ލައިފްސްޓައިލް

އެންމެ މީރީ ގަރުދިޔަ އާއި ބަތް: އިންޓަވިއުގައި ދޮގު ހެދީ ކޮންބައެއް؟

ނުވަތަ ހަމަ އަސްލަށް ވެސް، އެންމެން އިންޓަވިއުތަކުގައި އެ ބުނާ ގޮތަށް، ގަރުދިޔަ އާއި ބަތް އެވަރަށް މީރީ އެވެ. އެވަރުގެ ކެއުމެއް ދިވެހިންނަށް ނެތީ އެވެ. އެކަމަކު ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، އިންޓަވިއުތަކުގައި، ވަކިން ހާއްސަކޮށް މަޝްހޫރު މީހުންގެ އިންޓަވިއުތަކުގައި، އެންމެ މީރީ ގަރުދިޔަ އާއި ބަތޭ ކިޔައިގެން އެމީހުން ދައްކާ ވާހަކަ އަކީ ހަމައެކަނި ދަޅަދައްކާލުމެކެވެ. -- އަދި ހަގީގަތަކީ، ގަރުދިޔަ އާއި ބަތް އެ ބުނާ ވަރަކަށް މީރު ދިވެހިންނެއް މިހާރަކު ނުވެސް އުޅޭ ކަމެވެ.

ކޮންމެއަކަސް ގަރުދިޔަ އާއި ބަތުގެ އަރަތް، ގަރުދިޔަހާ ސާފުވެފައި ބަތްހާ ހުދު އެއްޗަކަށްނުވި އެވެ. އެހިސާބުން އަޅުގަނޑު ނިންމީ ރާއްޖޭގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ، މީހުން ދަންނަ ފަރާތްތަކަކަށް ގުޅާލައިގެން އެއިން ކޮންމެ މީހަކާ މި ސުވާލުކޮށް، ގަރުދިޔަ އާއި ބަތަށް އެމީހުންގެ ހިތުގައި ދެވިފައިވާ މަގާމު އަމިއްލަ އަށް ހޯދައި ބަލާށެވެ.

އެގޮތުން، "އެންމެ މީރު ކެއުމަކީ ކޮބައިތޯ؟" ބެލުމަށް ގާތްގަނޑަކަށް ވިއްސަކަށް ސެލެބްރިޓީން ނުވަތަ އެ ދާއިރާތަކުން ހޮވާލެވުނު މަޝްހޫރު މީހުންނަށް އަޅުގަނޑު ގުޅާލީމެވެ. އެ އެންމެންގެ ނަންތަކެއް ހާމަކުރަން އަޅުގަނޑު ނެތީމެވެ. އެކަމަކު އެ އެންމެން ވެސް ދިން ޖަވާބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ -- ދިމާކުރަން އެއްގޮތަށް ވެސް އުނދަގޫ ޖަވާބެއް ނޫނެވެ.

"އެންމެ މީރީ ގަރުދިޔަ އާއި ބަތް."
"ހަމަ އެންމެ މީރީ ގަރުދިޔަ އާއި ބަތް."
"ހިތުގެ އަޑިން ބުނާ އެއްޗެއް މިއީ. ހަމަ އެންމެ މީރީ ގަރުދިޔަ އާއި ބަތް."

ގާތްގަނޑަކަށް ވިއްސަކަށް މީހުންނާ ވާހަކަ ދެއްކުނުއިރު ވެސް ގަރުދިޔަ އާއި ބަތަށް ވުރެން މޮޅު ނުވަތަ މީރު ކެއުމެއް ނެތެވެ. މި ފެވަރިޓެއް ބަލިކޮށްލެވޭ ވަރުގެ އެހެން ދިވެހި ކެއުމެއްގެ ނަމެއް ވެސް މީހަކު ނުގަނެ އެވެ. ގަރުދިޔަ އާއި ބަތޭ ކިޔާފައި ގިނަ ފަހަރަށް ބައެއް މީހުން ޖަވާބު ދީފައިހުރީ އެއޮތް ކުރު ސުވާލު ނުވެސް ނިމެނީސް އެވެ.

