ހަބަރު

132 މީހަކަށް ވަކީލުކަމުގެ ހުއްދަ ދޭން ނިންމައިފި

ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ 132 މީހަކަށް ދިނުމަށް ނިންމައިފި އެވެ. މިގޮތަށް ނިންމީ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަދޭ ކޮމިޓީއިންނެވެ. މިއީ މި ކޮމެޓީގެ ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ކުރީގައި އޭޖީ އޮފީހުން ކުރަމުން ގެންދިޔަ މި މަސައްކަތް މިހާރު ވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަދަލުކޮށް ހަވާލުކޮށްފަ އެވެ. ޑީޖޭއޭއާ ވަކީލުންނަށް ހުއްދަ ދިނުން ހަވާލުކުރި ފަހުން އެއްވެސް ހުއްދައެއް ދޫކޮށްފައެއް ނުވެ އެވެ. މިކަމާ ގިނަ ބަޔަކު ކަންބޮޑުވެސް ފާޅުކުރި އެވެ.

އިއްޔެ ޑީޖޭއޭއިން ބުނެފައިވަނީ، ވަކީލަކު ކަމުގެ ހުއްދައަށް އެދުނު 160 މީހުންގެ ތެރެއިން 132 މީހަކަށް ވަކީލުކަމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި މީހުން ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތު އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ވަކީލުކަމުގެ ހުއްދަ ދިނުމަށް ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. މި ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި، ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ގެ އިތުރުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ބައިވެރިވެވަޑައިގެންނެވިއެވެ.