ކުޅިވަރު

މެޓްރޯފްލެކްސްގެ ނަމުގައި މުޅިންއާ ޖިމެއް ހުޅުވައިިފި

Sep 17, 2016
6
  • ޖިމްގައި ތަފާތު ޕެކޭޖުތައް ހިމެނޭ
  • ހާއްސަ ކެއުންތައް ގެއަށް ގެންގޮސްދޭ
  • ތަނަވަސް، ހިތް ގައިމު މާހައުލެއް

މެޓްރޯފްލެކްސްގެ ނަމުގައި މުޅިންއާ ޖިމެއް މެޓްރޯ ފިޓްނަސް ގްރޫޕު (އެމްއެފްޖީ) އިން މާލޭގައި ހުޅުވައިފި އެވެ.

ރާއްޖެ އަށް އާ މެޝިންތަކާއެކު މ. އައިލެކްސްގެ ފުރަތަމަ ބުރީގައި ހުޅުވި ޖިމާބެހޭ ގޮތުން އެމްއެފްޖީގެ އެމްޑީ ވިދާޅުވީ މި ޖިމްގެ ތަފާތަކީ ބޮޑު އެއްޗެއް އެއްފަހަރާ ނެގުމުގެ ބަދަލުގައި ހިދުމަތް ހޯދަންދާ މީހާ ބޭނުންވާ ގޮތަށް ޕްރޮގްރާމް ބައްޓަން ކުރުން ކަމަށެވެ. މީގެ އިތުރުން މެޓްރޯފްލެކްސް ޖިމަށްދާ މީހުންނަށް ބޭނުންވާ ޑައެޓް ޕްލޭން ވެސް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ޖިމް [މެޓްރޯފްލެކްސް] ގައި ހުންނާނެ އެޑްއޯން ޕެކޭޖެއް. މި ޕެކޭޖު މަންތްލީކޮށް ޕޭކޮށްލުމުން ބޭނުންވާ މީލް ފޮނުވައި ދޭވޭނެ. އެންމެ ގިނައިން ފޯރުކޮށްދެވޭނީ ފަސް ގަޑިއިރުގެ މީލް. މި މީލްތަކުގެ އަގުތައް ރެސްޓޯރެންޓްތަކަށްވުރެ އަގު ހެޔޮވާނެ،" ސޮބާހު ވިދާޅުވި އެވެ.

މެޓްރޯފްލެކްސް ޖިމްގައި ތިން ޕެކޭޖެއް ހިމެނެ އެވެ. އާއްމުކޮށް ޖިމުގެ ހިދުމަތް ބޭނުންކުރާ މީހަކަށް ނަގަނީ ގާތްގަނޑަކަށް 1،000ރ. އެވެ. މީގެ އިތުރުން ދެން ހުރި ޕެކޭޖުތަކުގައި ޕާސަނަލް ޓްރެއިނިން ނެގޭނެ ޕެކޭޖެއް ވެސް ހިމެނެ އެވެ.

"އާއްމުކޮށް އެހެން ޖިމްތަކުގައި ޕާސަނަލް ޓްރެއިނި އަށް 3،000-4،000ރ. ވަރު ނަގާ. އެކަމަކު މިތަނުން މި ބަދަލީ ހިދުމަތް ހޯދާ މީހާ ބޭނުންވާ ގޮޮތަށް. ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖުތައް ހުންނާނީ. ޖިމްގައި އަބަދު ވެސް އިންސްޓްރަކްޓަރުން ތިބޭނެ. އެހެންވެ އަބަދު ވެސް އިންސްޓްރަކްޓަރުންގެ ހިދުމަތް ލިބޭނެ،" ސޮބާހު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 1،800 އަކަފޫޓުގެ ތަނަވަސް ޖާގަ އޮންނަ މެޓްރޯފްލެކްސް ޖިމްގައި ބޭނުންކުރަނީ "ލައިފް ފިޓްނަސް" އާއި "ޓެކްނޯޖިމް" މަރުކާގެ އިކްއިޕްމަންޓް ތަކެވެ. މި މަރުކާގެ މެޝިންތަކުގެ ތެރޭގައި ބަނޑު ހިންދުމަށް ހާއްސަ މެޝިންތަކާއި ޑެޑްލިފްޓް އަދި ކޮނޑުގެ މަސް ތަކާއި މޭމަތީގެ މަސްތަނަށް ކަސްރަތު ލިބައިދިނުމަށް ބޭނުންކުރާ ހާއްސަ މެޝިން ވެސް ހިމެނެ އެވެ.