އަޅުގަނޑު އެއްގޮތަކަށް ވެސް އެމީހުންގެ ޖަވާބުތައް ގަބޫލުނުކޮށް، އެމީހުންގެ އެންމެ މީރު ކެއުން ނުބައިކުރަނީކީއެއް ނޫނެވެ. އެކަމަކު އިތުރު ސެލެބްރިޓީންތަކަކަށް ނުގުޅައި ހިތެއް ހަމަ ނުފުރުނެވެ. އެންމެ މީރީ ގަރުދިޔަ އާއި ބަތޭ ބުނާއިރު އޭގައި ފޮރުވިފައި ވަނީ ކޮން ސިއްރެއްތޯ ބަލައި އެންމެނަށް ގަރުދިޔަ އާއި ބަތް ހަމަ ކަމުދަނީތޯ ބަލަން އިތުރަށް ޝައުގުވެރިވީ އެވެ.

އެކަމަކު މަޝްހޫރު ވާހަކަލިޔުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާއާ ޖެހުނު ހިސާބުން، ގަރުދިޔަ އާއި ބަތުގެ އަރަތް އޭނާ ނިކަން ރަނގަޅަށް ނިއުޅުވާލަ ދީފި އެވެ.

ތިރީގައި މި އަންނަނިވި ގޮތަށެވެ.

"އެންމެ މީރީ ކޯއްޗެއް؟"

"އައިސް ކްރީމް. ދޮން އަނބު. އަބަދުވެސް."

އެންމެ ތަފާތު ޖަވާބެއް ދިނީ ނަހުލާ އެވެ. އަދި މިއީ މި ސުވާލެއްގެ ޖަވާބުގައި ގަރުދިޔަ އާއި ބާތް ނޫން އެހެން ކެއުމެއްގެ ވާހަކަ އަޑުއިވުނު ފުރަތަމަ ފަހަރު ވެސްމެ އެވެ. އޭނާ ކޮށްލީ ސަމާސާއެއް ކަމަށް ބަލައި އަނެއްކާވެސް އެ ސުވާލުކޮށްލެވުނީ އެހެންވެގެންނެވެ.

"މި އެހީ އެންމެ މީރީ ކޮން ކެއުމެއް ހެއްޔޭ؟ ގަރުދިޔަ އާއި ބަތެއް ނަހުލާ އަށް މީރެއް ނޫންތަ؟"

"މަހުގެ ބޯ ވަރަށް މީރު. ހާއްސަކޮށް ރަތް މަހުގެ ބޯ. އެކަމަކު ގަރުދިޔަ އާއި ބަތް އަޅުގަނޑަކަށް މީރެއް ނޫން. ނުބައި ވަސް ދުވާތީ އެހާ ކަމުނުދަނީ."

"އެހެންވީމަ، އެހާ ގިނަ ބަޔަކަށް ގަރުދިޔަ އާއި ބަތް މީރީ އަދި މީހުން އަބަދުވެސް އެހެން ބުނަނީ ކީއްވެގެންހެން ނަހުލާ އަށް ހީވަނީ؟"

"އެންމެ ކާހިތްވާ އެއްޗަކަށް ގަރުދިޔަ އާއި ބަތެއް ނުވާނެ މިހާރަކު. އާންމު ދިރިއުޅުމުގައި ވެސް އެގޮތަށް ކާ މީހުން ވަރަށް މަދުވެއްޖެ. މީހުން އެހެން ބުނަނީ، އެންމެ މީރީ ގަރުދިޔަ އާއި ބަތޭ. އެކަމަކު ރެސްޓޯރެންޓަކަށް ގޮސްސަވެސް މީހުން ނުކައެއް ނޫން؟"

ނަހުލާ ބުނީ ގަރުދިޔަ އާއި ބަތް އޭނާ އަށް އެހާ ކަމުނުދިޔަ ކަމުގައިވިޔަސް ފިރިމީހާ ސިނާނަށް ގަރުދިޔަ ވަރަށް ކަމުދެ އެވެ. އެގޮތުން ހަފުތާއަކު އެއްފަހަރު ގޭގައި ގަރުދިޔަ ކައްކާ ކަމަށް ވެސް ބުންޏެވެ.

