- ވައިޖޭ ބޭނުންވަނީ މިއުޒިކުން ޕޮޒިޓިވް ވައިބެއް
- އޭނާ ބުނަނީ އެހާ ފަސޭހައިން މި ދާއިރާއިން ނުގެއްލޭނެ ކަމަށް
- ޒުވާން ކުދިންގެ މެދުގައި މަގްބޫލު ބްރޭންޑަކަށް ބަދަލުވެފައި
މާލެ ތެރޭގައި މަޝްހޫރު ކެފޭ ރެސްޓޯރަންޓްތަކާއި ސޯޝަލް މީޑިއާ އަށް ބޯކޮށްޕައި އުޅޭ މީހެއް ކަމުގައި ވަނީ ނަމަ އޮންނާނީ މި ޒުވާނެއްގެ ވާހަކަ އަޑުއަހައިފަ އެވެ. އޭނާ އަކީ އުއްމީދީ ޒުވާން މިއުޒީޝަނުންގެ ތެރެއިން މިވަގުތަށް ވަރަށް ގިނަ ބަޔަކު ފޫހިފިލުވައި ކަންފަތަށް އަރާމު ލަވަ އާއި މިއުޒިކް ކުޅެމުން އަންނަ ހުނަރުން ފުރިފައިވާ ޒުވާނެކެވެ. -- ނަމަކީ ވައިޖޭ ހަމީދު އެވެ.
އޭގެ މާނަ އަކީ ޔޫސުފް ޖަޒްލާން ހަމީދެވެ. -- ތިޔައީ، އެޑް ޝީރަން އާއި ޑޭމިއަން ރައިސް ނުވަތަ ހިތްގައިމު އެޑަމް ލެވީން އަށް މަރެއް ކަމުގައި ވަނީ ނަމަ، ވައިޖޭ ހަމީދެއްގެ އަޑާއި ލަވަތަކުގެ އަޖުމަ ބަލައިނުލަންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.
ޕޮޕް ނުވަތަ އޯލްޓަނޭޓިވް ރޮކް ޖޮންރާއަކަށް ގެނބިގެންދާ މި އާޓިސްޓް ބޮޑަށް ފާހަގަކޮށްލެވެނީ އޭނާ ކަވާކޮށްފައިވާ މަޝްހޫރު ލަވަތަކަށެވެ. މިސާލަކަށް ކޯލްޑްޕްލޭގެ މި ހިތްގައިމު ލަވަ އެވެ. ނުވަތަ އޭނާގެ ސައުންޑްކްލައުޑް އެކައުންޓަށް ބަންޑުންކޮށްފައިވާ އެހެން ހިތްގައިމު ކަވާ ލަވަތަކެވެ.
އިހަކަށް ދުވަހު ބޭއްވި ދިވެހި ފަންނާނުންގެ މިއުޒިކީ އީދާއި ފަންނުގެ ދަރިން ފަދަ ފެސްޓިވަލްތަކުން ވަރަށް ގިނަ ބަޔަކަށް ވާނީ ވައިޖޭ ފެނިގެންގޮސްފަ އެވެ. އުމުރުން 19 އަހަރުގެ މި ލަވަކިޔުންތެރިޔާގެ މާ ކުރީގެ ހަނދާނަށް ޖެހިލާ ނަމަ އޭނާގެ ވާހަކަ ފެށިގެން ދަނީ ކުޅޭކުޅޭ ގިޓާއަކުން ކުޅެލި ރާގުތަކެއްގެ ތެރެއިންނެވެ.
"ގޭގައި ހުންނަ ކުޅޭކުޅޭ ގިޓާއެއް ކޮށްޓާލަ ކޮށްޓާލަ ހުންނަ ހަނދާންވޭ މިހާރު ވެސް. އެކަމަކު ލަވަކިޔުމުގެ ދާއިރާއަށް ބޮޑަށް ވަދެވުނީ ސްކޫލް ކުދިންގެ ލަވަ މުބާރާތުން،" އަވަސް އަށް ދިން އިންޓަވިއުގައި ވައިޖޭ ކިޔައިދިނެވެ.
އޭނާ އަކީ އިސްކަންދަރު ސްކޫލްގެ މަޝްހޫރު މިއުޒިކް ޓީޗަރު ވިސާކާ މިސްގެ އިރުޝާދުގެ ދަށުން އެންމެ ފުރަތަމަ ސްޓޭޖަކަށް އެރި ހުނަރެކެވެ. ނަމަވެސް ގްރޭޑް ފަހެއް ނިންމާލުމަށް ފުރައިގެން ސްރީ ލަންކާ އަށް ދިޔަ ހިސާބަކީ ވައިޖޭ ބުނާ ގޮތުން ނަމަ މިއުޒިކަށް އޭނާގެ ލޮލާއި ކަންފަތް ރަނގަޅަށް ހުޅުވިގެން ދިޔަ ހިސާބެވެ.
