މެޑްރިޑް (ޑިސެމްބަރު 9) – ފީފާ އިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ނުވަތަ ފީފާ ބެލޮންޑޯ އެވޯޑްގެ ވޯޓުގެ 99 ޕަސެންްޓް ލިބެންޖެހޭނީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކަމަށް ރެއާލްގެ ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ބުނެފި އެވެ.
މި އަހަރު ފީފާ ބެލޮންޑޯ އެވޯޑަށް ވާދަކުރަނީ މިދިޔަ އަހަރު މި މަގާމު ހޯދި ރޮނާލްޑޯ އާއި މި މަގާމު ހަތަރު ހޯދައިފައިވާ ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލިއޮނެލް މެސީ އަދި ޖަރުމަންގެ ގޯލްކީޕަރު މެނުއެލް ނޯޔާ އެވެ.
ހަމޭސް ބުނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯ އަށް ލިބޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.
"މި އެވޯޑް ހޯދުމަކީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނަކަށް ވާނެ. އެކަމަކު މި އަހަރު މި މަގާމު ހައްގުވަނީ ރޮނާލްޑޯ އަށް. މި އަަހަރު ވެސް އެ މަގާމު ލިބޭނީ ރޮނާލްޑޯ އަށް. އަހަރެން ގަބޫލްކުރާ ގޮތުގައި ވޯޓުގެ 99 ޕަސެންޓް ލިބެންޖެހޭނީ ރޮނާލްޑޯ އަށް. އަހަރެމެންގެ ކޯޗު (ކާލޯ) އެންޗަލޮޓީ ބުނިހެން، މި ވަގުތު އެހެން ކުޅުންތެރިންނާއި ރޮނާލްޑޯއާދެމެދު ބޮޑު ތަފާތެއް އެބައޮތް،" ހަމޭސް ބުންޏެވެ.
ހަމޭސް ބުނީ ރޮނާލްޑޯ އާއި އެހެން ކުޅުންތެރިންނާމެދު އޮތް އެންމެ ބޮޑު ތަފާތަކީ އޭނާގެ "މަސައްކަތުގެ ރޭޓު" ކަމަށެވެ.
"މެސީގެ ފެންވަރާމެދު އެއްވެސް ޝައްކެއް ނެތް. އެކަމަކު އެންމެ މޮޅު ކުޅުންތެރިއާ އަށްވުމަށް އޭނާ ގަދަ އަޅައި މަސައްކަތްކުރޭ،" ހަމޭސް ބުންޏެވެ. -- އީއެސްޕީއެން