ބޭރު ކުޅިވަރު

ޔޫރަޕްގެ ޗެމްޕިއަން ސްވިޒަލޭންޑް އަތް ދަށުވެއްޖެ

Sep 7, 2016

ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު ޔޫރަޕްގެ ޗެމްޕިއަން ޕޯޗްގަލް ސްވިޒަލޭންޑް އަތުން 2-0 ގެ ނަތީޖާ އަކުން ބަލިވެއްޖެ އެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ކޮލިފައިން ގައި ސްވިޒަލޭންޑްގެ ވެރިރަށް ބެސަލްގެ އެސްޓީ ޖެކޮބް ޕާކް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ސްވިޒަލޭންޑްގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ މެޗްގެ ފުރަތަމަ 30 މިނެޓްގަ އެވެ.

ފުރަތަމަ ލަނޑު 23 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖަރުމަންގެ ޝާލްކޭއަށް ކުޅެމުންގެންދާ އުމުރުން 19 އަހަރުގެ ފޯވަޑް ބްރީލް އެމްބޯލޯ އެވެ. ދެ ވަނަ ލަނޑު އޭގެ ހަތް މިނެޓްގައި ފަހުން ކާމިޔާބު ކުރީ އެޑްމީރު މެހްމެޑީއެވެ.

ރޭގެ މެޗްގެ އެންމެ ފަހު މިނެޓްގައި ސްވިޒަލޭންޑްގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ގްރެނިޓް ޒަކާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ޔޫރޯގެ ފައިނަލް މެޗްގައި ލިބުނު އަނިޔާއިން އަދިވެސް ރަނގަޅު ނުވެ ހުރި، ރޮނާލްޑޯގެ ބަދަލުގައި ޕޯޗްގަލްގެ ކެޕްޓަން ބޭންޑް އެޅީ ނާނީއެވެ.

ޔޫރޯގެ ފައިނަލްގައި ޕޯޗްގަލް އަތުން ބަލިވި ފްރާންސް ރޭ ބެލަރޫސްއާ ކުޅުނު މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުންވެސް ފުރުސަތު ގެއްލުނު، ކުރިން ޔޫރަޕްގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ނެދަލޭންޑްސް ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 1-1 ން އެއް ވަރުވެގެންނެވެ.

ބެލްޖިއަމް ސައިޕްރަސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 3-0 ން ނެވެ. އެޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ލުކާކޫއެވެ. އަނެއް ލަނޑު އެޑެން ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޔެނިކް ކްރެސްކޯއެވެ.