ހަބަރު

އެއް ހަފުތާ: ކުއްލި ފަސް މަރު، ރޮއްވައިފި!

ނިމިދިޔަ ހަފުތާއަކީ އެއްގޮތަކަށް ވެސް އުފާވެރި ހަފުތާއެއް ނޫނެވެ. ހިތަށް އަސަރުކޮށް ނުތަނަސްކޮށްލި އެތައް ހަބަރުތަކެއް ފެނިގެންދިޔަ އެވެ. ހިތްތައް ރޮއްވާލި އެވެ. ކުއްލި ފަސް މަރެއްގެ ވާހަކައިން ނިމިދިޔަ ހަފުތާ ތެރޭ ތިބެވުނީ ޝޮކެއްގެ ތެރޭގަ އެވެ. ހިތްތައް ރޮއްވާލައި ފަސް ފުރާނައެއް ވަކިވެގެން ދިޔައީ ހިތްދަތި ގޮތަކަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު، އިވިގެން ދިޔަ ހަބަރާއެކު ގައިން ހީބިހި ނަގައިގެން ގޮސް، ޝޮއްކެއްގެ ތެރެއަށް ދިޔަ އެވެ. ސުވާލުތައް އުފެދި، "ހަމަ އަސްލަށްތޯ" ސުވާލުކުރެވުނެވެ. ގަބޫލު ނުކުރެވުނަސް އެ ދުވަހު ދިވެހި ދަރިއަކު ވަނީ ހިތާމަވެރި ހާދިސާއެއްގައި މި ދުނިޔެއާ އަލްވަދާއު ކިޔާފަ އެވެ. ގދ. މަޑަވެލި، އިޒްހާމް މުހައްމަދު މަރުވީ ލަންކާގައި ރޭލެއްގެ ދަށުވެ އެވެ.

މި ހާދިސާއާއެކު އެތައް ބަޔަކު ޝޮއްކެއްގައި ތިބިއިރު އާއިލާއަށް ވެގެން ދިޔައީ މިއީ ބަރުދާސްކުރަން ދަތިވި ހާދިސާއަކަށެވެ. އިޒްހާމްގެ ކުއްލި މަރާއެކު ގިނަ ސުވާލުތަކެއް އުފެދުނެވެ. އެ ހާދިސާ ހިނގަން މެދުވެރި ސަބަބު މިހާތަނަށް ވެސް ނޭނގެ އެވެ. ކުރިމަގުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ތައްޔާރުވަމުން ދިޔަ އިޒްހާމް، އެ ހުވަފެންތަކާއި ގާތް އެންމެން ދޫކޮށް މި ފަނާވެނިވި ދުނިޔެ ދޫކޮށް ދިޔައީ އެވެ.

އިޒްހާމްގެ މަރުގެ ހިތާމަ ލަގޮނޑިން ނުފިލަނީސް އަނެއްކާ އަނެއް މަރެވެ. އެއީ ޖެހިގެން އައި އާދިއްތަ ދުވަހެވެ. އެކުވެރިޔަކާއެކު ހުޅުމާލެ މަގުމަތީ ރޭގަނޑު ދުއްވާލަން ނިކުތް، ރ. ރަސްގެތީމު، ފާތުމަތު ޝިއުނާއަށް ދިމާވި ވަރަށް ވެސް ނުރައްކާތެރި ހާދިސާއަކާ އެވެ. އެ ހާދިސާގައި އޭނާގެ ފުރާނަ ވެސް ދިޔައީ އެވެ. އެކުވެރިޔާއެކު ދުއްވަމުން ދިޔަ ސައިކަލްގެ ފަހަތުގައި ކާރެއް ޖެހި، ބޮޑު އެކްސިޑެންޓެއް ހިނގީ އެވެ. ޝިއުނާ މަރުވީ އެ އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އައިޖީއެމްއެޗްގަ އެވެ.

