ފިނިޕޭޖް

ރުޅިއަޔަސް ނުވަތަ ލޯބިވިޔަސް: ކުރަހާ ރާއްޕެގެ ނުފެންނަ ކުލަތައް

  • ހިޔާލުތަފާތުވުމެއްގެ ތެރެއިން ކުރެހުން ހުއްޓާނުލީ ކިރިޔާ
  • އަމިއްލަ ފަރުނީޗަރު ބްރޭންޑެއް ނެރުމުގެ އުއްމީދުގައި
  • ފޮންޏޭ ބުންޏަސް ރާއްޕެގެ މައްސަލައެއް ނެތް

އޭނާގެ މަސައްކަތުގައި ނުވަތަ ހުނަރުގެ ދާއިރާގައި އެވަރުގެ މަޝްހޫރު އެހެން ނަމެއް ނެތްކަން ޔަގީނެވެ. އަލީ އިޝާންގެ ތައާރަފަކަށް މިވަރުގެ ކުރު، ފޮނި ފެށުމެއް ހަމަ އެންމެ ރަނގަޅުވާނެ އެވެ. -- މީހުންނަށް އޭނާ މަޝްހޫރުވެފައިވާ ފުރަތަމަ ނަން ވެސް އެކަމަށް ހެކިވެ އެވެ.

ކުރަހާ ރާއްޕެ އަށް އިތުރު ތައާރަފެއް ބޭނުން ނުވަނީ މިހެންވެގެންވެ! އެކަމަކު އޭނާ ހާއްސަވާ ސަބަބުތައް ބައިވަރެވެ.

އަވަސް ވީކެންޑް އިންޓަވިއުގެ މި ސިލްސިލާގައި ބައްދަލުވި އެންމެ ތަފާތު ޝަހުސިއްޔަތަކީ މިއީއޭ ވެސް ބުނެވިދާނެ އެވެ. ޔަގީނަށް ވެސް ގަދަ ފަހެއް ހޮވާ ނަމަ ރާއްޕެގެ ނަން އެ ލިސްޓެއްގައި ހިމަނަން އަޅުގަނޑު ބޭނުމެވެ.

އެކަމަކު ބައެއް މީހުން އެންމެ ރުޅި އަންނަ ނުވަތަ ފޫހިވާ މީހުންގެ ލިސްޓަށް ވެސް ރާއްޕެގެ ނަން އިތުރުކޮށްފައި އޮވެދާނެ އެވެ. މިއީ މި ފަންނާނަކު އަހަރެމެންނަށް ހާއްސަވާ އަނެއް ސަބަބެވެ. -- ވަރަށް ވެސް ކޮންޓްރޮވާޝަލް އާޓިސްޓެކެވެ.

އެކަމަކު މަސައްކަތާއި ހުނަރުގައި އޭނާއާ ވާދަކޮށްލެވޭނެ މި ފެންވަރުގެ ދިވެއްސަކުހުރިހެން ހީއެއް ނުވެ އެވެ.

މި އިންޓަވިއުގައި ރާއްޕެ ކިޔައިދޭނީ އޭނާގެ މަސައްކަތުގެ އާދަޔާހިލާފު އަހުލާގާއި ފެންވަރާއި ކަސްޓަމަރުން ހިތްހަމަޖައްސައި ދިނުމާއި ހިތްހަމަނުޖެހޭ ބަޔަކު ތިބި ނަމަ އޭނާ ދެކެ އެވަރަށް ރުޅިއަންނަ ސަބަބެވެ. އަދި އޭނާގެ މަސައްކަތަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އުފާވެރި ޚަބަރެއް ވެސް މި އިންޓަވިއުގައި ހިމެނެ އެވެ.

ރާއްޕެ އަންނަނީ އެކަންޏެއް ނޫނެވެ. އެތައް ބައިވަރު ކުލަތަކަކާ އެކުގަ އެވެ.

އަވަސް ވީކެންޑްގެ މި ސިލްސިލާގައި އަޅުގަނޑުމެން މިހާތަނަށް 30 މެހްމާނުން ގެނެސްދިންއިރު، ރާއްޕެ ފާހަގަކޮށްލެވެނީ ޔަގީނަށް ވެސް އެންމެ ތަފާތު އެކަކުގެ ގޮތުގައި. އަމިއްލަ ގޮތުގައި ވަރަށް އާދަޔާހިލާފު. ރާއްޕެގެ ގޮތާއި އެ ގޮތުގެ ސިއްރު ކިޔައިދޭ ނަމަ ބުނެލާނީ ކީކޭ؟

"އަނެއްހެން ބަލާއިރު މާބޮޑު ސިއްރުތަކެއް ނެތް. އެކަމަކު ކޮންމެ ފަންނީ މީހެއްގެ ވެސް ހުންނާނެކަން ނޭނގެ އެހެން މީހުންނާ ތަންކޮޅެއް ތަފާތު ގޮތަކަށް ދެކެވޭ ގޮތްތަކެއް. އާންމު އުސޫލުން އުޅެވޭތ މި އުޅެނީ. އެކަމަކު ފަހަރެއްގައި މި ބުނާހެން އެެހެން މީހުންނަށް ނަގައިގަނެވިދާނެ ތަފާތު ގޮތެއް ކަމަށް އެ ހުންނަނީ"

"ގަސްދުގައި ކުރާ ކަމެއް ނޫންއެއީކީ. އޭގެ ޒާތުގައި ވާގޮތެއް. ތޮބީއަތުގައި ހުންނަ ކަމެއްހެން ބޮޑަށް ލަފާކުރެވެނީ. ދެން ދުނިޔޭގެ ކުރީގެ ބޮޑެތި އާޓިސްޓުންނަށް ބަލާއިރު އެމީހުންގެ ވެސް އެބަހުރޭ ތަފާތު ގޮތެއް. ކުރެހުންތަކުގަ އާއި އުޅުމުގައި ވެސް. އެކަހަލަ ގޮތެއްކަން ނޭނގެ އެ ވަނީ."

