ފިނިޕޭޖް

ތެމުނަސް ހެޔޮ، އުނޫޝާ ތެމެން ވެސް ތައްޔާރު!

މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އުނޫޝާ މިވަނީ އީދުގެ އުފުލާއެކު ހުރިހާ ސަޕޯޓަރުންނަށް ވަރަށް ހިތްގައިމު ހަދިޔާއެއް ދިނުމަށް ތައްޔާރުވެފަ އެވެ. އީދުގެ އުފަލާއެކު ވަރަށް ފޯރިގަދަ އީދު ލަވައެއް ނެރުމަށް އުނޫޝާ މިވަނީ ތައްޔާރުވެފަ އެވެ. މި ލަވަ ލޯންޗުކުރާނީ މިރޭ އެވެ.

"ތެމުނަސް ހެވޭ"ގެ ނަމުގައި ނެރޭ މި ވީޑިއޯ ލަވައިން އުނޫޝާ ވެސް ފެނިގެންދާނެއިރު، ލަވައިގެ ޓީޒާ މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ލަވައަކީ ފެން ކުޅީގެ ކުޅިވަރު ވަރަށް ފޯރީގައި ފެނިގެންދާނެ ލަވަ އެކެވެ. އީދާ ކުރިމަތިވެފައިވާއިރު ފެން ކުޅީގެ ފޯރި މާދަމާ ވަރަށް ގަދަވާނެ އެވެ. އެހެންކަމުން މިއަށްވުރެ ރަނގަޅު ހަދިޔާއެއް މި ދަނޑިވަޅަކަށް ހަމަ ނެތެވެ.

އުނޫޝާގެ އަޑުން ކިޔާފައި މި ލަވަ އިވިގެންދާނެއިރު ބެކިން ވޯކަލިސްޓްގެ ގޮތުގައި ނާނު އާއި މެއިފީގެ އަޑު ވެސް މި ލަވައިން އިވޭނެ އެވެ. ފޯރިގަދަ، މަޖާ މި ލަވައިގެ މިޔުޒިކް ތައްޔާރުކޮށްފައިވަނީ ބާޗީ އެވެ. ޅެން ހަދާފައިވަނީ އިސްމާއިލް މުބާރިކެވެ. މީގެއިތުރުން ލަވައިގައި ބެރުގެ ފޯރި ހިއްޕާލާފައިވަނީ ކައެނާ ނައުބެގެ އެހީތެރިކަމާއެކު އެވެ.

ލަވައިން މަޖާ، އަދި ދިވެހިންގެ ސަގާފީ ކަންކަން ފެނިގެންދާނެއިރު މި ލަވައިގެ ޑައިރެކްޝަން ހަދާފައިވަނީ އުނޫޝާ އަދި ކޮރިއޯޓިކްސް ކްރޫ އިންނެވެ. ލަވައިގެ ކެމެރާ އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކޮށްފައިވަނީ ވަން ޝޮޓް ސްޓޫޑިއޯއިންނެވެ.

މިރޭ ލަވަ ލޯންޗުކުރާއިރު އުނޫޝާ މިރޭ ވަރަށް ހާއްސަ ޗެލެންޖެއް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އީދާ ގުޅިގެން އުނޫޝާ ފަށާ މި ޗެލެންޖަކީ އަދި ސަޕްރައިޒެކެވެ.