ހަބަރު

އެއާޕޯޓް ތަރައްގީގެ ޕްލޭން ދައްކާލައިފި، 2017 ގައި ނިމޭނެ

Feb 25, 2015
2

ޗައިނާގެ ބީއޯސީ އާއި ޖަޕާންގެ ތައިސޭ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތުގެ ޕްލޭން މިއަދު ދައްކާލައިފި އެވެ.

އެ ޕްލޭން ދައްކާލުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ދެގުނަ ބޮޑު ކުރުމުގެ މަސައްކަތް، ކުރަނީ، ޗައިނާގެ ޖޭޕިކުންނާއި ޖަޕާންގެ އެގްޒިމް ބޭންކްގެ ލޯނެއްގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް އެންމެ ފުރަތަމަ ނަގަން ނިންމާފައި އޮތީ 400 މިލިއަން ޑޮލަރުގެ ލޯނެއް ކަމަށާއި ނަމަވެސް އެ މަޝްރޫއު މިހާރު ބޮޑުވެފައި ވާތީ އެ ލޯނު ދެގުނަ ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައި 2017 ވަނަ އަހަރު ނިމޭއިރު އާ ރަންވޭ އަކާއި ޓެކްސީވޭ އެއް އަދި މުޅިން އާ ޓާމިނަލްއެއް ހުންނާނެ ކަމަށެވެ. އަދި ޓާމިނަލްގައި އެންމެ ފަހުގެ ޒަމާނީ ފެސިލިޓީތައް ގާއިމް ކުރާ އިރު، އާމްދަނީ އިތުރު ވާނެ ގޮތްތަކަކަށް ވިސްނާފައި ހުންނާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި ފްލައިޓާއި ޓާމިނަލް ގުޅުވައިދޭ ނުވަ އެއިރޯ ބްރިޖް ހުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ކުރެހުން ނިމި ހުރިހާ ޑީޓެއިލްއެއް މިހުރީ ނިމިފައި. އަޅުގަނޑުމެން މި އަންނަ ހަފްތާ ޓޯކިޔޯއަށް އެބަ ދަތުރެއް ކުރަން މި ލޯނުގެ ކަންތައްތައް އަވަސް ކުރަން. ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް މި ލޯނު ލިބި ވަރަށް އަވަހަށް މި މަޝްރޫއު ފަށައިގަނެވޭނެ ކަމުގެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓް އަލަށް ތަރައްގީ ކުރެވޭނީ ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށް ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި އެއާޕޯޓް ތަރައްގީ ކުރަނީ ނަގާ ލޯންތަކަށް އެއާޕޯޓަށް ލިބޭ އެއްޗަކުން ފައިސާ ދެއްކޭ ވަރަށް އެއާޕޯޓް ޑިވެލޮޕް ކުރުމަށެވެ. އަދި ހަތް މިލިއަން ޓުއަރިސްޓުންގެ ކެޕޭސިޓީއަކީ ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރާ ޓުއަރިސްޓުންނާ އެއްވަރުގެ ކެޕޭސިޓީއެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އެ މަޝްރޫއު ހިންގުމަށް ކޮންސަލްޓެންސީ ދެނީ ސިންގަޕޫރުގެ އެއާޕޯޓް ކުންފުނި، ޗަންގީ އިންޓަނޭޝަނަލް އިންނެވެ.

އެއާޕޯޓް ނިމުމުން ވެސް އެތަން ހިންގުމުގެ މަސައްކަތް ކުރާނީ ސީދާ އެމްއޭސީއެލްއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

"މި އެއާޕޯޓް ވާނީ އެންމެ ޒަމާނީ ސީދާ ދިވެހިންގެ އެއާޕޯޓަކަށް. މިއީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ކުންފުނިތައް އެކުވެގެން ތަރައްގީ ކުރާނެ އެންމެ ޒަމާނީ އެއާޕޯޓް،" ސައީދު ވިދާޅުވި އެވެ.