އޮފްބީޓް

މެލޭޝިޔާއަށް ފުރި ފްލައިޓު އޮޅިގެން އޮސްޓްރޭލިއާ އަށް

Sep 9, 2016

ސިޑްނީއިން ފުރައިގެން މެލޭޝިޔާއަށް ދަތުރުކުރަމުން ދިޔަ އެއާ އޭޝިއާގެ ފްލައިޓެއް އޮޅިގެން އޮސްޓްރޭލިއާގެ މެލްބާންގެ އެއާޕޯޓުގައި ޖައްސައިފި އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި 212 ފަސިންޖަރުންނާއެކު މެލޭޝިޔާއަށް ދަތުރުކުރި މި ފްލައިޓް އޮސްޓްރޭލިއާއަށް ދިޔައީ ފްލައިޓް ޕޮޒިޝަންގެ ނުބައި ކޯޑިނޭޓްތަކެއް އޮން ބޯޑް ނެވިގޭޝަންތަކުގައި ޕައިލެޓްއަށް ޖެހިގެން ކަމަށް އެމައްސަލަ ތަހުގީގު ކުރަމުންދިޔަ އޮސްޓްރޭލިއާގެ އޭވިއޭޝަން ނެވިގޭޝަނުން ނެރުނު ތަހުގީގީ ރިޕޯޓުގައި ބުނެފައިވެ އެވެ. ޕައިލެޓްގެ ހުރިހާ ކޯޑިނޭޓްތައް ޖަހާފައިވަނީ މެނުއަލް ކޮށް ކަމަށްވެ އެވެ. ކޯޑިނޭޓްތައް ނުބައިވުމުގެ ސަބަބުން ބޯޓު ދަތުރުކުރަންވީ މިސްރާބު އޮޅި ނުބައި މިސްރާބަކަށް ދަތުރުކުރެވުނީ އެވެ. އަދި ވަކި ހިސާބަކުން ބޯޓުގެ ނެވިގޭޝަން ސިސްޓަމަށް އެރޯތަކެއް އަރައި ކެޕްޓަންގެ ސަމާލުކަމަށް އެކަން އަޔެވެ.

އެއާލައިންގެ އުސޫލުތަކުގައިވާ ގޮތުގެ މަތިން ދަތުރަށް ފެށުމުގެ ކުރިން ފުރަތަމަ އޮފިސަރަށް ޕްރީ ފްލައިޓް ޑީއުޓީތައް ޗެކު ކުރަން ޖެހެ އެވެ. އަދި ކެޕްޓަން އަށް ބޯޓުގެ ސިސްޓަމްތަކާއި ކަޅުފޮށީގެ ހާލަތު ބަލައި ދަތުރަށް ފެށުމުގެ ހުރިހާ ކަމެއް ފުރިހަމަ ކުރަންޖެހެ އެވެ.

މި ނޫނަސް އިތުރު އެތައް ގޯސްތަކެއް ބޯޓުގެ ކްރޫއިން އެދުވަހު ހަދާފައިވާ ކަމަށްވެ އެވެ.

"ދަތުރުގެ ތެރޭގައިވެސް އެ އެރޯތައް އައިޑެންޓިފައިވާނެ އެތައް ފުރުސަތުތަކެއް ކްރޫއިންނަށް ލިބޭނެ. އެކަމަކު ކްރޫއިންނަށް އެކަން ފާހަގައެއް ނުކުރެވޭ. ފާހަގަކުރެވި ބޯޓު އެއާ ބޯންވީ ބޯޓު ދަތުރުކުރަމުންދިޔަ މިސްރާބު ނުބައިވީމަ،" ތަހުގީގު ޓީމުން ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ބޯޓު ނައްޓާލުމުގެ ކުރިންވެސް އެތައް އެލާޓްތަކެއް ފޮނުވި ނަމަވެސް ކްރޫއިން އެކަމަށް ސަމާލުކަން ނުދިނީ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. ނަމަވެސް ފަސްޓް އޮފިސަރާއި ކެޕްޓަންގެ ސަމާލުކަމަށް އެކަން އައުމުން، ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް މާބޮޑަށް ލަސްވީ ކަމަށްވެ އެވެ. އަދި ހައްލުކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ބޯޓުގެ ބައެއް ސިސްޓަމްތަކަށް މައްސަލަތަކެއް ވެސް ދިމާވި އެވެ.

މި ފްލައިޓް މެލްބާންގައި ޖައްސާފައިވަނީ ނެވިގޭޝަން ސިސްޓަމްގެ މަސައްކަތް ހުއްޓިފައިވަނިކޮށެވެ.