ބޭރު ކުޅިވަރު

ވޯލްޑް ކަޕްގައި 200 ލަނޑު ހެދި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ގޭލް އަށް

 މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު ވެސްޓް އިންޑީސް އާއި ޒިމްބާބްވޭ ބައްދަލުކުރި މެޗުގައި 200 ލަނޑު ހަދައި، ވެސްޓް އިންޑީސްގެ އޯޕެނިން ބެޓްސްމަން ކްރިސް ގޭލް މުބާރާތުގެ ތާރީހުން ޖާގަ ހޯދައިފި އެވެ.

އޮސްޓްރޭލިއާ އާއި ނިއު ޒިލޭންޑްގައި ކުރިއަށްދާ މުބާރާތުގެ ގުރޫޕް ބީގައި މިއަދު ޒިމްބާބްވޭ އަތުން 73 ލަނޑުން ވެސްޓް އިންޑީސް މޮޅުވިއިރު، ގޭލް ވަނީ 138 ބޯޅައިން 200 ލަނޑު ހަދައި، ވޯލްޑް ކަޕެއްގައި 200 ލަނޑު ހެދި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހޯދައިފަ އެވެ. ގޭލް ނުބައިވިއިރު އޭނާ ވަނީ 147 ބޯޅައިން 215 ލަނޑު ހަދައިފަ އެވެ. ގޭލް ވަނީ 16 ފަހަރު ހަޔަކަށް ބޯޅަ ޖަހައިފަ އެވެ.

ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް ކުރިން އޮތީ ދެކުނު އެފްރިކާގެ ކުރީގެ ކުޅުންތެރިޔާ ގެރީ ކާސްޓަންގެ އަތުގަ އެވެ. ޔޫއޭއީގައި 1996 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ކާސްޓަން ވަނީ 188 ލަނޑު ހަދައިފަ އެވެ.

ގޭލް އަކީ ވަން ޑޭ އިންޓަނޭޝަނަލް މެޗެއްގައި 200 ލަނޑު ހެދި ފަސް ވަނަ ކުޅުންތެރިޔާ އެވެ. އެކަމަކު މީގެ ކުރިން 200 ލަނޑު ހަދާފައިވަނީ މުޅިން ވެސް އިންޑިއާގެ ކުޅުންތެރިންނެވެ. އެއީ ރޯހިތު ޝަރްމާ އާއި ސަޗިން ޓެންޑުލްކާ އަދި ވިރެންދަ ޝެވާގެވެ.

ގޭލް އާއި މާލޮން ސެމުއެލްސްގެ ޕާޓްނާޝިޕްގައި 372 ލަނޑު ހެދިއިރު، މިއީ ވެސް އާ ރެކޯޑެކެވެ. ވަންޑޭ މެެޗެއްގައި މީގެ ކުރިން ޕާޓްނަޝިޕެއްގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް އޮތީ އިންޑިއާގެ ރަހޫލް ޑްރާވިޑާއި ޓެންޑުލްކާގެ އަތުގަ އެވެ. ނިއު ޒިލޭންޑާ ދެކޮޅަށް 1999 ވަނަ އަހަރު ކުޅުނު މެޗެއްގައި ޑްރާވިޑާއި ޓެންޑުލްކާ ވަނީ 331 ލަނޑު ހަދައިފަ އެވެ. -- ބީބީސީ