ހަބަރު

ބަކަރި ކަތިލައި ބޮޑު އީދުގެ ބޮޑު އުފާ ހޯދައިފި

އަޟްހާ އީދު، ދިވެހިންގެ ބޮޑު އީދަކީ ގުރުބާން ކުރުމުގެ އީދެވެ. އުޟްހިޔާ ކަތިލުމަށް ހާއްސަ އީދެވެ. ބޮޑު އީދުގައި އުޟްހިޔާ ކަތިލުމަށް ވަނީ ބާރު އަޅުއްވައިފަ ވެސްމެ އެވެ. ދިވެހިންގެ ތެރޭގައި ވެސް ވަރަށް ފޯރިއާއެކު އުޟްހިޔާ ކަތިލާތާ މިހާރު ވަނީ އަހަރުތަކެއްވެފަ އެވެ. އެގޮތުން މި އަހަރު ވެސް ވަރަށް ފޯރީގައި މިކަން މާލޭގައި ކޮށްފައިވެ އެވެ.

ކާނިވާ ސަރަހައްދުގައި ހަދާފައި ހުރި ބަކަރި ކޮށި ކައިރި އީދު ނަމާދު ނިމުމާއެކު ތޮއްޖެހުނެވެ. އެއް ބަޔަކު ބަކަރި ގަތުމަށް އެތަނަށް އެއްވިއިރު އަނެއް ބަޔަކު އެއްވީ ކުޅި ބަލާށެވެ. އެ ކޮށިން ބަކަރި ގަންނަން ލިބެން ހުރި ބަކަރި ގަތުމަށްފަހު ކަތިލުމުގެ އިންތިޒާމް ވެސް އެތާ އޮތެވެ. ކަތިލުން އެކަންޏެއް ވެސް ނޫނެވެ. ކަތިލައި ހަން ދަމައި، މަސް ކޮށުމުގެ އިންތިޒާމް ވެސް އޮތެވެ.

ބަކަރި ކަތިލާތަން ބަލަން ވެސް ގިނަ ބަޔަކު އެއްވިއިރު، ބަކަރިތަކަށް ކާން ދިނުމަށް ކުޑަ ކުދިން ވެސް އެ ސަރަހައްދަށް ދިޔަ އެވެ. ވަރަށް މަޖަލުގައި ކުޑަކުދިން ވެސް މިކަމުގައި ބައިވެރިވި އެވެ.

ބައެއް އާއިލާތައް އެއްކޮށް އެ ސަރަހައްދަށް ގޮސް، އާއިލާ މެންބަރުންގެ އިއްތިފާގުން ބަކަރިއެއް ހިފައި ކަތިލާ މަންޒަރު ވެސް ފެނުނެވެ. މިކަމުން ވެސް އާއިލީ ގުޅުންތައް ބަދަހިކޮށްދީ، އީދުގެ އުފާ އެކުގައި ލިބިގަތެވެ.

މިކަމުގައި ބައިވެރިވީ ހަމައެކަނި ދިވެހިންނެއް ނޫނެވެ. ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން ވެސް ވަނީ ބަކަރި ގަނެ، ކަތިލާފަ އެވެ.

ބަކަރި ކަތިލައިދޭން މީހުން އެތަނުގައި ހަމަޖައްސާފައި ތިބި ނަމަވެސް ބައެއް މީހުން ބަކަރި ކަތިލާފައިވަނީ އަމިއްލައަށެވެ. ހަން ނޮޅުމާއި ބަކަރި ކޮށުމުގެ ކަންކަން ވެސް ބައެއް މީހުން އަމިއްލައަށް ކުރި އެވެ.

އުޟްހިޔާ ކަތިލުމުގެ ކަންކަން އެ ސަރަހައްދުގައި ކުރިއަށް ދިޔައިރު ސެލްފީ ނެގުމާއި ލައިވްލުރުން އަދި ސްނެޕްކުރުމުގެ ކަންކަން ވެސް ވަރަށް ފޯރީގައި ކުރިއަށް ދިޔަ އެވެ.