައިވަނީ އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސްގަ އެވެ. ސުޕްރީމް ކޯޓުން ބުނީ ބެންޗުގައި މުސްލިމް ފަނޑިޔާރަކު ނެތި ހިނގަމުން ދަނީ ކުރިން ތިއްބެވި ދެ ފަނޑިޔާރުން ރިޓަޔާ ކުރެއްވުމުން ކަމަށެވެ. މިދިޔަ 30 އަހަރު ތެރޭ ސުޕްރީމް ކޯޓްގައި މުސްލިމު ފަނޑިޔާރަކު ނެތި ހިންގާފައިވަނީ އެންމެ ދެ ފަހަރުއެވެ.
އެންމެ ފަހުން އިންޑިއާގެ ސުޕްރީމް ކޯޓްގައި ތިއްބެވި މުސްލިމް ދެ ފަނޑިޔާރުންނަކީ އެމް ވައި އިގްބާލް އާއި ފާކިރު މުހައްމަދު އިބްރާހިމް ހަލީފުﷲ އެވެ. އިގްބާލް މިއަހަރު ފެބްރުއަރީ މަހު ރިޓަޔާ ކުރެއްވިއިރު، ފާކިރު ރިޓަޔާ ކުރައްވާފައިވަނީ ޖުލައި މަހު އެވެ. ސުޕްރީމް ކޯޓަށް އާ މުސްލިމު ފަނޑިޔާރުން އައްޔަން ކުރާނީ ފަނޑިޔާރުން އައްޔަން ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާ ނަންތައް ސަރުކާރުން ހުށަހަޅާއި ޕާލަމެންޓަށް ފޮނުވުމަށް އޮންނަ މުއްދަތައް ފަހުއެވެ.
ފަނޑިޔާރަކު ރިޓަޔާ ކުރެއްވުމުން ސުޕްރީމް ކޯޓަށް އަންނާނީ ހައި ކޯޓްގެ ފަނޑިޔާރެކެވެ. ހައިކޯޓްގައި ތިއްބެވި މުސްލިމް ދެ ފަނޑިޔަރުން ވެސް ތިއްބެވީ ރިޓަޔާ ކުރެއްވުމާ ކައިރީގަ އެވެ. ހައި ކޯޓްގެ މުސްލިމް ފަނޑިޔާރު އިގްބާލް އަހްމަދު އަންސޯރީ އަންނަ އޮކްޓޫބަރު މަހު ރިޓަޔާ ކުރައްވާއިރު ފަނޑިޔާރު އަހްމަދު މީރު ރިޓަޔާ ކުރައްވާނީ އަންނަ އަހަރު އޭޕްރީލް މަހުއެވެ.
އިންޑިއާގެ ހައި ކޯޓްގެ ފަނޑިޔާރުން ރިޓަޔާ ކުރައްވާނީ އުމުރުން 62 އަހަރުގަ އެވެ. ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ރިޓަޔާ ކުރައްވާނީ 65 އަހަރު ވުމުންވެ. އެކި ގޮފިތަކަށް ބެހިފައިވާ އިންޑިއާގެ ސުޕްރީމް ކޯޓްގައި 31 ފަނޑިޔާރުން ތިއްބަ ވައެވެ. މިވަގުތު ތިއްބެވީ 28 ފަނޑިޔާރުންނެވެ. މުސްލިމުން ފިޔަވައި އިންޑިއާގެ ސުޕްރީމް ކޯޓްގައި އިންޑިއާގައި ހުރިހާ ދީނަކުން ފަނޑިޔާރުން އެބަތިއްބެވި އެވެ.
މުސްލިމް ފަނޑިޔާރުން ނެތި ސްޕްރީމް ކޯޓް ހިނަގަމުންދާތީ އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ކޭޖީ ބަލަކްރިޝްނަން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"އަހަރެން އުންމީދު ކުރަނީ ވީ އެންމެ އަވަހަކަށް މުސްލިމް ފަނޑިޔާރުން ސުޕްރީމް ކޯޓަށް އަންނާނެ ކަމަށް. މުސްލިމުންގެ ހައްގު ހަނިކޮށްގެން ނުވާނެ. އިންޑިއާގެ ގާނޫނު އަސާސީގައި ވެސް ބުނަނީ އެއްވެސް ދީނެއްގެ މެދުގައި ވެސް ތާފަތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށް" ކުރީގެ އުއްތަމަ ފަނޑިޔާރު ބަލަކްރިޝްނަން ވިދާޅުވި އެވެ.