އޮފްބީޓް

އެންމެ މުސްކުޅި މީހާއަށް 145 އަހަރު!

Sep 8, 2016

ރަސްމީ ހިސާބުތަކުން މިހާތަނަށް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ އުމުރުކަމަށް ކަނޑައަޅަފައިވަނީ 122 އަހަރެވެ. ކޮންމެ އަހަރަކު ވެސް މި އުމުރާ މެދު ސުވާލު އުފެދޭނެ އެކި ހެކިތަކެއް ފެންނަން ފަށައެވެ. އެންމެ ދުވަސްވީ މީހާކަމަށް ބުނާ މީހަކު މީޑިއާއަށް ތިލަވަނީ އެވެ.

މިދިއަ ޖަނަވަރީ މަހު، ތުރުކީގެ ދެކުނު އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ މީހެއްގެ އުމުރަކީ 125 އަހަރު ކަމަށް އޭނާގެ ދަރިން ބުންޏެވެ. ނަމަވެސް އުމުރު ސައްހަ ކުރެވޭނެ ރަސްމީ ހެއްކެއް ނުވަތަ އައިޑެންޓިޓީއެއް ނެތުމުން، ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ޔުނެސްކޯއިން އެމީހާވެސް ކަނޑައަޅާފައެއް ނުވެއެވެ.

މި ފަހަރު އިންޑޮނޭޝިއާގެ މީހެކެވެ. ސޮދީމެޖޯ އެވެ. އޭނާގެ ރަށްޓެހިންގެ ނަމުންނަމަ. "ގަތޯ" އެވެ.

ގަތޯގެ އައިޑެންޓިޓީ ކާޑް ބުނާ ގޮތުންނަމަ، އޭނާ އުފަންވީ 1870 ގައެވެ. އޭގެ މާނައަކީ އޭނާގެ އުމުރުން 145 އަހަރެވެ. ގަތޯ ދިރިއުޅެމުންދަނީ، އޭނާގެ 46 އަހަރުގެ ކާފާ ދަރިފުޅު ސުރައްޔާންތޯ ގާތުގަ އެވެ. އިންޑޮނޭޝިއާގެ ޖަވާ މެދުތެރޭ ހިސާބެއްގަ އެވެ.

ގަތޯގެ އެންމެ ދޮށީ ދަރިފުޅު ސުރައްޔާންތު ބުނީ އޭނާގެ ކާފައަކީ، މުނި ކާފަ (ކާފަގެ ބައްޕަ) އަށް ލިބުނު 11 ދަރިންގެ ތެރެއިން، އެންމެ ހަގު ދަރިއެވެ. އަދި ގަތޯ އޭނާގެ ހަތަރު އަނބިންނާއެކު ދިރިއުޅުނު ކަމަށާއި އޭގެ ތެރެއިން ސުރައްޔާންތޯގެ މާމަ މަރުވީ އުމުރުން 63 އަހަރުގައި 1992 ވަނަ އަހަރު ކަމަށެވެ.

ސުރައްޔާންތޯ ބުނީ ކާފަގެ އެންމެ ދުރު ހަނދާނަކީ ކާފަގެ ފުރާވަރު އުމުރުގައި، ޑަޗުން އިންޑޮނޭޝިއާ އިސްތިއުމާރު ކުރި ދުވަސް ވަރު، ހުޅުވި ހަކުރު އުފައްދާ ފެކްޓްރީގެ ހަނދާނެވެ. އެ ފެކްޓްރީ ޑަޗުން ހުޅުވީ 1880 ވަނަ އަހަރާ ކައިރީގަ އެވެ.

