އޮއިވާލި ކަނދުފަތިތަކުގެ ބޭނުން ކެނޑޭ ގޮތަށް ކަނދުފަތިތަކުގައި ވާ އައްސައިގެން ރޭގަނޑު މަސްވެރިކަން ކުރުމާއި، ކަނދުފަތީގެ ބޮއިފަތި ކެޑުމާއި، ކަނދުފަތިތަކުގެ ކައިރިން ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށާއި އެފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މަސް ކަނދުފަތި ހަރުކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 54 ކަނދުފަތީގެ ވިޔުގައެއް ގާއިމުކޮށްފައި ވެއެވެ.
ފިޝަރީޒްމިނިސްޓްރީން ބުނީ އެއީ ރާއްޖޭގައި ދޮށީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ފަސޭހައަށް ވަރަށްބޮޑު ހޭދައެއް ކޮށް ޤާއިމުކޮށްދީފައިވާ ވިއުގައެއް ކަމަށާއި ނަމަވެސް، މިހާރު އޮއިވާލި ކަނދުފަތިތައް ހަރުކުރުމުގެ ބޭނުން ކެނޑޭ ގޮތަށް ކަނދުފަތިތަކުގައި ވާ އައްސައިގެން ރޭގަނޑު މަސްވެރިކަން ކުރުމާއި، ކަނދުފަތީގެ ބޮއިފަތި ކަނޑާލުމާއި ކަނދުފަތިތަކުގެ ކައިރިން ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.
"... މިފަދަ ޢަމަލުތަކުގެ ތެރެއިން ބައެއް ޢަމަލުތަކަކީ މިފަހަކަށް އައިސް ގިނަ އަދަކަށް ކަނދުފަތި ކަނޑައިގެންދާދިއުމާ ވަރަށްބޮޑަށް ގުޅިފައިވާ ކަމެއްކަން މި މިނިސްޓްރީއަށް ވަނީ ކަށަވަރުވެފައެވެ. ކަނދުފަތިތަކުގެ ކައިރިން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމާއި ކަނދުފަތިތަކުގެ ކައިރިއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކުން ފީނަމުންދާކަމުގެ ޝަކުވާވެސް މި މިނިސްޓްރީއަށް ގިނަ އަދަދަކަށް ދަނީ ލިބެމުންނެވެ." މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.
ކަނދުފަތިތަކުގެ ތިން މޭލު ކައިރީގައި ދިރޭ އެންޖަހައިގެން އަޑިއަށް ފެއްތުމާއި މިޔަރު ނެގުމާއި ވަދުއެޅުމާއި އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމާއި ކަނދުފަތީގެ ބޮޔަށް ވާ އައްސަ ދޯނިފަހަރު އަޅައިގެން ތިބުމާއި ކަނދުފައްޗަށާއި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާނެ އެއްވެސް އަމަލެއް ހިންގުމަކީ މަސްވެރިކަމުގެ ގާނުނުންގެ ދަށުން ހަދާފައިވާ ގަވާއިދާ ހިލާފު މަނާ ކަމެކެވެ.
މިނިސްޓްރީން ބުނީ ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެއްކަން ހަނދާން ކޮށްދޭ ކަމަށާއި އެ ފަދަ އަމަލު ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.