ރާއްޕެ ތިއީ ވަރަށް، ވަރަށް، ވަރަށް ބިޒީ އާޓިސްޓެއްކަން އެނގޭ. ދެން މާ ބިޒީ، ބިޒީ މީހެކޭ ބުނީމަ، ކިހާ ބިޒީ މީހެއްތޯ ބަލައިލަން ބައެއް މީހުން ބޭނުންވެދާނެތާދޯ. އަޅުގަނޑުމެންނަށް ކިޔައިދީބަލަ މިދިޔަ ތިން މަހުގެ މަސައްކަތްތަކާއި މި އަހަރު ކުރިއަށް ހުރި މަސައްކަތްތަކުން އެންމެ ފުރަތަމަ؟

"މަސައްކަތް ހޯދަން އުޅެންޏާ މީހާ ބުރަވާނެއޭ. ބުރަވުމަކީ އެއްގޮތަކުން ވަރަށް ބޮޑު އުފަލެއް. އަނެއްގޮތުން ބަލާއިރު ބައެއް މީހުންނަށް މީހާ ބުރަވުމަކީ ތަންކޮޅެއް އުނދަގޫކަމެއް. އޮފީހަކަށް ދާ މީހަކު އުޅޭނީ އަބަދުވެސް ވަރަށް ބުރަވެގެން. މީހާ ކުރާހިތުން ކުރާ ކަމެއްވެއްޖެއްޔާ ކިތަންމެ ވަގުތެއް ވެސް (ރަނގަޅުވާނެ)"

"މިދިޔައީ ރޯދަ މަސް، އެއީ ދެން އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ވަކިން ބޮޑު މަހެއް. އެހެންވީމަ ލިބޭ މަސައްކަތްތައް އާންމު މަސްމަހާ އަޅާބަލާފައި މަދުވާނެ. އެހެންވީމަ ދެން ކުރިއަށް އޮތް ތިން މަހަށް ބަލާ ނަމަ އެއީ ވަރަށް ބުރަ ތިން މަސް. ބައެއް ދުވަސް ދުވަހު އެބަހުރި ދެ ވެޑިން ތިން ވެޑިންވަރު ވެސް. ކުރެހުމުގެ ކަންތައްތައް ވެސް ކުރިއަށް އޮތް ތިން މަހަށް އެބަހުރި ހަމަ ފުދޭވަރަކަށް."

މީގެ ގާތްގަނޑަކަށް 10 އަހަރު ކުރީގެ ރާއްޕެ އާއި މިއަދު އަހަރެމެންނަށް މި ފެންނަ ރާއްޕެގެ ތަފާތުތަކެއް ކިޔައިދޭ ނަމަ ފާހަގަކޮށްލަން ބޭނުންވާ ސިފަތަކަކީ ކޮބާ؟

"މީގެ ދިހަ އަހަރު ކުރީގެ ގޮތާއި މިހާރު ގޮތް ކިޔައިދެންޏާމު ބުނެވޭނީ އޭރަކު ނުރައެއް ނުހުންނާނެއޭ. މިހާރު ނުރަހުންނާނެ. އޭރަކު ބޮލުގައި އިސްތަށި ގިނަވާނެ. މިހާރު ތަންކޮޅެއް މަދުވާނެ. އޭރުގަ މަސައްކަތް، މި ދާއިރާގައި މައިގަނޑުކޮށް، ކުރެހުމާ އެކު ވެޑިންގެ މަސައްކަތަކަށް ބަލާއިރު، ވަރަށް މަދު މި މަސައްކަތް ކުރާ މީހުން. އެކަމަކު މިހާރު ވަރަށް ގިނަ. އެހެންވީމަ ތަންފުކެއް ތަރައްގީވެގެން އައިސްފި. އެހެންވީމަ އަޅުގަނޑުމެން ވެސް އެބަޖެހޭ ތަރައްގީވާން. އާންމުންނާ ގުޅޭ މަސައްކަތަކަށްވީމަ އެ ބަދަލުތަކެއް މީހާ އަށް ގެނެސްގެން މަސައްކަތާއިގެން ދެމިހުރެވޭނީ. ކުރިއަށް ދެވޭނީ"

"އެހެން ނޫން ނަމަ މީހުން ގަބޫލެއް ނުކުރާނެ. މީގެ 10 އަހަރާ އަޅާބަލާއިރު ބައެއް ކަންކަމަކީ މަޖުބޫރީ ހާލަތްތައް މެދުވެރިވެގެން ބަދަލުވެފައި ހުރި ކަންކަން. އޭގެ ޒާތުގައި ބަދަލުވަމުން އަންނަ ކަންކަން ވެސް ހުންނާނެ."