"އެކަމަކު މިދިޔަ އަހަރު ކާފަ ކޮންމެވެސް ވަރަކަށް ބަލިކަށިވި. ހާއްސަކޮށް ކާފަގެ ފައި. ކާފަގެ ލޯ ބަލި ވެފައިމުމުން ކާފައަކަށް ޓީވީއެއް ނުބެލޭ. ނަމަވެސް ކާފަގެ ދެ ކަންފަތް ވެސް ރަނގަޅު. ބާރަބަރަށް ރޭޑިއޯ އަޑު އަހާ"

އަދި އެނގޭ ހެއްޔެވެ؟ ގަތޯއަށް އޭނާ އަމިއްލައަށް ކައިބޮއި ހެދެއެވެ. ނަމަވެސް އަމިއްލައަކަށް ފެނެއް ނުވެރެއެވެ.

"ފެންވަރުވާނަމަ. އަހަރެން ކާފައަށް އެހީވަން. އަދި ފައި ބަލިވުމުން ހިނގުމުގައި ކާފަ އަށް އެހީތެރިވަން"

ސުރައްޔާންތު ބުނީ، ފުރިހަމަ ސިއްހަތެއްގައި ތިބުމަސް ކާފަ އަބަދުވެސް ދަރިންނަށް ބާރު އަޅާ ކަމަށެވެ.

"ބުނޭ މާތް ﷲ ގެ ފަރާތުން އަންނަ ކަންތައްތަކަށް ކެތްތެރިވާށޭ. އަހަރުމެންގެ ބާރު ނުފޯރުވޭ ކަންކަމާމެދު އަވަސް ވެ ނުގަންނާށޭ،" ގަތޯ އޭނާގެ ދަރިންނަށް ދޭ ނަސޭހަތާ ބެހޭ ގޮތުން ސުރައްޔާންތު ބުންޏެވެ.

ސުރައްޔާންތު ބުނި ގޮތުން 1990 ވަނަ އަހަރު ގަތޯ ވަރަށް ބަލިވިއެވެ. އަދި ކަފުން ތައްޔާރުކޮށްފައި ބަހައްޓަން އެދުނެވެ.

"ކާފަ ބުނި ކާފަ ދެން މާގިނަ ދުވަހަކު ދުނިޔޭގައި ހުރެދާނެ ހެން ހީއެއް ނުވެޔޭ" ނަމަވެސް އޭގެ ފަހުން 26 އަހަރުވީއެވެ. ގަތޯ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ މިހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން އެންމެ ފުރަތަމަ ޖާގަ ލިބިފައިވަނީ އުމުރުން 112 އަހަރުގައި 1997 ވަނަ އަހަރު، މަރުވި ފްރާންސްގެ އަންހެނެއް ކަމަށްވާ ޖޭން ލުއީސޭ ކެލެމެންޓްއަށެވެ.

އެއަށްފަހު އެ ޖާގަ ލިބިފައިވަނީ ޖަޕާނުގެ ޖިރޯއިމަން ކިމްރާ އަށެވެ. އޭނާގެ ނަން ދުނިޔޭގެ ރެކޯޑަށް އެރީ އުމުރުން 116 އަހަރުގައި 2013 ވަނަ އަހަރު މަރުވުމުންނެވެ.

މިއަހަރުގެ ޖަނަވަރީ މަހު، އުމުރުން 73 އަހަރުގެ އަބްދުﷲ އިސެން ބުނީ، އޭނާގެ ބައްޕަ އުފަންވީ 1892 ވަނަ އަހަރުގެ ޖުލައި މަހު އެއް ވަނަ ދުވަހު ކަމަށެވެ. ބައްޕަ މެހްމެތު އެސެންގެ އުމުރުން 125 އަހަރު ވެފައިވާ ކަމަށެވެ.

ގަތޯއަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމުގެ ވިސްނުމެއް ނެއްތޯ އަނަޑަލޫ އެޖެންސީގެ ޓީމުން ސުވަލު ކުރުމުން ސުރައްޔާންތު ބުނީ، ގިނީސް ވޯލްޑް ރެކޯޑް މީހުންނަށް އަންގައި އެމީހުންނާ ހަމަޔަށް ވާސިލުވެވޭނެ ގޮތެއް އޭނާއަށް ނޭނގޭ ކަމަށެވެ.