މިއަހަރުގެ އަޟްހާ އީދު މިއަދު ބައްދަލުކުރި އިރު އީދު ފާހަގަކުރަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް މިވަނީ ރާވާފަ އެވެ. ކިތަންމެ ގިނަ ސަގާފީ ކުޅިވަރު ތަކާއި އެހެނިހެން ކުޅިވަރުތައް ކުޅުނަސް ސްޓޭޖް ޝޯ އާ ނުލާ ދިވެހިންގެ އީދެއް ފުރިހަމައެއް ނުވެ އެވެ. މި ސްޓޭޖް ޝޯ ދިނުމުގައި އެދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ މެދުގައި މިވަނީ ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ.
ތަފާތު އެކިއެކި ގްރޫޕްތަކާއި ވަކިވަކި ތަރިން ޝޯ ދޭއިރު އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ދެ ފަރާތަށް ސުނީތާ އަލީ އަދި މަޝްހޫރު ސުޕަސްޓާ އަހްމަދު ސައީދުގެ މާޒްސް (އެމްއޭއޭއެކްސްއެސް) ގްރޫޕް ވާނެ އެވެ. މިއޮތީ އެހެންވެފަ އެވެ.
އީދު ޝޯގައި އެންމެ އަގުބޮޑު އަދި އެންމެ ބިޒީ ތަރިއަކީ ސުނީތާކަމަށް ބުނާއިރު މާޒްސް ގްރޫޕްގެ ފުރަތަމަ ޝޯ ވަނީ ރޭ ތ. ކަނޑޫދޫގައި ދީފަ އެވެ. -- އާންމުކޮށް ގްރޫޕްތަކުން ޝޯ ދޭން ފަށާނީ އީދު ދުވަހުގެ ރެއިން ފެށިގެންނެވެ. ނަމަވެސް މާޒްސް ގްރޫޕުން މިވަނީ އެގްރޫޕްގެ ފުރަތަމަ ޝޯ ރޭ ދީފަ އެވެ.
ރޭގައި ފުރަތަމަ ޝޯ ދިން އިރު އީދު ބަންދަށް އެކީގައި އެގްރޫޕްވަނީ ޝޯ ދޭން ނިންމާފަ އެވެ. މިރެއިން ފެށިގެން ކުރިއަށް އޮތް ފަސް ރޭ އެކި ރަށްތަކަށް ޝޯ ދޭން ދާން ނިންމާފައިވާއިރު އެގްރޫޕްގެ ހަތް ވަނަ ޝޯއަށް ޔަގީންކަން ނުދެވިފައި އިނީ މާލެއަށް ރިޓާން ޓިކެޓް ޔަގީން ނުވާތީ އެވެ. އެ ގްރޫޕުން މިހާރު ދަނީ ބައެއް ރަށްތަކުގައި ހަވީރުވެސް ޝޯ ދޭން ވިސްނަމުންނެވެ.
މާޒްސް ގްރޫޕްގެ މެމްބަރުންނަށް ބަލާއިރު މި ގްރޫޕްގައި ގިނައީ ފާއިިތުވެދިޔަ އަހަރުތަކުގައިވެސް ޝޯ ދީފައި ތިބި ފަރާތްތަކެވެ. މަޝްހޫރު ސްޓެޕްސް އައްޔަ، ދޮން އައްޔަ އަދި ފާތިމަތު އަޒިފާ (އަޒޫ) އަކީ މީގެކުރިންވެސް އެތައް ސްޓޭޖެއްގައި ވަރުގަދަ ޝޯތަކެއް ދީފައިވާ ފަންނާނުންތަކެކެވެ. އަދި އެ ގްރޫޕްގެ ހަތަރުވަނަ ތަރި މަލީހާ ވަހީދު (މަލް) އަކީ މިހާރު އެ ދާއިރާގައި އަރަމުން އަންނަ ތަރި އެކެވެ.
"އަޅުގަނޑުމެން ގްރޫޕާއި އެހެން ގްރޫޕްތަކާއި ހުރި ތަފާތަކީ މި ގްރޫޕްގައި މިހުރީ ހުސް ޕާފޯމަރުން. މީހުން ގިނަ ކުރާކަށް ނުހުންނާނެ އެހެން މެމްބަރުންނެއް. ދާއިރާގައި މަޝްހޫރު ފަރާތްތައް މި ގްރޫޕްގައި މި ތިބީ" ސައީދު ބުންޏެވެ.
މާޒްސް ގްރޫޕުން މެދުނުކެނޑި ތިން ގަޑިއިރުގެ ޝޯއެއް ކުޅެދޭ އަގަކީ 24،000 ރުފިޔާ އެވެ. މިއަހަރު މި ގްރޫޕް އަލަށް އުފެއްދި ނަމަވެސް ގްރޫޕް ވަރަށް ކާމިޔާބެވެ. މި ގްރޫޕް މިރޭ ތ. ވަންދޫގައި ޝޯ ދޭއިރު މާދަމާ ރޭ އަދި އަނެއް ރޭ ހިތަދޫގައި ޕާފޯމްކުރާނެ އެވެ. އަދި ބުދަ ދުވަހުގެެ ރޭ ލ. އިސްދޫކަލައިދޫގައިވެސް ޝޯ ދޭނެ އެވެ. އަދި ރިޓާން ޓިކެޓް ލިބިއްޖެ ނަމަ ބުރާސްފަތި ދުވަހުގެ ރޭ ހަންޏާމީދޫގައިވެސް ޝޯ ދޭނެ އެވެ.
މި ގްރޫޕްގެ ޝޯއެއް ލ. ގަމުގައި ވެސް އޮންނާނެ އެވެ.