ތިހާ ބިޒީކޮށް އުޅެމުން ރާއްޕެގެ މަސައްކަތުގެ ތާވަލަށް ޕްރޮޖެކްޓެއް އިތުރުކުރަން ވަރަށް އުނދަގޫވާނެތާ. އެގޮތަށް މަސައްކަތެއް ނަގާ ނަމަ އެ މަސައްކަތަކާ ހަވާލުވުމަށް ރާއްޕެ ގެންގުޅޭ އުސޫލުތައް އަޅުގަނޑުމެންނަށް ކިޔައިދީބަލަ؟

"މިކޮޅުން ގެންގުޅޭ އުސޫލަކީ، އާންމުކޮށް ސަރުކާރު މަސައްކަތެއް ނުކުރަން. މުވައްޒަފުން ގޮވައިގެން މި އުޅެން ޖެހެނީ. ދުވަހު މަސައްކަތަށް ނުވަތަ މުސާރައަށް ވެސް ގެންނަން ޖެހޭ ބަޔަކު ވެސް އުޅޭ ބައެއް ހާލަތްތަކުގައި. އެހެންވީމަ އަހަރެމެންގެ އިންނަ ވަރަށް ބޮޑު ތަންކޮޅެއް އެއީ، މަސައްކަތެއްކޮށްފައި އެމީހެއްގެ އެ ދާ ނުހިކެނީސް އެ މީހަކަށް ދޭން ޖެހޭ އުޖޫރައެއް ދިނުން. އެއީގަބޫލުުކުރާ އުސޫލަކީ"

"އުސޫލުތަކެއް ގެންގުޅެން. އާންމުކޮށް މަސައްކަތް ނިންމަން ޖެހޭ ދުވަހުގެ ހަފުތާއެއް ކުރިއަށް މުޅި ފުލް ޕޭމަންޓް ދައްކަން ޖެހޭނެ. އެއްޗެއް ގަނެގެން ދެވޭނީ ލާރި ދީފަ. ފަހުން ލާރި ދޭ ގޮތަކަށް މަސައްކަތެއް ނުކުރަން. ނުވެސް ކުރެވޭނެ. ކުރާކަށް ބޭނުމެއް ވެސް ނޫން ހަގީގަތުގައި."

ކޮންމެއަކަސް އެންމެން ހިތްހަމަޖެއްސުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން. މަސައްކަތެއް ހިފައިގެން އަންނަ ކަސްޓަމަރު ހިތްހަމަޖައްސައިދިނުމަށް ރާއްޕެ އިސްކަންދޭ މިންވަރާއި އެކަމަށް ލެވޭ އެފަޓަކީ ކޮބާ؟

"މަސައްކަތެއް ކުރުވަން އަންނަ މީހާ ހިތްހަމަ ޖައްސުވަން ގިނަ ފަހަރަށް މަސައްކަތްކުރެވޭ. އެކަމަކު ބައެއް މީހުންނަކީ އެމީހުންގެ ޒާތުގައި އެކި މިޒާޖުގެ މީހުން. އެކި މީހުން ހިތްހަމަޖެހޭނީ އެކި ކަންކޮށްގެން. އެހެންވީމަ އެންމެން ހިތްހަމަނުޖެހިދާނެ އަހަރެންގެ ވާހަކަ ހުންނަ ގޮތުން. އަހަންނަކީ ހަމަ ވަރަށް ސީދާ ސީދާކޮށް ބުނާ މީހެއް. ބައެއް މީހުން ހިތްހަމައެއް ނުޖެހޭ. އަނެއްބައި މީހުން ތިމަންނަ ހީއެއް ނުކުރަމޭ ތިހާ ރައްޓެހިކޮށް ވާހަކަ ދައްކާނެ ކަމަކަށް"

"އަނެއްބައި މީހުން އަހަރެން ނުފެނި އަހަރެންގެ ނަން އިވޭ އިރަށް ބުނެފައި އެބަހުރި ތިމަންނަ ހީކުރީ ވަރަށް ފޮނި މީހެއް ކަމަށޭ. ބައެއް މީހުން ބުނެފައި އެބަހުރި ތިމަންނަ ހީކުރީ ވަރަށް ސިމްޕަލް މީހެއް ކަމަށޭ. އެކަމަކު ވަރަށް ފޮންޏޭ. އެކި މީހުންނަށް ދެކެވޭނީ އެކި ގޮތަށް."

"މައިގަނޑު ގޮތެއްގައި ބުނަންޏާމު ބުނެވޭނީ، މަސައްކަތެއް ހަވާލުކުރަން އަންނަ މީހާ ހިތްހަމަޖައްސަން މަސައްކަތްކޮށްފައި ހުންނާނެއޭ. އެކަމަކު އަނެއް މީހާ ދެނެނުގަނެވެނީކަމުގައި ވަނީ ނަމަ ހިތްހަމަނުޖެހޭ ކަންކަން ވެސް އައިސްދާނެ."