އެހެންވީމަ އެ އޮތީ ނަހުލާގެ ހިޔާލެވެ. އެކަމަކު ފާހަގަކޮށްލަން ޖެހެނީ، ނަހުލާ ފަދައިން މި ވާހަކަ ގަބޫލުކުރާ އިތުރު އެތައް ބަޔަކު ވެސް ތިބިކަމެވެ. އެހެންވީމަ، ގަރުދިޔަ އާއި ބަތް ދިވެހިންނަށް މީރުވުން މި ވަނީ ނިކަން ބޮޑު ކޮންސްޕިރެސީއަކަށް ނޫން ހެއްޔެވެ؟

ފަހަރެއްގައި، ދިވެހިވަންތަކަމަށް ނުވަތަ ގައުމީވަންތަކަމަށް ފުރައްސާރައެއް ނުކުރަން، އެންމެން ވެސް އެމީހުންގެ ފެވަރިޓް ކެއުމަކަށް ގަރުދިޔަ އާއި ބަތް ހަދަނީ އެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތެއް ވެސް އެބައޮތެވެ. -- ލަވައިގައި ވެސް އެ ބުނާ ފަދައިން، މަހަކީ ކެއުމެވެ. މަހަކީ ބުއިމެވެ.

ގަރުދިޔަ އާއި ބަތް އެންމެ މީރީ ކިހިނެތް؟

ގަރުދިޔަ އާއި ބަތް މީރު ކަމަށް ނުވަތަ އެ ވަރުގެ ދެ ވަނަ ދިވެހި ކެއުމެއް ނެތް ކަމަށް އެއްބަސްވާން މަޖުބޫރުވާ މިންވަރަށް މި ކެއުމަކަށް ބަނޑުހައިވެފައި ތިބި މީހުން ގިނަ އެވެ. އެކަމަކު އެކި މީހުންނަށް ގަރުދިޔަ އާއި ބަތް މީރުވާ ގޮތް އަދި ތަފާތުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ އަށް ގަރުދިޔަ އާއި ބަތް އެންމެ މީރީ ކިހިނެތްތޯ ބަލައިލަމާ ހިނގާށެވެ. އާދައިގެ މަތިން އޭނާގެ ވެސް އެންމެ މީރު ކެއުމަކީ މިއީ ކަމަށްވާތީ އެވެ.

"ހަމަ އެންމެ މީރީ ގަރުދިޔަ އާއި ބަތް. އަޅުގަނޑަށް އެންމެ ކަމުދަނީ ރަތް ހަނޑޫ ބަތާއި ތެލުލިފަތާ އެކުގައި. އަދި އަޅުގަނޑަށް ވަރަށް މީރު ތެލީގެ ފުލުގައި ހިފާފައި ހުންނަ ބަތާ އެކުގައި ވެސް. ކުޑައިރުން ފެށިގެން ވެސް މީރު ކެއުމެއް ގަރުދިޔަ އާއި ބަތަކީ،" ފޯނުން ވާހަކަ ދައްކަމުން ސުނީތާ ކިޔައިދިނެވެ.

"ދޮގެއް ނޫން. ގަރުދިޔަ އާއި ބަތް ހަމަ އެންމެ މީރީ."

ޕްރިޔާންކާ ޗޯޕްރާގެ ސުޕަ-ފޭން ބުނީ އެހެންނެވެ.

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ކުޑައިއްބެ ވެސް ފެވަރިޓަކީ ގަރުދިޔަ އާއި ބަތެވެ.

"ބޭރު ގައުމުތަކުގައި ވެސް އެމީހުންގެ ހާއްސަ ކެއުމެއް ހުރޭތާ. އެގޮތަށް ހެން ހީވަނީ ގިނަ ބަޔަކަށް ގަރުދިޔަ އާއި ބަތް ކަމުދަނީ. އަޅުގަނޑަށް ވެސް ހަމަ އެންމެ މީރީ ގަރުދިޔަ އާއި ބަތް،" ކުޑައިއްބެ ބުންޏެވެ.

"އަޅުގަނޑަށް ބޮޑަށް މީރީ ފްރެޝްކޮށް ހުންނަ ފަރުމަހުން ހަދާފައި ހުންނަ ގަރުދިޔަ އާއި ތެލުލި ހިކިމިރުހާއި ހޫނު ބަތާއި ސަޓަންޏާ ވެސް އެކުގައި."

ފަހަރެއްގައި މިހާރު ވެސް ބައެއް މީހުން ތިބޭނީ ކުޅުދިޔާވެފަ އެވެ. ގަރުދިޔަ އާއި ބަތުގެ ޖާދޫ އެވަރަށް ވެސް ބޮޑުވީމަ އެވެ.