"މިއުޒިކަލް އިންސްޕިރޭޝަން އައިސްފައި ހުރީ ގޭތެރެއިންނެއް ނޫން. މިއުޒިކްގެ ތެރެއަށް ބޮޑަށް ވަދެވުނީ ލަންކާގައި ކިޔަވަން އުޅުނު ދުވަސްތަކުގައި ކުރެވުނު މިއުޒިކްގެ އެކި ތަޖުރިބާތަކުން،" ލަންކާގައި ކިޔަވަން އުޅުނު ނުވަ އަހަރުގެ ހަނދާންތަކުން ކިޔައިދެމުން ވައިޖޭ ބުންޏެވެ.
ވައިޖޭ އަކީ ވަރަށް ވެސް ފްރެޝް ޓެލެންޓެކެވެ. އިންޓަވިއުގެ މިހައި ހިސާބަށް އައިއިރު ވެސް އޭނާގެ އަމިއްލަ ލަވަތަކެއްގެ ވާހަކަ އައިސްފައި ނެތީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ސޯލޯ ކެރިއަރެއް ބްރޭންޑްކުރަމުން އަންނަ މި ޒުވާން ލަވަކިޔުންތެރިޔާ އަދި މަލްޓި އިންޓްރްމަންޓް ޕްލޭޔަރުގެ އަމިއްލަ ލަވަތަކަކާއި ރާގުތަކެއް ވެސް ވަރަށް އަވަހަށް އަޑުއިވިގެންދާނެ ކަމަށް އޭނާ ބުނެ އެވެ.
"އާންމުކޮށް މި ކުޅެނީ ޕޮޕް ރޮކް އެކޯސްޓިކް ކަވާތައް. ބޮޑަށް ކަވާކުރަނީ އިނގިރޭސި ލަވަ. އަމިއްލަ ލަވަ ވެސް އެބަހުރި، އަމިއްލަ ރާގު ވެސް އެބަހުރި. އީޕީއެއްގެ ގޮތުގައި އެ ލަވަތައް ނެރެން މަސައްކަތްކުރަމުން މި ދަނީ. އެކަމަކު އަމިއްލަ ލަވަޔަސް ހުންނާނީ އިނގިރޭސި ލަވަ،" ވައިޖޭ ބުންޏެވެ.
ގިނަ އަދަދެއްގެ ކަވާ ލަވަތަކެއް ރިކޯޑްކޮށް އާންމުކޮށްފައިވާއިރު އޭގެ ތެރޭގައި ވެސް ދިވެހި އެހާ ބޮޑަށް ނުހިމެނޭކަން ފާހަގަކޮށްލެވެ އެވެ. މިހާތަނަށް އޭނާ ކަވާކޮށް އާންމުކޮށްފައިވާ ދިވެހި ހަމައެކަނި ލަވައަކީ، "ހިތުގާ ނަށާ ރާނީ" އެވެ.
"ފެއްޓިއިރު ކޮންމެ ހަފުތާއަކު ލަވައެއް ކަވާކުރަމުން ދިޔައީ. އޭގެ ސަބަބުން މިއުޒިކްގެ އިތުރު ފުރުސަތުތައް ލިބި ތަންތަނުގައި ގިގްކުރުމުގެ ފުރުސަތު ވެސް ލިބެމުންދަނީ،" ދިރާގުގައި އައިޓީ ވަޒީފާއެއް ފުލްޓައިމްކޮށް އަދާކުރަމުން ޕާޓްޓައިމްކޮށް މިއުޒިކް ކުޅޭ ވައިޖޭ ބުންޏެވެ.
"ބޭނުންވަނީ މިއުޒިކް ތްރޫކޮށް އެންމެނަށް ޕޮޒިޓިވް ވައިބެއް ދޭން. އެއީ އަޅުގަނޑު މިއުޒިކް ކުޅުމުގެ ހަމަ އެންމެ ބޮޑު މަގުސަދަކީ. އޭގެ އިތުރުން ދެން ބުނެލަން ބޭނުންވަނީ އެހާ ފަސޭހައިން މި ދާއިރާ އިން ގެއްލިގެނެއް ނުދާނެއޭ. މިހާރު ބޮޑަށް ބޭނުންވަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގައި ކުރިއަށް ދާން. ސޯލޯކޮށް ގޮސްފި ނަމަ މާ ބޮޑަށް މިއުޒިކުގައި އެކްސްޕްރެސްކޮށްދެވިދާނެހެން ހީވަނީ."
- ފޮޓޯގްރެފީ އަދި ރީޓަޗިން: އަހުމަދު ސައްފާހް / އަހުމަދު ޝުރާއު
- މޭކަޕް އަދި ސްޓައިލިން: ޒައީ
- ވޯޑްރޯބް: ޗެޕްސް ރިޒާވްޑް