ހަބަރު

ނަޝީދުގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން މާދަމާ ރޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ ރޭ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިދިޔަ ހޯމަ ދުވަހު ބޭއްވިއިރު އެދުވަހު ކޯޓުން ވަނީ އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. ކޯޓުން އެގޮތަށް އަމުރުކުރީ ވަކީލެއްގެ އެހީތެރިކަން ދިނުމަށް ނަޝީދު އެދިވަޑައިގެންފައި ވަނިކޮށެވެ.

ނަޝީދުގެ ޝަރީއަތް ބާއްވަން ތާވަލްކޮށްފައިވަނީ މާދަމާ ރޭ 8:00 އަށެވެ. ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ޝަރީއަތް ވެސް މާދަމާ ރޭ 10:00 ގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

މާދަމާ ރޭ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލްކުރީ އެ މައްސަލަ ބަލާ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު އެ މައްސަލަ ބެލުމުން ތަނާޒުލްވުމަށް ނަޝީދުގެ ވަކީލުން އެދިފައި ވަނިކޮށެވެ. ނަޝީދުގެ ވަކީލުން ބުނެފައިވަނީ އެ މައްސަލަ ބަލާ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލްބާރީ ޔޫސުފް ދިފާއީ ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅަން ބޭނުންވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުންނަކީ ވެސް ދައުލަތުގެ ހެކިންގެ ގޮތުގައި ތަހުގީގަށް ވެސް ބަޔާންދިން ފަރާތްތަކެއް ކަމަށް ނަޝީދުގެ ވަކީލުން ބުނެފައިވެ އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނަޝީދުގެ ވަކީލުންނަށް ވެސް އެމަނިކުފާނު ތަމްސީލު ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އެދުވަހުގެ އަޑުއެހުމުގައި މައްސަލައަށް ތައްޔާރުވުމަށާއި ވަކީލަކު ހަމަޖައްސަން ނަޝީދަށް ކޯޓުން ދިނީ ވެސް އެންމެ ތިން ދުވަހެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ފުލުހުންގެ ބެލުމުގެ ދަށުން ނަޝީދު ކޯޓަށް ވައްދަން އުޅުމުން ހިނގި ހަމަނުޖެހުމުގައި އެމަނިކުފާނަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފަ އެވެ.