ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އަތުން 2-1 އިން އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ ބަލިވި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ބާސާގެ ލިއޮނެލް މެސީ އެ ޓީމަށް ލިބުނު ޕެނަލްޓީ ބޭކާރުކޮށްލުމުން ސިޓީގެ އުންމީދު އާވެފައިވާ ކަމަށް ސިޓީގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުނެފި އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ކުރީގެ ފޯވަޑް ލުއިސް ސުއަރޭޒް ޖެހި ދެ ލަނޑާއެކު ބާސާ އިން ދެ ލަނޑުގެ ލީޑެއް ހޯދައިފައި ވަނިކޮށް، ސިޓީން ތަފާތު ކުޑަކުރީ ދެވަނަ ހާފުގައި ސާޖިއޯ އަގުއޭރޯ ޖެހި ލަނޑުންނެވެ.
މެޗުގެ އިތުުރު ވަގުތުގައި ބާސާ އަށް ލިބުނު ޕެނަލްޓީން ތަފާތު ބޮޑުކުރުމުގެ ފުރުސަތު މެސީ އަށް ލިބުނު ނަމަވެސް، މެސީ ފޮނުވާލި ޕެނަލްޓީ ސިޓީގެ ގޯލްކީޕަރު ޖޯ ހާޓް ވަނީ ދިފާއުކޮށްފަ އެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެލެގްރިނީ ބުނީ ހާޓް ޕެނަލްޓީ ދިފާއުކުރުމާއެކު، ސިޓީ އަށް އަދިވެސް ކުއާޓާ ފައިނަލް އިން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އެއީ ވަރަށް މުހިންމު ސޭވެއް،" މެޗަށް ފަހު ޕެލެގްރިނީ ބުންޏެވެ. "އެ ޕެނަލްޓީ ކާމިޔާބުކުރި ނަމަ ނަތީޖަ 3-1 އަށް ބަދަލުވާނެ. އަމިއްލަ ދަނޑުގައި ބަލިވުމަކީ އެންމެ ރަނގަޅު ނަތީޖާއެއް ނޫން. އަހަރެމެން ބާސާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނުުކުންނާނީ މޮޅުވާން. އެ ފުރުސަތު އެބައޮތް."
ބާސާގައި ޖެހި 57 ޕެނަލްޓީގެ ތެރެއިން 44 ޕެނަލްޓީ ކާމިޔާބުކޮށްފައިވާ މެސީ ރޭގެ މެޗުގައި ލިބުނު ޕެނަލްޓީ ބޭކާރުކޮށްލި ނަމަވެސް، އެއީ މާބޮޑު މައްސަލައަކަށް ބާސާގެ ކޯޗު ލުއިސް އެންރީކޭ ނުހެދި އެވެ.
"ޕެނަލްޓީ ޖަހާ ކުޅުންތެރިންނަށް ކޮންމެ ފަހަރަކު ޕެނަލްޓީ ކާމިޔާބެއް ނުކުރެވޭނެ. މެސީ އަށް ފުރިހަމަ އިތުބާރު އެބައޮތް،" އެންރީކޭ ބުންޏެވެ.
އެންރީކޭ ބުނީ މެޗުގެ ނަތީޖާއާމެދު ބާސާ ހިތްހަމަޖެހޭ ކަމަށެވެ.
"ވަރަށް ރަނގަޅު ކުޅުމެއް މި މެޗުގައި ބާސާ އިން ދެއްކި. އިދިކޮޅު ޓީމަށްވުރެ މާ ރަނގަޅު ކުޅުމެއް މި މެޗުގައި ސިޓީން ދެއްކި،" އެންރީކޭ ބުންޏެވެ.
މެޗުގެ ފަހުކޮޅު ފްރާންސްގެ ޑިފެންޑަރު ގައެލް ކްލީޝީ އަށް ދެއްކި ރަތްކާޑު ދެއްކުމުން ދިހަ މީހުންނާއެކު މެޗު ނިންމާލި ސިޓީ އަށް ކުއާޓާ ފައިނަލްގެ ޖާގައެއް ލިބޭނީ އަންނަ މަހުގެ 18 ވަނަ ދުވަހު ބާސާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި މަދުވެގެން ދެ ލަނޑު ޖަހައިގެނެވެ. މި ސީޒަންގައި އަމިއްލަ ދަނޑުގައި ބާސާ ކޮޅަށް ދެ ލަނޑު ވަދެފައިވަނީ އެންމެ މެޗެއްގަ އެވެ. -- ބީބީސީ