އަށާވީސް އަހަރުގެ ޝިއުނާ މާލެ އައިސް ހުރީ، އާއިލާއިން ބުނެފައިވާ ގޮތުގައި މަންމައާއި އަދިވެސް އާއިލާގެ އެހެން މެންބަރުން ހައްޖަށް ފުރުވާށެވެ. މާލޭގައި މަޑުކޮށްގެން ހުރީ މަންމަމެން އެނބުރި ހައްޖުން އަންނަންދެނެވެ.

ހޯމަ ދުވަސް ނިމިގެން ދިޔައީ އަނެއްކާވެސް އަނެއް ކުއްލި މަރާއެކު އެވެ. އާއިލާއިން ގެއްލިގެން ހޯދަމުން ދަނިކޮށް ގދ. ފަރެސްމާތޮޑާ، ރަންވެލި، އަހުމަދު އަލީ މަރުވެފައިވާ އޮތްވާ ފެނުނީ އައްޑޫ ސިޓީގެ މަރަދޫގެ ބަނދަރު މަތީ އެވެ. އަށްޑިހަ ހަ އަހަރުގެ އަހުމަދު އަލީ އަކީ ފިޓް ޖެހޭ މީހެކެވެ. އޭނާ މަރުވެފައިވަނީ ފިޓް ޖެހިގެން ވެއްޓި، ބޮލަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މިދިޔަ ބުދަ ދުވަހު އިރު އަރައިގެން އައީ އަނެއް ކުއްލި މަރުގެ ހަބަރާއެކު އެވެ. އުމުރުން 35 އަހަރުގެ މ. އީނާޒް މުހައްމަދު ހައިލަމް މަރުވެފައިވަނީ އޯކިޑް މަގުގައި، އެސްޓީއޯ ސްޕަމާޓް ހުންނަ "އެސްޓީއޯ ޓްރޭޑް ސެންޓަރު" މަތިން ވެއްޓި އެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެކެވެ. އަދި އެކަމަށް ބޭސްކުރަމުންދާ މީހެއްވެސްމެ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އަނެއްކާވެސް ރޮއްވާލީ އެވެ. އެތައް ގިނަ ދަރިވަރުންތަކެއް ފޭވަރިޓް މިސް އައްޑޫ ސިޓީ، ފޭދޫގެ ބޮޑު މަގުގައި ހިނގި އެކްސިޑެންޓެއްގައި މި ދުނިޔެ ދޫކުރީ އެވެ. ފޭދޫ ސްކޫލް ގްރޭޑް ތިނެއްގެ ލީޑިން ޓީޗަރު ފާތިމަތު ސާދާ މަރުވެފައިވަނީ އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.

ސާދާ މަރުވީ އެކްސިޑެންޓާ ގުޅިގެން އޭނާގެ ބޮލަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުންނެވެ. މި އެކްސިޑެންޓް ހިނގީ، ފޭދޫ ބޮޑު މަގުގައި ހުންނަ ރެސްޓޯރެންޓެއްގެ ކައިރިން ސައިކަލެއް އަނބުރާލަނިކޮށް ފަހަތުން އައި ސައިކަލެއްގައި ޖެހިގެންނެވެ.

ސާޅީސް އެއް އަހަރުގެ ސާދާގެ ދެ ކުދިން ވެސް ދުނިޔޭގައި އެބަ ތިއްބެވެ. ސާދާގެ މަރާ ގުޅިގެން ފޭދޫ ސްކޫލް ވަނީ ބޮޑު ހިތާމައެއްގެ ތެރެއަށް ގެނބިފަ އެވެ.

އެއް ހަފުތާގެ ތެރޭގައި މިފަދަ ފަސް މަރު ފެނިގެން ދިޔުމަކީ އެތައް ބަޔަކަށް އޭގެން އެތައް އަސަރެއް ކުރުވި ކަމެކެވެ. ކުއްލި މި ފަސް މަރުން ވެސް އެތައް ފިލާވަޅުތަކެއް ދުނިޔޭގައި ތިބި މީހުންނަށް ލިބިގެންދެ އެވެ.