ބޮލީވުޑް

ދީޕިކާ ފަހަތަށް ޖައްސައި ޕްރިޔަންކާ އެއްވަނައަށް!

Sep 16, 2016

އެންމެ ބޮޑު އާމްދަނީއެއް ލިބޭ އިންޑިއާގެ އެކްޓްރެސްގެ މަގާމު މިހާރު ހޮލީވުޑްގައި ވެސް ފިޔަ ޖަހަން ފަށާފައިވާ ޕްރިޔަންކާ ޗޯޕްރާ ހޯދައިފި އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 11 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފަ އެވެ.

އާމްދަނީ އެންމެ ރަނގަޅު އެކްޓްރެސްގެ ގޮތުގައި މީގެކުރިން ލިސްޓްގެ އެއްވަނައިގައި އޮތީ ދީޕިކާ އެވެ. ދީޕިކާ އެ ލިސްޓް އެއްވަނަ ހޯދާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 10 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެންނެވެ.

އެހެންނަމަވެސް ޕްރިޔަންކާގެ އާމްދަނީގެ ތަފްސީލު ހާމުވުމާއެކު ދީޕިކާގެ އަތުން ވަނީ އެ މަގާމު ގެއްލިފަ އެވެ.

އިންޑިއާގެ އެންމެ މުއްސަނދި އެކްޓްރެސްގެ މަގާމު ޕްރިޔަންކާ ހޯދިއިރު ދުނިޔޭގެ އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ ޓީވީ އެކްޓްރެސްއިންގެ ލިސްޓްގެ އަށްވަނަ ވެސް ޕްރިޔަންކާ ވަނީ ހާސިލްކޮށްފަ އެވެ.

އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" ގެ ކާމިޔާބީއާއެކު ޕްރިޔަންކާ ވަނީ ހޮލީވުޑްގައި ފިޔަ ޖަހަން ފަށާފަ އެވެ. އޭނާ މިހާރު ވަނީ "ކުއަންޓިކޯ" ގެ ދެވަނަ ސީޒަންގެ މަސައްކަތްތައް ވެސް ފަށާފަ އެވެ. ޕްރިޔަންކާ ހޮލީވުޑް ފިލްމު "ބޭވޮޗް" ވެސް މަންޒަރުތައް ވެސް ވަނީ ނަގާފަ އެވެ.

މިއަހަރު ކުރީކޮޅު ނިކުތް ޕްރިޔަންކާގެ ބޮލީވުޑް ފިލްމް "ޖެއި ގަންގާޖަލް" އަށް މާބޮޑު ކާމިޔާބެއް ލިބިފައިނުވާއިރު، އިންޑިއާގައި ތިބި ޕްރިޔަންކާގެ ފޭނުން އިންތިޒާރުކުރަމުން ދަނީ ވިހާވެސް އަވަހަކަށް އޭނާ ބޮލީވުޑް ފިލްމަކުން ފެނިގެން ދިއުމެވެ.