މޯލްޑިވްސް ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ރައީސް ކެސްޓޯ މުހައްމަދު ހަލީމަކީ ދިރިއުޅުމުގެ ބޮޑު ބައެއް މިހާރު މެލޭޝިއާގައި ހޭދަކުރާ ފަރާތެކެވެ. އެކަމަކު ގަރުދިޔަ އާއި ބަތަކާ ދުރަކަށް ދެވޭގޮތެއް ހަމަ ނުވެ އެވެ.

"މެލޭޝިއާގައި އުޅޭއިރު ވެސް މަސްގަނެެގެން ގޮސް ގަރުދިޔަ އާއި ބަތް ތައްޔާރުކޮށްލައިގެން ކާލެވޭ. ހިތުގެ އަޑިން ބުނާ އެއްޗެއް މިއީ. ޖޯކެއް ނޫން. ސީރިއަސް ވާހަކައެއް. ހަމަ އެންމެ މީރީ ގަރުދިޔަ އާއި ބަތް،" ކެސްޓޯ ކިޔައިދިނެވެ.

"އެންމެ މީރީ ފިހުނު ފިހުނު މަހާއި ލޮނު މިރު ކަހަލަ އެއްޗަކާ އެކުގައި. އެގޮތަށް އޭގެ ތިން ތަށި ވެސް ކާލެވިދާނެ."

މިއީ އެއްގޮތަކަށް ވެސް ސަމާސާ ވާހަކައެއް ނޫނެވެ!

އެކަމަކު އެންމެ މޮޅު ޝެފަށް އެންމެ މީރީ ގަރުދިޔަ އާއި ބަތެއް ނޫން!

އެކަމަކު ގަރުދިޔަ އާއި ބަތް، ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އެންމެ މީރު ކެއުމަކަށް ވެދާނެ ކަމަށް އޭނާ ވެސް ގަބޫލުކުރެ އެވެ.

"އަޅުގަނޑަށް އެންމެ މީރީ އިޓާލިއަން އެއްޗެހި. އިޓާލިއަން ޕާސްޓާތައް ވަރަށް ކަމުދޭ. އިންނާނެ އަޅުގަނޑުގެ އަމިއްލަ ސީފުޑް ޕާސްޓާއެއް ވެސް. އެއީ އާލިއޯ އޯލިއޯއާ ގާތްކުރާ ކަހަލަ ގޮތަކަށް ތައްޔާރުކޮށްފައި ހުންނަ ކެއުމެއް އެއީ. އިޓާލިއަން ފުޑަށް ބަލާއިރު ބޮޑަށް ރަނގަޅީ ވެސް ހޯމްމޭޑް ޕާސްޓާ އަޅުގަނޑަށް،" ނިމިގެން ދިޔަ ކަލިނަރީ ޗެލެންޖުގައި އެންމެ މޮޅު ދިވެހި ކައްކާގެ ޝަރަފް ހޯދި އަހުމަދު ފަތީން ބުނީ މިހެންނެވެ.

"ދިވެހި ކެއުމަކަށް ނަމަ އަޅުގަނޑަށް ވަރަށް ކަމުދާ އެއްޗެއް ބަނބުކޭލަކީ."

އޭނާ ބުނީ އެންމެ މީރީ ގަރުދިޔަ އާއި ބަތޭ މީހުން ބުނާ އަކީ ހަމައެކަނި އިންޓަވިއުތަކުގައި ދައްކާލާ ދަޅައެއް ކަމަށް އޭނާ ގަބޫލެއް ނުކުރާ ކަމަށެވެ.

"ދިވެހިރާއްޖެ އުފެދިފައި މި އޮންނަނީ ލޭންޑް އޭރިއާ އަށް ވުރެން ކަނޑުގެ އޭރިއާ ބޮޑުކޮށް. އެހެންވީމާ އަޅުގަނޑުމެންގެ ކެއުމުގެ އެންމެ ބޮޑު އެއްޗަކީ މަސް. މަހުން ދިވެހިންނަށް ހަދަން އެނގޭ އެންމެ މީރު އެއްޗަކީ ގަރުދިޔަ. ކޮންމެ މީހަކު ވެސް ގަރުދިޔަ ކައްކާނެ. ކޮންމެ ގެއެއްގައި ވެސް ގަރުދިޔަ ހުންނާނެ. އަޅުގަނޑުމެން ވެސް ބޮޑުވެފައި މިތިބީ ގަރުދިޔަ އާއި (ބަތް) ކައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެ،" ފަތީން ކިޔައިދިނެވެ.

