ހަބަރު

ހައްޖުވެރިން ދެން ނުގެއްލޭނެ: އަތުގައި ޓެގް އަޅުވައިފި

ހައްޖަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މީހުންނަށް މައްކާއަށް ދެ އެވެ. މި އަހަރު ވެސް 1.5 މިލިއަނަށް ވުރެ ގިނަ މުސްލިމުން ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ގޮތުން މައްކާއަށް ގޮސްފަ އެވެ.

މި އެންމެން މައްކާއަށް ގޮސް، އުޅޭ އުޅުމުގައި ގެއްލުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ހައްޖުވެރިޔާއަށް މަގުއޮޅި، އެކީގައި ހައްޖަށް އައި މީހުންނާ ވަކިވާން ޖެހޭ ހާދިސާތައް މީގެކުރިން ވަރަށް ގިނައިން ހިނގާފައިވެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ހައްޖުވެރި ވެސް އެގޮތަށް ގެއްލުނެވެ. އޭނާއަށް މަގު އޮޅުނީ އެވެ.

މިފަދަ ކަންކަމަށް ހައްލެއް ހޯދުމަށް ސައުދި އަރަބިއްޔާގެ ސަރުކާރުން މިވަނީ އާ ކަމެއް ތައާރަފްކޮށްފަ އެވެ. އެއީ މި ފަހަރު ހައްޖަށް ދިޔަ އެންމެންގެ އަތުގައި ޓެގެއް އެޅުވުމެވެ. މި ޓެގަކީ ކިއުއާރް ކޯޑެއް އެކުލެވޭ ޓެގެކެވެ.

ޓެގުގައި އިންނަ ކިއުއާރް ކޯޑުގައި އެމީހެއްގެ މައުލޫމާތާއި އެމީހެއްގެ ޓެންޓްގެ މައުލޫމާތު ހިމެނެ އެވެ.

އެހެންކަމުން ހައްޖުވެރިއަކަށް މަގު އޮޅުނު ނަމަވެސް ޓެގް ސެކްރިޓީއަށް ދެއްކުމުން އެމީހަކު ހުންނަން ޖެހޭ ޓެންޓެއް ބަލައިލެވޭނެ އެވެ. އަދި އެ ހިސާބަށް ދިޔުމަށް ސެކިއުރިޓީއަށް އެހީތެރިވެވޭނެ އެވެ.

ސައުދި ސަރުކާރުން ތައާރަފްކޮށްފައިވާ މިއާ ޓެގް ރާއްޖޭގެ ހުރިހާ ހައްޖުވެރިންގެ އަތުގައި ވެސް މިހާރު ވަނީ އަޅުވާފަ އެވެ. މިކަމަކީ ހައްޖުވެރިންގެ އާއިލާތަކަށް ވެސް ލިބުނު ވަރަށް ބޮޑު ފިނިކަމެކެވެ.