ހަބަރު

ބޭރުގެ މާލީ އިދާރާތަކުން ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ބަލައިގެންފި: ސައީދު

ބަޔަކު ހިތްހަމަ ނުޖެހިގެން އުޅުނު ނަމަވެސް، މި ސަރުކާރުން ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅުތައް ބޭރުގެ މާލީ އިދާރާތަކުން ބަލައި ގަނެ ތައުރީފް ކުރަމުން އަންނަ ކަމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެލައިޑް އިންޝްއަރެންސަށް 50 އަހަރު ފުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށާއި އެސްއީޒެޑްތައް ގާއިމް ކުރުމަށް ކުރާ މަސައްކަތަށް އައިއެމްއެފުން ވެސް ތާއީދު ކޮށްފައިވާ ކަމަށެވެ. އެކަމުން ދައްކައިދެނީ ސަރުކާރުން ކުރާ އިގްތިސާދީ މަސައްކަތް ބޭރުގެ ފަރާތްތަކުން ބަލއިގަތުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އައިއެމްއެފްގެ ރިޕޯޓްގައި އެ އޮތީ މިކަންކަމަށް ރައުރީފްކޮށްފައި. މިކަމުން ވެސް މި އެނގެނީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ބޭރުގެ ގައުމުތަކުން ބަލައިގަތް މިންވަރު،" ސައީދު ވިދާޅުވި އެވެ.

އިގްތިސާދީ ސިޔާސަތުތައް ރަނގަޅުކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ ޑޮލަރުގެ ބްލެކް މާކެޓަށް އޮތް ޖާގަ ނައްތާލައި އެކަން ހައްލު ކުރީ މި ސަރުކާރުން ކަމަށެވެ. އަދި ދައުލަތުގެ ރިޒާވް ވެސް ސްޓޭބަލް ގޮތެއްގައި މިހާރު އޮތް ކަމަށް ސައީދު ވިދާޅުވި އެވެ. އިންފްލޭޝަން ވެސް އިތުރަށް މައްޗަށް ނުގޮސް އެއް ހަމައެއްގައި ހިފެހެއްޓިފައި އޮތީ ވެސް މި ސަރުކާރުގެ ދުވަސްވަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެއާޕޯޓްގެ އާ މަޝްރޫއުގެ ހުރިހާ ޕްލޭންތަކެއް ނިމިފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ ޕްލޭން އާންމު ކުރާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށް ހިންގާ މަޝްރޫއަށް ވެސް ދެ ފަރާތަކުން ބިޑް ހުށަހަޅާފައިވާ އިރު އެ ފަރާތްތަކުން ރާއްޖެއަށް 300 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރުމަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ. މިފަދަ އިންވެސްޓްމަންޓްތަކެއް ހުރީއިރު މި ދައުރުގެ ތެރޭގައި، 600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސައީދު ވިދާޅުވި އެވެ.