ހަބަރު

ނަޝީދާ ދެކޮޅަށް މިހާތަނަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވާނެ: ޕީޖީ އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިހާތަނަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގައި ދައުލަތުގެ ހެކިންގެ ގޮތުގައި އެ މައްސަލަ ބައްލަވާ ދެ ގާޒީއަކާއި ޕީޖީ މުހުތާޒް މުހުސިން ހުށަހަޅާފައިވާ ކަމަށް އަޑުފެތުރިފައިވާތީ އެކަން ދޮގުކޮށް ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ މިހާތަނަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށާއި އެހާ ހިސާބަށް ޝަރީއަތް ކުރިއަށް ވެސް ނުދާ ކަމަށެވެ.

އެ ބަޔާނުގައިވަނީ ދައުލަތުން ހެކި ހުށަހަޅާނީ ޝަރީއަތުން އެކަމަށް ފުރުސަތު ދިނުމުން ކަމަށާއި ހެކިންގެ ބަޔާންތަކާއި އެ މީހުން މައުލޫމާތު ކޯޓަށް ފޮނުވާފައިވީ ނަމަވެސް އެއިން އެއްވެސް ހެއްކެއް މިހާތަނަކަށް ޝަރީއަތަށް ހުށަނާޅާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ ދައުލަތުން ހެކިން ހުށަހަޅާފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ނުދެއްކުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ނަޝީދުގެ ވަކީލުން ވިދާޅުވެފައިވަނީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކާއި އޭރު ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި އަދި މިހާރުގެ ޕީޖީ މުހުތާޒް ވެސް އެ މައްސަލައިގެ ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާން ދީފައިވާ ކަމަށެވެ. އެ މައްސަލަ ބައްލަވާ ދެ ގާޒީއަކު ތަހުގީގަށް ބަޔާން ދިން ކަމަށް ނަޝީދުގެ ވަކީލުން ބުނިއިރު އެ މައްސަލަ ބައްލަވާ ދެ ގާޒީއަކު ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅަން ނަޝީދުގެ ފަރާތުން ނިންމާފައިވާ ކަމަށް ވެސް ނަޝީދުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ގާޒީ އަބްދުﷲ ދީދީ އާއި އަބްދުލްބާރީ ޔޫސުފް ނަޝީދުގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅަން ނަޝީދުގެ ފަރާތުން ނިންމާފައިވާތީ އެ ދެ ގާޒީން އެ މައްސަލަ ބެލުމުން ދުރުވުމަށް ނަޝީދުގެ ފަރާތުން ވަނީ ކޯޓުގައި އެދިފަ އެވެ.