ހަބަރު

ޝޯ ދޭން ދިޔަ ޝަލަބީގެ ޓީމު އެކްސިޑެންޓް ވެއްޖެ

ލ. ގަމުގައި ޝޯއެއް ދިނުމަށް އެ ރަށަށް ގޮސް އުޅުނު މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އާއި އޭނާގެ ޓީމު ދަތުރުކުރި ކާރެއް އެކްސިޑެންޓްވެ ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ. އެކްސިޑެންޓްވި ކާރުގައި ޝަލަބީ ހުރި ނަމަވެސް އޭނާ ވަނީ އަނިޔާއެއް ނުލިބި ސަލާމަތްވެފަ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އަލަށް ހެދި ލާމު ބޮޑު މަގުގައި ފަންނާނުން ތިބި ތިން ކާރު ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ކުރިމަތިން ދިޔަ ސައިކަލެއް ކުއްލިއަކަށް ހުއްޓުމާ ގުޅިގެންނެވެ. އެ ސައިކަލް ކުއްލިއަކަށް ހުއްޓުމުން ކާރުތަކުގެ ބުރަކި ކުއްލިއަކަށް ޖެއްސުމުގެ ސަބަބުން ކާރުގެ އެކި ތަންތަނުގައި ޖެހި ފަންނާނުންނަށް އަނިޔާ ލިބުނީ ކަމަށް ޝަލަބީ ޓީމުގެ އޮފިޝަލަކު ބުންޏެވެ.

އޮފިޝަލު ބުނީ، މި އެކްސިޑެންޓްގައި ޝަލަބީއަށް އަނިޔާއެއް ނުވާ ކަމަށެވެ. މި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ ކޮމޭޑިއަން ނަސްރުﷲ ނައީމަށެވެ. އޭނާގެ އަނގަ މަތި ވަނީ ފަޅައިގެންގޮސްފަ އެވެ. ހޮސްޕިޓަލްގައި މިހާރު އޭނާއަށް ދަނީ ފަރުވާދެމުންނެވެ.

އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި އިން މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދަށާއި މަޝްހޫރު މޮޑެލް ފާތުމަތު ޔުމްނާއަށް ވެސް ވަނީ އަނިޔާވެފަ އެވެ. މީރާގެ ކަކުލަށް އަނިޔާވިއިރު، ޔުމްނާގެ އުނަގަނޑަށް ވަނީ އަނިޔާވެފަ އެވެ.

މި އެކްސިޑެންޓެއް ހިނގީ މި މަހުގެ 12-13ގައި ޝޯ ދިނުމަށް މިރޭ ގަމަށް ގޮސް، ޝަލަބީގެ ޓީމުގެ މެމްބަރުން އެމީހުންގެ ހޮޓަލަށް ދަތުރުކުރަމުން ދަނިކޮށެވެ.

އެކްސިޑެންޓްވެ ބައެއް އަނިޔާތައް ފަންނާނުންނަށް ލިބުނު ނަމަވެސް ޝޯގައި އެ ފަންނާނުން ޕާފޯމްކުރާނެ ކަމަށް ޝަލަބީގެ ޓީމުގެ އޮފިޝަލް ބުންޏެވެ.