މަސްވެރިން ބޭނުން ކުރާ ފިނިކުރާ ތަކެތިން އޯޒޯން ފަށަލައަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް އެ ދާއިރާގައި މަސައްކަތް ކުރާ ހަ ކުންފުންޏަކަށް ސަރުކާރުން އެހީ ދީފި އެވެ.
އެންވާރަމަންޓް މިނިސްޓްރީއިން ބުނީ އޯޒޯން ފަށަލައަށް ގެއްލުންދޭ ހައިޑްރޯ ކްލޮރޯފްލޮރޯ ކާބަން (އެޗެސީއެފްސީ) ހިމެނޭ ބާއްވަތްތައް 2020 ވަނަ އަހަރާ ހަމައިން ރާއްޖޭގައި ބޭނުން ކުރަން ހުއްޓާލަން އަޒުމުކަނޑައަޅާފައިވާ ކަމަށާއި އެގޮތުން މިއަހަރު ޖޫން މަހުން ފެށިގެން އެޗްސީއެފްސީ ގޭސް އެކުލެވޭ އާލާތްތައް އެތެރެ ކުރުން މަނާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި އެޗްސީއެފްސީ ބޭނުން ކުރުން މަދުކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މަސް ފިނިކުރާ އިކުއިޕްމަންޓުތައް އެޗްސީއެފްސީ ފްރީ އިކުއިޕްމަންޓުތަކަށް ބަދަލުކުރުމުގެ ގޮތުން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހަ ކުންފުންޏަކަށް ސަރުކާރުން މާލީ އެހީ ދީފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
ދެހާސް ވިހި ވަނަ އަހަރުގެ ކުރިން އެއްވެސް ވަރަކަށް އެޗްސީއެފްސީ ބޭނުން ނުކުރާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަމުން އަންނަ އިރު 2008 ވަނަ އަހަރު ރާއްޖެ ވަނީ ސީއެފްސީ ބޭނުން ކުރުން ހުއްޓާލި ފުރަތަމަ ގައުމުގެ ޝަރަފު ހޯދައިފައެވެ.