ރާއްޕެ އެވަރަށް ވަގުތު ދީގެން ހިތްވަރުކޮށްގެން، މަސައްކަތްކޮށްދޭ ކަސްޓަމަރުންނަށް އެންމެފަހުން ރާއްޕެ ހިތްހަމަޖައްސައިދެވޭ ކަމަށް ގަބޫލުކުރަންތަ؟

"އަސްލުގައި ބައެއް މީހުން. އަހަންނަކީ އަނެއްހެން އެކުގައި ކޮފީ އަށް ދާ ރައްޓެހިން ވަރަށް މަދު މީހެއް. ވަގުތު ވެސް އޮންނަ ގޮތުން. ގިނަ ފަހަރަށް އަހަރެންގެ އަންހެނުންނާއި އަހަރެން ދެ މީހުން ކޮފީ އަށް ދާނީ ވެސް. އެހެންވީމަ މި މަސައްކަތުގައި، ހިތްހަމަޖެހޭތީކަން ނޭނގޭ، ވެޑިން މަސައްކަތަށް ފަހު އެމީހުން އަހަރެމެންގެ ރައްޓެހިންނަށް ބަދަލުވެފައި އެބަތިބި. އޭގެ މާނަ އަކީ އެމީހަކާ ދޭތެރޭ ހިތްހަމަޖެހެނީ. އެހެން ނޫން ނަމަ އަމިއްލަ އަށް ގުޅާފައި ނުބުނާނެ ކޮފީއެއް ބޯލަން ދާކަށް. ގިނަ ފަހަރަށް ނުވެސް ކެރޭނެ."

ރާއްޕެ ފާހަގަކޮށްލެވެނީ، ދިވެހިންގެ ވެޑިން އަދި އެހެނިހެން ހަފުލާތަކުގެ ޒީނަތްތެރިކަމަށް ވެސް އިންގިލާބެއް ގެނައި ފަންނާނެއްގެ ގޮތުގައި. ރާއްޕެ ގަބޫލުކުރަންތަ މި ވާހަކަ އަދި މިއީ މި ދާއިރާގައި ހޯދުނު ކާމިޔާބީއެއް ކަމަށް؟

"އަހަރެން ގަބޫލުކުރަން އަސްލުގައި ވެޑިން މި ދާއިރާގައި އައިސްފައި އޮތް ބަދަލު، އަހަރެންގެ ވެސް ވަރަށް ބޮޑު ބައެއް ކަމަށް. ސަތޭކަ ޕަސެންޓް އަހަރެންގެ އެއްޗެކޭ ނޫން މި ބުނަނީކީ. ވަރަށް ބޮޑު ބަދަލެއް ކަމަށް ގަބޫލުކުރަން. އަހަރެމެން ފުރަތަމަ މި ދާއިރާ އަށް އައިއިރަކު މި ޑެކަރޭޝަންސްތަކެއް މިގޮތަކަށް ނަހަދާ"

"ފުރަތަމަ ވެޑިންސްތައް ހެދި ތާރީޚުތަކަށް ބެލީމަ އެނގޭނެ މި ބުނަނީ ކިހާ ވަރެއްގެ ތެދެއްކަން. ހަނދާން ބަލި ނޫން ނަމަ، ބުނެވޭނީ ކަރުދާސް ބޭނުންކޮށްގެން ވެޑިންއެއް ފުރަތަމަ (ޑެކަރޭޓްކޮށްފައި) ހުންނާނީ (ރާއްޖޭގައި) އަހަންނަށޭ. ބައެއް ވެޑިންތައް ދަރުބާރުގެއިން ފެނިގެން މީހުން ގުޅާފައި އެބަ އަހާ ދަރުބާރުގޭގައި މަސައްކަތްކުރަނީ ހެއްޔެވޭ ވެސް. އޭގެ މާނަ އަކީ، އެ ދުވަސްވަރު އަޅުގަނޑު މި ހެދި އެއްޗިއްސާ ކިރިޔާ ވެސް ގާތްކުރާ އެއްޗެހިތަކެއް ހެދިޔަސް އެ ވަނީ އަހަރެންގެ އެއްޗަކަށް."

ދިވެހި މުޖުތަމައުގައި އާޓް ނުވަތަ މި ފަންނަށް ދެވިފައިވާ ދަރަޖަ އާއި ސަމާލުކަން ރާއްޕެ ސިފަކުރާނީ ކިހިނެތް؟ ބައެއް އާޓިސްޓުން ބުނާ ގޮތުން ނަމަ މި މުޖުތަމައުގައި އާޓާއި، އާޓިސްޓުންގެ އެއްވެސް އަގެއް ނެތް. ރާއްޕެ އެ ވާހަކަ ގަބޫލުކުރަންތޯ؟

"ފަންނީ މީހުންނާ މެދު ދެވިފައި އޮތް ސަމާލުކަން ރާއްޖޭގައި އެހާ ބޮޑެއް ނޫން. ފަންނީ މީހުންގެ އުޅުން ހުންނަ ގޮތުން ވެސް ކަންނޭނގެ އެބައި އެހެން ދަނީ. ދެން ރާއްޖެއަކީ އެހާ ފަންނީ މީހުން އުޅޭ ތަނެއް އެކަމަކު ވެސް އެހާ ސަމާލުކަމެއް ނުދެވި އޮތް ތަނެއް"

"ބައެއް މަގާމުތަކަށް ލެވިފައި ތިބި ބަޔަކީ އެމީހުންގެ ޒާތުގައި އެމީހުން އަމިއްލަ އަށް ކުރިއަރަން ބޭނުންވާ، މަގާމުގެ ނުފޫޒު ބޭނުންކުރަން ބޭނުންވާ ބަޔަކަށް ވެގެންދިޔަ. އެހެންވީމަ ވާގޮތަކީ ފަންނީ މީހުން ކުރިއަށް ނެރެން، އެމީހުން އާންމުންނަށް ފެންނަ ނިސްބަތް މި ވަނީ މަދުވެފައި. ކުރީ ސަފުގައި ތިބެނީ އެހާ މޮޅެތި މީހުންނެއް ނޫން. ފަންނީ މީހުންނެއް ނޫން. އެހެންވީމަ ވާގޮތަކީ އެމީހާ އަށް ވުރެން މޮޅު މީހަކު އައިސްފި ނަމަ ބޭނުމެއް ނުވާނެ އެމީހަކު އަރައިގެން ދާކަށެއް."

