ހަބަރު

ރާއްޖޭގައި ހަމަޖެހުން ގާއިމުކުރަން އިންޑިއާ އިން ގޮވާލައިފި

ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް ގޮވާލައި، އަވަށްޓެރި އިންޑިއާ އިން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބުގެ ސެޝަނެއްގައި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ވިދާޅުވި ކަމަށް ދަ ހިންދޫގައި ބުނެފައި ވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމުކޮށް ސިޔާސީ ހިލާފްތައް ނައްތާލުމަށް ގާނޫނީ އިމުގެ ތެރެއިން ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރުމަށް އިންޑިއާ އިން އެދޭ ކަމަށެވެ.

"...ރާއްޖޭގައި ހަމަޖެހުން ގާއިމުކޮށް ތަރައްގީ އާއި ކުރިއެރުމާއި ޑިމޮކްރަސީގައި ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީވުމުގައި އިންޑިއާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެން،" ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.

އިންޑިއާ އިން އިއްޔެ ބުނެފައި ވަނީ ޓެރަރިޒަަމްގެ ދައުވާއާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުކުރި އިރު ކަން ހިނގައިދިޔަ ގޮތާއި ނަޝީދު ހައްޔަރުކޮށްގެން ގެންގުޅޭ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ.

އިންޑިއާގެ އިތުރުން އެމެރިކާ އާއި ކެނެޑާ އަދި ކޮމަންވެލްތުން ވެސް ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.