"އަޅުގަނޑު ބުނާނީ ހަމަ މީރުވީމައޭ މީހުން އެހެން އެ ބުނަނީ. ގަރުދިޔަ އާއި ބަތަކީ އަސްލު ނުބައި އެއްޗެއް ނޫނޭ. އަމުދަކުން ދިވެހިންނަށް ނުބައެއް ނުވާނެ ގަރުދިޔަ އާއި ބަތެއް. އަޅުގަނޑުގެ މަސައްކަތުގެ ދާއިރާގެ ތަޖުރިބާ އަށް ބަލާއިރު ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ގަރުދިޔަ އާއި ބަތް ވަރަށް މަގްބޫލު."

އެހެންވީމަ ގަރުދިޔަ އާއި ބަތުގެ ދިވެހި ރަހަގަނޑު އިންޓަނޭޝަނަލްވީ ނޫންތޯ އެވެ!

ޓޫރިސްޓުން ގަރުދިޔަ ބޮނީ ނިކަން މީރު ސޫޕެއް ފަދައިން!

ފަތީން ބުނީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި މިހާތަނަށް އެތައް ޓޫރިސްޓުންނަކަށް ގަރުދިޔަ އާއި ބަތް ނުވަތަ ގަރުދިޔަ އާއި ރޮށި ތައްޔާރުކޮށްދީފައިވާނެ ކަމަށާއި އެއްވެސް ވަރަކަށް އެމީހުންގެ ފަރާތުން އެއަށް ނެގެޓިވް ކޮމެންޓެއް ލިބިފައި ނުވާ ކަމަށެވެ.

"ޗައިނާ މީހުން ވަރަށް ގިނައިން ގަރުދިޔަ އާއި ބަތް ނުވަތަ ރޮށި ނަގާ. އަޅުގަނޑުމެންގެ މިހާރުގެ މެނޫގައި ވެސް ހިމަނާފައި ހުންނާނެ ދިވެހި ގަރުދިޔަ އާއި ބަތް ނުވަތަ ރޮށީގެ ކެއުން. ޔޫރަޕް މީހުންގެ މެދުގައި ވެސް ފުދޭވަރަކަށް ހިނގާ،" ބަނޑޮސް އައިލެންޑް ރިސޯޓްގެ ސޫ ޝޭފް ބުންޏެވެ.

"އެކަމަކު އެމީހުން ގަރުދިޔަ އާއި ބަތް ނުވަތަ ރޮށި ކާގޮތާއި ދިވެހިން ކާ ގޮތް ތަފާތު. އެމީހުން ގަރުދިޔަ ބޯނީ ސޫޕް ބޯހެން. ރޮށިކޮޅެއް ކާލާފައި ގަރުދިޔަކޮޅެއް ކާލާފައި އެކަހަލަ ގޮތަކަށް. ޓޫރިސްޓުންނަށް ގަރުދިޔަ އެންމެ ކަމުދަނީ ފްރެޝް މަހުން ހަދާފައި ހުންނާތީ ކަމަށް ބުނޭ"

"ވަރަށް ފަހުން ވެސް އަޅުގަނޑުމެންގެ ރިސޯޓަށް އައި ޓޫރިސްޓަކު ދިިހަ ދުވަހަށް ހުރެފައި އެ ދިޔައީ ހަމަ ކޮންމެ ދުވަހަކު ވެސް ގަރުދިޔަ ކައިގެން. އަޅުގަނޑު ގޮސް އޭނާއާ ވާހަކަ ދެއްކީމަ ބުނީ ތިމަންނަ އަށް ހަމަ އެންމެ މީރު ކެއުމަކީ ގަރުދިޔަ އާއި ބަތޭ."

އެހެންވީމަ، ނިކަން ރަނގަޅަށް ވާވަރަށް ގަރުދިޔަ އާއި ބަތުގެ ވާހަކަ ދެކެވިއްޖެއެއް ނޫން ހެއްޔެވެ! ދެން ބުނެބަލާށެވެ؟ އީދަށް ކެއްކީ ކޯއްޗެއް ހެއްޔެވެ؟