ހަބަރު

ސާދާ މިސްގެ މަރާ އެކު ފޭދޫ ސްކޫލް ރޮއްވާލައިފި!

  • އެއީ އެތައް ދަރިވަރުންނެއްގެ ފޭވަރިޓް މިސް
  • ސާދާގެ މަރުގެ ހަބަރު ލިބުމާ އެކު ސްކޫލަށް ވެރިވީ ހިތާމަ
  • މިއަދު މެންދުރު ފަހު ސްކޫލްގެ ކިޔެވުން ބަންދު

އުމުރުން 41 އަހަރުގެ ފާތުމަތު ސާދާއަކީ ސ. ފޭދޫ ސްކޫލުގެ ލީޑިން ޓީޗަރެކެވެ. 18 އަހަރު ފޭދޫ ސްކޫލުގައި ހިދުމަތް ކޮށް ސާދާ މިސް ވަނީ ދަރިވަރުންގެ ހިތް އަތުލައިގެންފަ އެވެ. ކުދިންނަށް ކިޔަވާ ދިނުމުގައި ނަމޫނާއެއްގެ އިތުރުން އޯގާތެރި ޓީޗަރެކެވެ. ފޭދޫ ގިނަ ދަރިވަރުންގެ "ފޭވަރިޓް މިސް"އެވެ. ނަމަވެސް އެ ސްކޫލުގެ އިންޓަވަލް ގަޑިއާ ދިމާކޮށް އެ ކުދިންނަށް ލިބުނު ހަބަރުން މުޅި ސްކޫލް ސިހި ބޮޑު ހިތާމައަކަށް ވެއްޓުނެވެ.

"ސާދާ މިސް ނިޔާވީ ހަބަރު ލިބުމުން ގަބޫލުވެސް ނުކުރެވުން. ކްލާސް އެކީ އޮތީ ހަމަ ހިމޭންކޮށް. ޓީޗަރުންނާ މުޅި ސްކޫލު ޝޮކެއްގައި. ކިޔެވުމާ ކުރަން ހުރި ހުރިހާ ކަމެއް ހުއްޓުން. އިއްޔެ ސާދާ މިސްއާ ވާހަކަދައްކާ ހެދި އިރު ހިޔެއްވެސް ނުވޭ، އެއީ މިސްގެ ފަހު ދުވަސް ކަން،" ފޭދޫ ސްކޫލުގައި ކިޔަވާ ދަރިވަރެއް "އަވަސް"އަށް ކިޔާދިނެވެ.

ފޭދޫ ސްކޫލުގައި 78 ޓީޗަރުންނާއި 500 އަށް ވުރެ ގިނަ ކުދިން އުޅޭ އިރު ސާދާ މިސްގެ މަރުގެ ހަބަރާއި އެކު މުޅި ސްކޫލުވެސް އޮތީ "މަރު"ވެފައެވެ. ފޭދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ސިފަ ކުރައްވާ ގޮތުގައި ސްކޫލު އޮތީ އިތުރަށް ކިޔެވުން ކުރިޔަށް ގެންދެވޭ ވަރަށް ވުރެއް ހިތާމައެއްގެ ތެރޭގަ އެވެ. އެގޮތުން އެ ހިތާމާގައި ބައިވެރިވެ ފޭދޫ ސްކޫލު ބަންދުކޮށްލަން ޕްރިންސިޕަލް ނިންމި އެވެ.

"ސްކޫލުގެ ވަރަށް ގިނަ ޓީޗަރުންނާއި ދަރިވަރުން ސާދާގެ ޖަނާޒާއަށް ދިޔަ. ސާދާ މަރުވުމުންވެސް ކިޔެވުން ކުރިޔަށް ގެންދިޔުމަކީ ޑިސްރެސްޕެކްޓެއް ގޮތުގައި އަޅުގަނޑުމެންނަށް ފެނުނީ. ދެން ކުދިންވެސް ތިބީ ޝޮކެއްގައި. ކިޔަވާ ވެސް ނުދެވޭ. އެހެންވެ މެންދުރު ފަހަށް ސްކޫލު ނިންމާލީ،" ފޭދޫ ސްކޫލުގެ ޕްރިންސިޕަލް މުސްތަފާ ވިދާޅުވި އެވެ.

ސާދާގެ މަރާ ގުޅިގެން ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނު ފޭދޫ ބޮޑު މަގުގައި ހުންނަ ރެސްޓޯރެންޓެއްގެ ކައިރިންނެވެ. އަދި ސާދާ ސައިކަލު އަނބުރާލި ގަޑީ ފަހަތުން އައި ސައިކަލެއްގައި ޖެހުނީ އެވެ. އަދި ބޮލަށް ބޮޑެތި ގެއްލުންތަކެއްވެ، ސިއްހީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި މަރުވި ކަމަށް ފުލުހުން ބުންޏެވެ.