ހަބަރު

އީދަށް ފުރީތަ؟ މިފަހަރު ވެސް ފެން އީދަކަށް ވެދާނެ!

ދިވެހިންގެ ލޭ ކައްކުވާލާ ކުޅިވަރުކުރުމުގައި އެންމެ ފޯރި ހިއްޕާލާ ދިވެހިންގެ ބޮޑު އީދު މިއޮތީ ލައްވާލާފަ އެވެ. އީދު ފެށެން ދެން ހަފުތާއެއް ވެސް ނެތެވެ. ބޮކްސާތައް ބަނދެގެން ފޮށިތައް ކިހިލި ޖަހައިގެން އެންމެ ވެސް ރަށްރަށް ފުރަނީ އެވެ. އުފަން ރަށަށް ގޮސްލަން ވެސް ލިބޭ މިއީ، ބޮޑު ޗުއްޓީއެކެވެ. މާލެ ފަޅުވާން ދޫކޮށް، ރަށްތަކުގެ ގޮނޑުދޮށްތަކަށް އެންމެންގެ މިސްރާބު މި ވަނީ ހިފާފަ އެވެ.

މިސްރާބު މިހެން ހުރި ނަމަވެސް އީދުގެ މަޖާ އޭގެ އެންމެ ފުރިހަމައަށް ނެގޭނެ ހެނެއް ނުބެލެވެ އެވެ. އުއްމީދުތަށް ފެނަށް ވެގެން ދިޔުން ވަރަށް ގާތެވެ. މޫސުން އުޅެނީ އެހާ ހިތް ރުއްސާ ގޮތަކަށް ނޫނެވެ. އެހާ މަޖަލުގައި އީދު ފޯރި ނެގޭ ގޮތަކަށް ވެސް ނޫނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު އީދު ދުވަހު ވެސް އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެ. އަދި ގުގުރުން ވެސް އެކަށީގެންވެ އެވެ. ހައްޖު ދުވަސް ވެސް ހަމަ މިގޮތެވެ. އީދަށް ހަފްތާއެއްހާ ދުވަހުގެ ދިގު ޗުއްޓީއެއް ލިބޭނެ އެވެ. އެކަމަކު ކުރިއަށް މި އޮތް ހަފްތާ ވެސް މި ފެންނަނީ ވިއްސާރަކޮށެވެ.

އީދަށް އެތައް 100 ބަޔަކު މާލެއިން ބޭރަށް ދަތުރުކުރާ އިރު މޫސުމަށް ބެލުން މުހިންމެވެ. ތިރީގައި މި އޮތީ މެޓް އޮފީހުން މޫސުން ލަފާ ކުރާ ގޮތެވެ.

މޫސުން ލަފާކުރާ ގޮތް!

11 ސެޕްޓެމްބަރު (ހައްޖު ދުވަސް): ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ. ގުގުރުންވެސް އެކަށިގެންވޭ. ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި. ކަނޑު ދެކުނުއަތޮޅުތަކުގައި މަޑުވާނެ، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ.

12 ސެޕްޓެމްބަރު (އީދު ދުވަސް): ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ، އަދި ގުގުރުންވެސް އެކަށިގެންވޭ. ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި. ކަނޑު ދެކުނުއަތޮޅުތަކުގައި މަޑުވާނެ، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ.

13 ސެޕްޓެމްބަރު (ވަޅު އީދު ދުވަސް): ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ، އަދި ގުގުރުންވެސް އެކަށިގެންވޭ. ވައި ޖެހޭނީ، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި. ކަނޑު، ދެކުނުއަތޮޅުތަކުގައި މަޑުވާނެ، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ.

މި މޫސުން މިހެން އޮތަސް، އަތޮޅުތަކުގެ އެކި ރަށްރަށުގައި ފޯރި ގަދަ އީދު ޝޯތަކާއި އެހެން ވެސް ކުޅިވަރުތައް މި އަންނަނީ ރާވަމުންނެވެ. ފޯރި ނެގުމަށް މި އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު މި ކުޅިވަރުތައް ވެސް މޫސުމަށް ބަލައިގެން ބޭއްވުން މި ވަނީ ކޮންމެހެން ވެސް މުހިންމުވެފަ އެވެ.