ބުނެވިދާނެތަ ދިވެހި އާޓިސްޓުންނަށް، ވަކިން ހާއްސަކޮށް ކުރެހުންތެރިންނަށް އެމީހުންގެ އަސްލު އަގާއި އިހްތިރާމް ނުލިބެނީ މި މުޖުތަމައުގެ ދީނީ ފިކުރުތައް މި ފަންނާ ފުށުއަރާތީ ކަމަށް؟ ކުރެހުން ނުވަތަ މި ފަންނުވެރިކަމުގައި އާންމުން މިހައި ބޮޑަށް ހިޔާލުތަފާތުވެފައި އޮތް އޮތުން ސިފަކުރާނީ ކިހިނެތްތޯ؟

"ބައެއް ފަހަރު ތިގޮތަށް ފާހަގަކުރެވިދާނެ. ދެން ދީނީ އިލްމުވެރިއެއް ނޫން އަހަންނަކީ. އެހެންވީމަ ދީނުގައި އޮތީ މިހެންނެކޭ ބުނާކަށް ނުކެރޭނެ. އެކަމަކު ބައެއް އިލްމުވެރިން، ހަމަ އެއްވެސް ވަރަކަށް ވިސްނާނުލައި، އަނެއް މީހާގެ ސިކުނޑި އަށް ތިމާ މީހާ މި ބުނާ ވާހަކަ ވަންނަނީ ކިހާ ވަރަކަށްތޯ ނުވިސްނައި އެބަބުނޭ ހަމަ ކޮންމެ ފަދަ އެއްޗެއް ވެސް. އެހެންވީމަ ވާގޮތަކީ ފަންނީ މީހުން އެމީހުންގެ ވިސްނުމާ ފިކުރު ތަފާތުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އާންމުކޮށް މި އުޅޭ މީހަކާއި މަސައްކަތެއް ކުރާ މީހަކާއި ފަންނީ ގޮތުން މަސައްކަތްކޮށް ކުރިއަރައިގެންދާން މަސައްކަތްކުރާ މީހާއާ ހާސް ބައި ތަފާތު"\

"އެހެންވީމަ ދީނީކަންކަން، ވިސްނާ ވިސްނުމާ ގުޅޭ ގޮތުން ވާހަކަ ދައްކާއިރުގައި ވަރަށް ބޮޑެތި ފުރުއެރުންތައް އެބަހުރި ވިސްނަން ޖެހޭ. އަހަރެން ވަކި ހިސާބަކުން ކުރެހުން ހުއްޓާލާ ހިސާބަކަށް ވެސް އައި. އެ ވިސްނުމުގައި ގޮސް އެތައް އިލްމުވެރިންނާ ބައްދަލުކުރާ ދަރަޖައަށް ދިޔަ. އެވެސް ހަމަ މިކަހަލަ ވާހަކައެއް. ބައެއް ދީނީ ވާހަކަ ބުނާއިރުގައި އެއް ބައި ބުނެވިފަ ނިންމިފަ އެބަހުރި ތަފްސީލަކަށް ނުގޮސް."

ބައެއް މީހުން ބުނޭ، އާޓިސްޓުންގެ އަގު މީހުންގެ ކުރިމަތީގައި ބައެއް ފަހަރަށް ވެއްޓެނީ އާޓިސްޓުންނާ ހެދިއޭ. އެމީހުން މަސައްކަތްކޮށްދޭގޮތުންނޭ. އެގޮތަށް އެއްވެސް މީހަކަށް އެހެން ބުނެ، ރާއްޕެ އަށް އިނގިލި ދިއްކުރެވިދާނެތަ؟

"ހީއެއް ނުވޭ އަހަންނާ ދިމާއަށް، ރާއްޕެއާ ހެދިއޭ މުޖުތަމައުގައި މިހެން މިވަނީ، އެހެން ކިޔާފައި އިނގިލި ދިއްކޮށްލެވިދާނެ ކަމަކަށް. އެހެނެއް ނޫން، މިސާލަކަށް އިނގިލި ދިއްކުރަންޏާމ ދިއްކުރަންވީ. ބައެއް ފުންނާބުއުސް ދިވެހި ރާއްޖޭގެ ޖަމިއްޔާތަކުން އެބަހުރި ބުނެފައި ދިމާއަށް މި މުޖުތަމައިން ރާއްޕެ ބަދަލުކޮށްލާނަމޭ. ރާއްޕެ ކުރިއެރިޔަކަ ނުދޭނަމޭ. އެހެންވީމަ އެކަހަލަ އިނގިލި އެބަހުރި ދިއްކުރެވިފައި."

"އެކަމަކު މުޅި މުޖުތަމައުގައި ފަންނީ ކަންކަން ހަލާކުކުރީ ނުވަތަ މިކަން މިހެން ކުރީ ރާއްޕެއޭ އެހެން ބުނެވޭނެ އެއްވެސް ޖާގައެއް، އެއްވެސް ތަނެއް ނޯންނާނެ. ބުނިއްޏާމު ބުނެވޭނީ ތިމަންނަ އަށް އާޓުގެ މިވެނި އެއްޗެއް އެނގުނީ ނުވަތަ މިވެނި ވިސްނުމަކަށް އަންނަން މަޖުބޫރުވީ ރާއްޕެއާ ހެދިއޭ."

