މިހާރުގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން ގާނޫނީ ނަޒަރަކުން ދިޓީވީގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ، ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅެއް ނަމަވެސް ގާނޫނުގައި އޮންނަ ގޮތުގެ މަތިން ކުށެއް ކޮށްފި ނަމަ އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ، އިންސާފު ލިބުމާއި ހައްގު އަދަބަކުން މީހަކު ސަލާމަތް ކުރަން ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށް އަނިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންސާފާއި ހަމަހަމަކަން ގާއިމް ވެފައި އޮތުމަށް އެންމެނަށް ހަމަހަމަ އުސޫލުން އަމަލ ކުރުމަކީ މި ސަރުކާރުން ގަބޫލު ކުރާ އުސޫލެއް ކަމަށެވެ.
"ނަޝީދަކީ ރައީސް ކަން ކުރައްވާފައި ހުންނެވި ބޭފުޅެއް ނަމަވެސް ކުށެއް ކޮށްފައި އޮވެއްޖިއްޔާ އަދަބު ލިބެން އެބަ ޖެހޭ. އެކަމާ ގުޅިގެން ނޫނީ އެހެން ކަމަކާ ގުޅިގެން ވެސް މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ނުހަދާނެ. މިއީ އެގޮތަށް އަމަލު ކުރާނެ ސަރުކާރެއް ނޫން،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ވަކި މީހަކަށް ވީތީ ގާނޫނުން ބޭރު އުސޫލުތަކެއްގެ މަތިން އަމަލެއް ނުކުރާނެ އެވެ. އަނިލް ވިދާޅުވި ގޮތުގައި ގާނޫނީ ވަކީލެއްގެ ހައްގު ވެސް ނަޝީދަށް ވަނީ ހުޅުވިފަ އެވެ. އަދި އެކަން އޮތީ ބަންދުވެފައި ނޫން ކަމަށް އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯޓުތަކުން ކުރާ ހުކުމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ. ސުޕްރީމް ކޯޓުން، މަރުގެ ހުކުމެއް އިއްވައިފި ނަމަ އެ ހުކުމް ތަންފީޒު ކުރެވޭ ވަރަށް ސަރުކާރު އޮތީ މިހާރު ވެސް ތައްޔާރުވެފައި ކަމަށް އަނިލް ވިދާޅުވި އެވެ. އަދި އަނިޔާވެރިކަމަށް ގޮވާލުމާއި ގާނޫނުތަކާ ހިލާފަށް ބޮޑެތި ކުށްތައް ކުރާ ފަރާތްތަކާ މެދު ހަރުކަށި އަދަބު ދޭނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.