ހަބަރު

ސަރުކާރުން ގާނޫނު އަސާސީއާ ހިލާފު އެއްކަމެއް ވެސް ނުކުރޭ: އޭޖީ

މި ސަރުކާރުން ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނެތް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިރޭ ވިދާޅުވެއްޖެ އެވެ.

ދިޓީވީގައި މިރޭ ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް އަނިލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ މިޒާޖުފުޅު ހުންނަ ގޮތުން، ކޮންމެ ފިޔަވަޅެއް އެޅުއްވުމުގެ ކުރިން އެކަމެއް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާ ކަމަށެވެ. އަދި އެއްވެސް ކަމެއް ރައީސް ގާނޫނީ އިމުގެ ބޭރުން ނުކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. އަދި މީޑިއާޔާ ވާހަކަ ނުދެއްކެވި ނަމަވެސް، ގާނޫނީ ގޮތުން ރައީސް އަށް ކޮންމެ ކަމެއްގައި ވެސް ލަފާ ދެއްވާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ގާނޫނީ ލަފާ އެއްވެސް އިރެއްގައި މީޑިއަށް ދޭ މީހެއް ނޫން. ނަމަވެސް ރައީސް އާއި އެ ބޭނުންވާ މުއައްސާއަކަށް ދެމުން ގެންދަނީ. އެ ލަފާތަކާ އެއްގޮތަށް ރައީސް އަމަލު ކުރައްވަމުން ގެންދަވާ،" އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލް ކުރަމުން ގެންގޮސްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ދުވަސްވަރުގައި ކަމަށެވެ. އަދި އެއްވެސް ކަމެއް ގާނޫނުތަކާ އެއްގޮތަށް ނަޝީދު ކުރައްވާފައި ނެތް ކަމަށް އަނިލް ވިދާޅުވި އެވެ.

ސަރުކާރުން ގާނޫނުތަކާ ހިލާފަށް ކުރާ ކަންތައްތައް ކަމުގައި އިދިކޮޅު ފަރާތްތަކުން ބުނާ ކަންތައްތަކަށް ރައްދު ދެއްވަމުން އަނިލް ވިދާޅުވީ ސަރުކާރުގެ ވުޒާރާއަކާ އެޓާނީ ޖެނެރަލަށް ހަވާލު ނުވެވޭނެ ކަމަށް ގާނޫނެއްގައި ބުނެފައި ނެތް ކަމަށެވެ. އެހެން ކަމުން އެއީ ގާނޫނުގެ ބޭރުން ކުރެވޭ ކަމެއް ނޫން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް، ރައްޔިތުން ނިވާފަތް ގަނޑަކަށް ހަދައިގެން ކުރެވޭ ކަންތައްތަކާ މެދު މި ވަނީ ވިސްނަން ޖެހިފަ އެވެ. އެގޮތުން މަގުމައްޗަށް މީހުން ނެރެ، އަނިޔާވެރިކަމަށް ގޮވާލުން ފަދަ ކަންތައްތަކަކީ ގާނޫނުތަކުގައި ބޮޑެތި އަދަބު ކަނޑައެޅިފައިވާ ކަންތައްތައް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"މިފަދަ ކަންތައްތަކާ މެދު ރައްޔިތުން މި ވަނީ ހޭލުންތެރިވާން ޖެހިފައި،" އަނިލް ވިދާޅުވި އެވެ.