އެއް ދުވަހަކު އަޅުގަނޑުމެންގެ ނިއުސްރޫމަށް ގުޅި މީހަކު، ނިކަން ބޮޑަށް ރާއްޕެއާ މެދު ހިތްހަމަނުޖެހިގެން ބައިވަރު ވާހަކަ ދައްކައި، ލިބުނު ގެއްލުމުގެ ވާހަކަ ޚަބަރެއްގެ ގޮތުގައި ލިޔެ ދިނުމަށް އެދުނު. އެ މީހާ ދެއްކި ވާހަކަތަކަށް ނުގޮސް، އަޅުގަނޑުމެންނަށް ކިޔައިދީފާނަންތަ، އެކަހަލަ ކަސްޓަމަރުން އުފެދެން މެދުވެރިވާ ސަބަބު؟

"އަޅުގަނޑު ކައިރިއަށް ވެޑިންއެއް ހައްދަން އައި މީހަކަށް ބޮޑަށް ލަފާކުރެވެނީ ތިއީ. އެކަމަކު މީހަކު ހިތްހަމަނުޖެހިގެން ވާހަކަ ދައްކާ ދަރަޖައަށް ދާކަށް، އެހެން މީހުންނަށް ގުޅާފައި (ނޫސްތަކަށް) ގުޅާފައި ބުނާކަށް ނުޖެހޭ. ސަބަބަކީ އަހަންނަކީ ސިޔާސީ މީހެއް ނޫން. އަހަންނަކީ ފަންނީ މީހެއް. ފަންނީ މީހުން އެމީހުން ބުނާ އެތި ހަދައިދޭނީ. އެމީހުން ނުބުނާ ކަމެއް އެ މަސައްކަތުގެ ތެރެއަކަށް ނުލާނެ އަނެއް މީހާގެ މޫނަކަށް ބަލާފައެއް. މި އުޅެނީކީ ސަލާމަތްނުވެވިގެނެއް ނޫން"

"ފިލްމީ ދާއިރާގެ ބައެއް މީހުން ނުވަތަ ފިލްމު ހަދާ ބައެއް މީހުން ތިކަހަލަ މައްސަލަ ޖައްސަފާނެ. އެމީހުންގެ ފިކުރު ތަފާތުވާނެ. އެމީހުންގެ ވިސްނުން ތަފާތުވާނެ. ބޮޑަށް ލަފާކުރެވެނީ ތި މައްސަލައެއްގައި ނޫހަކަށް ގުޅާނެ އެންމެ މީހެއްހެން ހުންނާނީ. އެމީހާއާ ދިމާވި މައްސަލައަކީ ކޭކަށް ލައިޓެއް ނުލައިގެން ދިމާވި މައްސަލައެއް. ކޭކު ހަދާ މީހާގެ ކަމެއް ކޭކަށް ވަކިން އަލިކުރުމަކީ. ނޯޓުގައި ހުންނަ ކަމެއް ފިޔަވައި އިތުރު ކަމެއް، ލާރި ނުދޭ ކަމެއް ނުކުރާނެ. މީހާގެ މޫނަކަށް ބަލައިފައެއް ނޫން މަސައްކަތެއް ކުރަނީކީ. ހަވާލުވެފައި ހުންނަ މަސައްކަތް ނިންމަމުން ދާނީ 24ގަޑިއިރު ތެރޭގައި."

ރާއްޕެ ކޮށްދޭ މަސައްކަތަކީ ކިހާ ބުރަ މަސައްކަތެއް ކަމާއި މިއީ އަގާ ނުބައްދަލު ސިމްޕަލް މަސައްކަތެއް ނޫންކަން އާދައިގެ ކަސްޓަމަރަކަށް ވިސްނައިދޭނެ ގޮތް ކިޔާލަދީބަލަ؟

"ހަގީގަތުގައި މަސައްކަތެއް ކުރާ މީހެއްގެ ފަރާތުން، އަނެއް މީހާ ހިތްހަމަނުޖެހޭ ކަންތަކެއް ދިމާވާނެ. މީހާ ވަކި ހިސާބަށް ވުރެން އަނެއް މީހާ އަށް ވުރެން މޮޅު މީހެއް ކަމަށް ގަބޫލުކުރެވިއްޖެ ނަމަ އެމީހާ ދޭތެރޭގައި ދެކެވޭ ގޮތް ވެސް ތަފާތުވޭ. މިސާލަކަށް ބައެއް މީހުންނަށް ބޭނުމެއް ނުވާނެ ކިރިޔާ ހިތްހަމަނުޖެހޭ ހަޑިގޮތެއް ހުއްޓަސް، މިވެނި ކަމެއް އިނަސް އެއީ ވެގެންވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރާނީ"

"އެކަމަކު އެއީ ވެސް ވާން ޖެހޭ ގޮތެއް. އެކި މީހުންގެ ބަޖެޓު އެކިވަރު. އެކި މީހުން ހަވާލުކުރާ މަސައްކަތް އެކިވަރު."

މިހާތަނަށް އެންމެ ހިތްހަމަޖެހިގެން ނިންމާލި މަސައްކަތް އަދި އެންމެ އަގުބޮޑު މަސައްކަތުގެ ވާހަކަ ކުޑަކޮށް ކިޔާލަދީބަލަ އަޅުގަނޑުމެންނަށް؟

"އެންމެ ހިތްހަމަޖެހޭ މަސައްކަތަށް އެންމެ އަގުބޮޑު މަސައްކަތަކަށް ވަނީ ވަކި، ލާރި ގިނައިން ލިބުނު މަސައްކަތެއް ނޫން. އެންމެ އަގުބޮޑު މަސައްކަތަށް ވަނީ ޑެންމާކުގައި އާޓް ގެލަރީއެއްގައި ކުރެހުންތަކެއް ބަހައްޓާލެވުނު ދުވަސް. އެކަމަށް ތައްޔާރުވި ދުވަސް. އެއީ ކަމަށް ގަބޫލުކުރަނީ އެންމެ ހިތްހަމަޖެހުނު މަސައްކަތަކީ. ސަބަބެއް ވެސް ނެތީކީ ނޫން. ދިވެހި ރާއްޖޭގެ އާޓު ގެލަރީއެއްގައި، ފަސް ފަހަރަށް، ކުރެހުންތައް ދައްކާލަން ފުރުސަތު ދޭން އެދުނީމަ ވެސް ނުލިބުނީމަ ދެން ދިޔައީ ޔޫރަޕަށް. ހިތަށް އެރީ މި ހިސާބުގައި ވެސް، ސަރަހައްދުގައި ވެސް ނުބާއްވާނަމޭ. އެހެންވީމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށް ބޮޑު، ވަރަށް ބޮޑު ފަހުރެއް ކަމަށް ގަބޫލުކުރަނީ."

އަނބިމީހާ ފެންނަނީ ރާއްޕެގެ ހަޔާތުގެ ވަރަށް މުހިންމު މީހެއްގެ ގޮތުގައި. ރާއްޕެގެ މި ދަތުރުގައި ނުވަތަ މި ކާމިޔާބީގައި އަންހެނުންގެ ހިއްސާއަކީ ކޮބައިއޭ ބުނެލާނީ؟ ކިހާވަރެއްގެ ހެޔޮ ނުފޫޒެއްތޯ އަނބިމީހާ އެއީ؟

"އަހަރެންގެ ބައެއް ރައްޓެހިން ވެސް ވަރަށް ތާއީދުކުރާ ކަމެއް އަބަދު އަހަރެން އަންހެނުންނާ އެކު އުޅުން. ބައެއް މީހުން އެހާއެއް ވެސް ނޫންކަން ނޭނގެ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެން ފެނިއްޖެއްޔާމު އަހަރެންގެ އަންހެނުން ވެސް ފެންނަން ޖެހޭ. އެހެންނޫނީ މީހުންނާ ނީނދެ އުޅޭނީ. އަހަރެންގެ ވިސްނުމެއް ނޫން އަނބިމީހާ ގޭގައި ބަހައްޓާފައި ރެސްޓޯރެންޓަށް ގޮސް ސައިބޮއެގެން ކައިގެން އުޅުން"

"ކޮންމެ ގޮތެއްވިޔަސް ދިރިއުޅުމުގައި 50 ޕަސެންޓަކީ އަނބިމީހާ. އަނެއް ފަންސާހަކީ އަހަރެން. އެހެންވީމަ ދެ މީހުންވެގެން މަސައްކަތްކުރަން ޖެހޭނީ. އެހެންވީމަ އެއްކޮށް އުޅޭ ބަޔަކީ ހުރިހާ ކަމެއްގައި ވެސް އެއްކޮށް އުޅޭ މީހުން. އަހަންނަށް ހަގީގަތުގައި ބުނެވިދާނެ އަހަރެންގެ މަސައްކަތުގެ އެއް ބައޭ (އަންހެނުންނަކީ)."

އާމްދަނީއެއް ހޯދުމަށް މި މަސައްކަތްކުރާތާ ރާއްޕެ ދެން ވަރަށް ގިނަ ދުވަސްވެއްޖެ. މި ތަޖުރިބާ އަށް ބަލާއިރު، މި ނޫން އެހެން ދާއިރާއަކުން ކުރިއަށް ދެވުނު ނަމައޭ ހިތަށް އަރާތަ؟

"އަހަރެން ހިތަކަށް ނާރާ މި ނޫން އެހެން ދާއިރާއަކަށް ދެވުނުނަމައޭ. އެކަމަކު އަހަރެން ބޭނުން މި ނޫން އެހެން ދާއިރާއެއްގައި މަސައްކަތެއް ވެސް ކުރަން. އަހަރެން އެންމެ ފުރަތަމަ ކުރާހިތުން ދަސްކުރި މަސައްކަތަކީ ވަޑާން. އަހަރެން ވަޑާންކުރާހިތްވޭ ވަރަށް. ބޭނުންވޭ މުޖުތަމައުގައި، މިހާރު މި އޮތްގޮތުން، ވަރަށް ދެކެން ވެސް ބޭނުންވާ ދުވަހެއް، އަހަރެންގެ ވިސްނުމެއް މިއީ، އަބަދު މިޖެހެނީ މާލޭގެ އެއް ގެއިން އަނެއް ގެއަށް ބަދަލުވާން"

"އެހެންވީމަ އެގޮތަށް ބަދަލުވާއިރު ގޭތެރޭގައި ގެންގުޅޭ ފަރުނީޗަރަކީ ފަސޭހައިން ރޫޅޭ، ހަދާލެވޭ ކަހަލަ ވަޑާމަކަށް ހެދުން އަހަރެންގެ ވިސްނުމުގައި އެބަހުރި. ރޫޅާލާފައިގެން ގޮސް އިސްކުރުތައް ނުޖަހައި ރާވާލެވޭނެ ގޮތަކަށް އެއްޗެހިތައް ތައްޔާރުކުރުން. ފަސޭހައިން ނައްޓާލައިގެން ލުއިގޮތަކަށް ގެންގުޅޭނެ ގޮތް ހެދުން. މުސްތަގުބަލުގައި އަހަރެންގެ ފަރުނީޗަރު ނުވަތަ އެކަހަލަ އެއްޗެހިތަކެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރަނީ."

އާންމުކޮށް އަހަރެމެންނަށް ރާއްޕެގެ މަސައްކަތްތައް މި ފެންނަނީ ވެޑިންސްތަކާއި ހަފުލާތަކުން. ރާއްޕެގެ ބައިވަރު ފޭނުން ވެސް އުޅޭނެ. މަސައްކަތްތައް ވަކިން ހާއްސަކޮށް ކުރެހުންތައް، އެހެން ގޮތަކަށް ބަލައިލުމަށް އެދޭ ފަރާތްތަކަށް އޮތް އުފާވެރި ޚަބަރަކީ ކޮބާ؟

"މިހާރު އަހަރެންގެ ކުރެހުންތައް ދައްކާލަން އެބަ މަސައްކަތްކުރަން. ހީވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ތެރޭގައި ދައްކާލެވޭނެހެން. ބައެއް ކުދިން ބޭނުންވޭ އަހަރެންގެ ކުރެހުމެއް ހަމަ ލޮލުން ބަލައިލަން. އަހަރެންގެ މައިގަނޑު ވިސްނުމަކީ ކުރެހުން، އޭގެ ޒާތުގައި ކުރެހުންތައް ދެއްކުމެއް ނޫން. އަހަރެންގެ ވިސްނުމުގައި އޭތި ކުރަހާފައި ހުރީ ކީއްވެގެންތޯ ނުވަތަ ބޭނުންކޮށްފައި ހުރީ ކޯއްޗެއްތޯ، ފަންނީ ގޮތުން ކުރިއަރަން ބޭނުންވާ ކުދިން ކޮޅަކަށް އެއްޗެހިތަކެއް ދައްކާލައި ކިޔާލަދިނުން."

އާޓިސްޓަކަށްވީމަ ހަމަ އަހާލާހިތްވޭ، ރާއްޖޭގައި މިއަދު މި އޮތް، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސިފަކުރާނީ ކިހިނެތްތޯ؟ ބައެއް މީހުން ބުނޭ ސިޔާސަތުތައް ކަނޑައެޅިފައިވާގޮތުން އާޓިސްޓުންގެ އަތްތައް ވެސް ވަނީ ބަނދެލެވިފައޭ. ކޮބައިތޯ ރާއްޕެ އަށް މި މުޖުތަމައުގެ އެ މިނިވަންކަން ފެންނަ ގޮތަކީ؟

"މިނިވަންކަން، އަދި ފަންނީ މީހުންގެ މިނިވަންކަމާ ދޭތެރޭގައި ބަލާއިރުގަ، އެ މިނިވަންކަން ތަންކޮޅެއް ހަނި. ހަނިކޮށް އޮތީ ވެސް. ކުރިން ވެސް މިހާރު ވެސް އެހާ މިނިވަނެއް ނޫން ފަންނީ ކަންކަމެއް. ފަންނީ ކަންކަން ހަގީގަތުގައި، މިނިވަންކަމެއްގެ ގޮތުގައި ބެލެވިގެންދާނީ މަސައްކަތެއް ދޭއިރު، އެ އޮންނަ ގަވާއިދެއްގެ ދަށުން އެކަން ކުރެވެނީކަމުގައި ވަނީ ނަމަ ވެސް އެއީ ވަރަށް ބޮޑު މިނިވަންކަމެއް. އަނެއްކޮޅުން މިނިވަންކަމޭ ބުނާއިރުގައި ކޮންމެ ކޮންމެ އެއްޗެއް ކުރަހާފައި ނުއެއް ނެރެވޭނެ"

"އަހަރެން ކުރަހާ އެއްޗެއް ފަހަރެއްގައި ޖެހިދާނެ ގެލެރީން ނެރެން ވެސް. އަސްލު އެ ކުރެހުމަކީ އެމީހެއްގެ އިހްސާސް. އެހެންވީމަ ތިއީ ގޯސް އެއްޗެކޭ ބުނެވޭކަށް ނޯންނާނެ. ދީނީގޮތުން ހިލާފު އުފެދޭ އެއްޗެއް ކަމުގައި ނޫނިއްޔާމު. އެހެން ނަމަ ބުނެވިދާނެ ތި ބޭނުމެއް ނުކުރެވޭނެއޭ މި މުޖުތަމައެއްގައި"

"ހަގީގަތަށް ބަލާއިރު އެ މިނިވަންކަން ހަނިވަމުންދާ މަންޒަރު ފެންނަމުން ދަނީ މިހާރު."

  • ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: ނޯނި
  • ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަވަސް